ޓިކްޓޮކް ހިންގުމަށް ބޭނުންކުރާ އަލްގޮރިދަމްސް ތަކަކީ ބައިޓް ޑާންސްގެ އޮޕަރޭޝަންތަކަށް ވަރަށް މުހިންމު އެއްޗެއް. މި ސަބަބާ ހުރެ އެ އެޕްލިކޭޝަން ވިއްކާލުން ނާދިރު.

ބައިޓްޑާންސް އިން އިސްކަންދޭނީ އެމެރިކާގައި ޓިކްޓޮކް ވިއްކާލުމުގެ ބަދަލުގައި ހުއްޓާލަން: ރިޕޯޓް

އަންނަ ޖަނަވަރީ މަހުގެ 19ގެ ކުރިން އެމެރިކާގައި ޓިކްޓޮކް ވިއްކާލުމަށް މަޖުބޫރު ކުރުވާ ގާނޫނާ ދެކޮޅަށް ބައިޓްޑާންސް އިން ވަނީ ކޯޓަށް ގޮސްފައި

އެމެރިކާގެ އެޕް ސްޓޯރުތަކުން ޓިކްޓޮކް ނެގުމަށް މަޖުބޫރު ކުރާ ގާނޫނާ ދެކޮޅަށް މަސައްކަތް ކޮށްގެން ނާކާމިޔާބުވި ނަމަވެސް ބައިޓްޑާންސް ކުންފުނިން ބޮޑަށް ބޭނުން ވާނީ ގެއްލުމުގައި ހިންގަމުން އަންނަ ޓިކްޓޮކް ވިއްކާލުމުގެ ބަދަލުގައި އެ އެޕްލިކޭޝަން އެމެރިކާގައި ހުއްޓާލަން ކަމަށް ހަތަރު ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.

ބައިޓްޑާންސްގެ މައި ކުންފުންޏާ ގާތް ގުޅުމެއް އޮންނަ މި ހަތަރު ފަރާތުން ބުނި ގޮތުގައި، ޓިކްޓޮކް ހިންގުމަށް ބޭނުން ކުރާ އަލްގޮރިދަމްސް ތަކަކީ ބައިޓްޑާންސްގެ އޮޕަރޭޝަންތަކަށް މުހިންމު އެއްޗެއް ކަމަށް ވުމުން މި އެޕްލިކޭޝަން އަލްގޮރިދަމްތަކާ އެކު ވިއްކާލުން ވަރަށް ނާދިރެވެ.

އެ ފަރާތްތަކުްނ އިތުރަށް ބުނި ގޮތުގައި، ބައިޓްޑާންސް އަށް ލިބޭ އާމްދަނީ އާއި އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ކޮންމެ ދުވަހަކު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންގެ ތެރެއިން ޓިކްޓޮކް އެޕްލިކޭޝަން ހިއްސާ ކުރަނީ ވަރަށް މަދު މިންވަރެކެވެ. އެހެންކަމުން އެންމެ ނޭދެވޭ ހާލަތުގައި ވެސް ވިއްކާލުމުގެ ބަދަލުގައި ބައިޓްޑާންސް އިން ބޮޑަށް ބުރަ ވާނީ އެމެރިކާގައި ޓިކްޓޮކް ހުއްޓާލުން ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ޓިކްޓޮކްގެ ސީއީއޯ ޝޫ ޒީ ޗީވް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާގެ 170 މިލިއަން މީހުން ބޭނުންކުރަމުން އަންނަ މަޝްހޫރު ކުރު ވީޑިއޯ އެޕްލިކޭޝަން މަނާކުރުމަށް ރައީސް ޖޯ ބައިޑަން މި ހަފްތާގައި ތަސްދީގު ކުރެއްވި ގާނޫނު އަނބުރާލުމަށް ކޯޓުތަކުގެ ތެރެއިން ބައިޓްޑާންސް އަށް ކާމިޔާބު ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެމެރިކާ ސެނެޓުގެ ބޮޑު އަގުލަބިއްޔަތަކާ އެކު ފާސްވި ޓިކްޓޮކް މަނާކުރާ ބިލްގެ އަސާސް އަކީ އެމެރިކާގެ އެތައް މިލިއަން އާންމު ރައްޔިތުންނެއްގެ މައުލޫމާތު ޗައިނާ ސަރުކާރުން ސާވެއިލަންސް ކުރުމަށް ބޭނުންކޮށްފާނެ ކަމަށް ވޮޝިންޓަނުގައި އޮތް ކަންބޮޑުވުން ތަކެވެ.

ރައީސް ބައިޑަން އެ ބިލް ތަސްދީގު ކުރެއްވުމާ އެކު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 19ގެ ކުރިން ޗައިނާގެ ބައިޓްޑާންސް ކުންފުނިން ޓިކްޓޮކްގެ އެމެރިކާ ގޮފި ވިއްކާލަން ޖެހެ އެވެ. އަދި ބައިޓްޑާންސް އިން މިކަން ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބެލެވޭނަމަ އެ މުއްދަތަށް އިތުރު ތިން މަސް ދުވަސް އިތުރުކުރުމުގެ އިހްތިޔާރު އެމެރިކާ ރައީސް އަށް ލިބިގެން ވެއެވެ.

ޓިކްޓޮކް ވިއްކާލުމަށް ބައިޓްޑާންސް އިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ (ވީޑިއޯ/ބްލޫމްބާގް ޓެލެވިޝަން)

ބައިޓްޑާންސް ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ވަންނަނީ ޓިކްޓޮކްގެ ދުއޮޔިން ވާޝަން ފަދަ ޗައިނާގައި ހިންގަމުން އަންނަ އެޕްލިކޭޝަންތަކުން ނެވެ. އެެމެރިކާގައި ހިންގަމުން އަންނަ ޓިކްޓޮކް އިން ހިއްސާ ކުރަނީ ކުންފުންޏަށް ވަންނަ އާމްދަނީގެ %25 ކަމަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ބައިޓްޑާންސް ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ އަހަރު ހުރި 80 ބިލިއަން ޑޮލަރުން 120 ބިލިއަން ޑޮލަރަށް އަރާފައި ކަމަށާއި، ކޮންމެ ދުވަހަކު ބައިޓްޑާންސްގެ އެޕްލިކޭޝަންތައް ބޭނުންކުރާ ކަސްޓަމަރުންގެ ޖުމްލަ އަދަދުގެ ތެރެއިން އެމެރިކާގެ ޓިކްޓޮކްއަށް ނިސްބަތް ވަނީ އެންމެ %5 ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް