އިނގިރޭސި ފުލުހުން ސައިބާ ގޭންގުގެ މީހަކު ހައްޔަރުކޮށްގެން ގެންދަނީ.

ސައިބަކްރައިމް

އިނގިރޭސި ފުލުހުން ސައިބާ ފްރޯޑް ބޮޑު ގޭންގެއް އަތުލައިގެންފި

ފުލުހުން ބުނި ގޮތުގައި މި ގޭންގުން ހިންގި 'ފިޝިންގް' ސްކޭމް މަޅިތަކުގައި ޖެހުން އެންމެ ގާތީ ޓެކްނޮލޮޖީއާ ރަހްމަތްތެރި ޒުވާނުން

ޓެކްސްޓު މެސެޖުތަކެއް ފޮނުވައިގެން މީހުންގެ އަތުން ފައިސާ ދަމައިގަތުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެއް ކުށްވެރިންނަށް ފޯރުކޮށްދެމުން ދިޔަ ގޭންގެއް އިނގިރޭސިވިލާތުގެ ފުލުހުން އަތުލައިގެންފި އެވެ.

އިނގިރޭސި ފުލުހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ގޭންގުގައި ހިމެނޭ 37 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މި ގޭންގުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ފުލުހުން އަންނަނީ ކޮންޓެކްޓު ކުރަމުންނެވެ.

އިނގިރޭސި ފުލުހުން ބުނި ގޮތުގައި މި ގޭންގުން ހިންގި 'ފިޝިންގް' ސްކޭމް މަޅިތަކުގައި ޖެހުން އެންމެ ގާތީ ޓެކްނޮލޮޖީއާ ރަހްމަތްތެރި ޒުވާނުންނެވެ. 

ފުލުހުން މި ގޭންގު އަތުލައިގަތީ އެ މީހުން ބޭނުން ކުރަމުން ދިޔަ 'ލެބްހޯސްޓް' ވެބްސައިޓު މެދުވެރިކޮށެވެ. އެ ވެބްސައިޓު މެދުވެރިކޮށް، އެކިއެކި ބޭނުންތަކުގައި އޮންލައިންކޮށް ފައިސާ ދައްކަން ބުނާ މެސެޖުތައް މީހުންނަށް ފޮނުވެ އެވެ. 

އަދި މި ވެބްސައިޓު ބޭނުންކޮށް އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހޯދައި މީގެ ތެރޭގައި 480،000 މީހުންގެ ކާޑު ނަމްބަރާއި 64،000 ޕިން ކޯޑު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މި ސްކޭމުގައި ވަގަށް ނެގި ފައިސާގެ މިންވަރެއް އެނގިފައި ނުވި ނަމަވެސް މި ވެބްސަައިޓަށް ލިބުނު ޖުމްލަ ފަައިދާ 1.25 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ފުލުހުން ލަފާކުރެ އެވެ.

އިނގިރޭސި މެޓްރޮޕޮލިޓަން ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނާ ޑޭމް ލިން އޮވެންސް ވިދާޅުވީ "ގާނޫނާ ހިލާފު އެހެން އެއްވެސް ކަމަކުން ގެއްލުން ނުވާވަރަށް ސްކޭމްތަކުން އާންމުންނަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑު" ކަމަށެވެ.

އިނގިރޭސި ގައުމީ އިކޮނޮމިކް ކްރައިމް ސެންޓާގެ ޑިރެކްޓަރު އެޑްރިއަން ސިއާލެ ވިދާޅުވީ "ކުށްތަކަށް އަރައިގަނެވޭނެ ގޮތް ގާތްގަނޑަކަށް ސިނާއީ ފެންވަރެއްގައި ޓެކްނޮލޮޖީ އިން ފޯރުކޮށްދެމުންދާ" ކަމަށެވެ.

އަަދި އިނގިރޭސިވިލާތާއި އެހެން ހިސާބުތަކުގައި ތިބި މީހުންނާ ދެކޮޅަށް ބޭނުން ކުރެވިދާނެ މިފަދަ ފަސޭހަ ފުރުސަތުތައް ލެބްހޯސްޓް އިން ކުށްވެރިންނަށް ފޯރުކޮށްދެމުން ދިޔަ ކަމަށް ސިއާލެ ވިދާޅުވި އެވެ.

އިނގިރޭސި ފުލުހުން ވަނީ ލެބްހޯސްޓްގެ ހިދުމަތް ބޭނުން ކުރުމަށް މަހަކު 300 ޕައުންޑް ދައްކަމުން ދިޔަ 800 ކުށްވެރިންގެ އީމެއިލް އެޑްރެސް ވެސް ހޯދާފަ އެވެ.

އިންޓަނެޓުގައި ހަރަކާތްތެރިވަމުންދާ ކުށްވެރިން ދެެނެގަތުމަށް އިނގިރޭސިވިލާތުގެ މާލީ އިދާރާތަކުން ގާއިމުކޮށްފައިވާ ޓީމު 'ސައިބާ ޑިފެންސް އެލަޔަންސް'ގެ ރާޑަރަށް މި ގޭންގު އަރާފައި ވަނީ 2022ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް