ޓެސްލާ.

ޓެސްލާއިން މުވައްޒަފުންގެ %10 މަދުކުރުމަށް ނިންމައިފި

އިލެކްޓްރިކް އުޅަނދުތަކަށް އޮތް ޑިމާންޑު ދަށްވެ، ވާދަވެރިކަން ބޮޑުވުމުގެ އަސަރު ޓެސްލާއަށް ވަނީ ކުރަން ފަށާފައި

އިލެކްޓްރިކް އުޅަނދުތައް އުފައްދާ ބިލިއަނަރު އީލޮން މަސްކުގެ ޓެސްލާ ކުންފުނިން %10 މުވައްޒަފުން މަދުކުރުމަށް ނިންމައިފި އެވެ.

މި ހަބަރު ފުރަތަމަ ރިޕޯޓުކުރި އިލެކްޓްރެކް ވެބްސައިޓްގައިވާ ގޮތުން، މަސްކު މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި މިއީ އޭނާ ކުރައްވަން އެންމެ ހިތްހަމަނުޖެހޭ ކަންތައް ކަމަށާއި "ނަމަވެސް މިކަން ކުރަން ޖެހޭ" ކަމަށް ވިދާޅުވިކަމަށް ބުނެފައިވެ އެވެ.

ދުނިޔޭގައި މިވަގުތު އޮތް ކާރު އުފައްދާ އެންމެ އަގުބޮޑު ޓެސްލާ ކުންފުނީގެ އެންމެ ފަހުގެ އަހަރީ ރިޕޯޓް ބުނާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގައި 140،473 މުވައްޒަފުން ތިއްބެވެ.

"ކުންފުނީގެ ފުރިހަމަ މުރާޖައާއެއް ހަދާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުންފުނީގެ މުވައްޒަފުންގެ %10 މަދުކުރުމުގެ އުނދަގޫ ނިންމުން ނިންމައިފިން،" މަސްކުގެ އީމެއިލްގައިވެ އެވެ. 

"މިއަށް ވުރެ އަހަރެން ކުރަން ހިތްހަމަނުޖެހޭ ކަމެއް ނެތް، އެކަމު މިކަން ކުރަން ޖެހޭ. މި ފިޔަވަޅުގެ ސަބަބުން ކުންފުނި ކުރިއަށް ދާން ދެން އޮތް ހަރުފަތަށް ގެންދަން ދަހިވެތިވެ، އުފެއްދުންތެރިވެ، ހަރަދުތައް ކުޑަކުރުމަށް އެހީތެރި ވެދޭނެ."

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓު ޓެސްލާއިން ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ފަހުކޮޅު އެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރުގެ ފުރަތަމަ ކުއާޓަރާ ހިލާފަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިކުނު ކާރުތަކުގެ އަދަދު މަދުވެފައިވާ ކަމަށް އެ ކުންފުނިން ވަނީ މިހާރު ވެސް ރިޕޯޓުކޮށްފަ އެވެ. ބައެއް މާހިރުން މި ނަތީޖާ ސިފަކުރައްވާފައި ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއްގެ ގޮތުގަ އެވެ.

މިދިޔަ މަހު ޓެސްލާއިން ވަނީ ޗައިނާގެ ޝަންހާއީގައި ހުންނަ ކާރުހާނާއިން އުފައްދާ ކާރުތަކުގެ އަދަދު މަދުކޮށްފަ އެވެ. އަދި އެމެރިކާގެ ޓެކްސަސްގައި ހުންނަ ކާރުހާނާގައި 'ސައިބާޓްރަކް' އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ވެސް ޓެސްލާއިން ވަނީ މަދުކޮށްފަ އެވެ.

މި ބަދަލުތަކުން އިލެކްޓްރިކް އުޅަނދުތަކަށް އޮތް ޑިމާންޑު ދަށަށް ގޮސްފައިވާކަމުގެ އަސަރުތައް ޓެސްލާއަށް ކުރަން ފަށާފައިވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ޓެސްލާއިން މުވައްޒަފުން މަދުކުރުމަށް ނިންމުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ޓެސްލާގެ ވަރުގަދަ މާކެޓެއް ކަމުގައިވާ ޗައިނާގައި އިލެކްޓްރިކް އުޅަނދުތަކާ ބެހޭ ސިނާއަތުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުތަނާހެން ޗައިނާގެ ބީވައިޑީ ކުންފުނިން ވަނީ ޓެސްލާ ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނީގެ ލަގަބު ހޯދާފަ އެވެ.

އަދި ޗައިނާގެ މަޝްހޫރު ފޯނު އުފައްދާ ޝާއުމީ ކުންފުނިން ވަނީ މިމަހު އިލެކްޓްރިކް ކާރު އުފައްދާ ވިއްކަން ފައްޓާފަ އެވެ. ޝާއުމީގެ ފުރަތަމަ ކާރުގެ އަގު ވެސް ޓެސްލާގެ މޮޑެލް ތިނަކަށް ވުރެ ބޮޑުތަން އަގުހެޔޮ ހެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް