ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް. (ފޮޓޯ/އޭއެފްޕީ)

ޓެސްލާގެ ރޮބޯޓެކްސީ އޯގަސްޓް މަހު ދައްކާލާނެ ކަމަށް އީލޮން މަސްކު ވިދާޅުވެއްޖެ

ރޮބޯޓެކްސީގެ ވާހަކަ މަސްކު ދައްކަވަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައި

ޓެސްލާއިން މިހާރު އުފައްދަމުން އަންނަ ރޮބޯޓެކްސީ އަންނަ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު ދައްކާލާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކު ވިދާޅުވެއްޖެ އެވެ.

ރޮބޯޓެކްސީގެ ވާހަކަ މަސްކު ދައްކަވަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އަދި މިފަދަ އާ އުފެއްދުމެއް ލޯންޗުކުރުމުން ވާދަވެރިކަން ބޮޑުވެފައިވާ އިލެކްޓްރޯނިކް ކާރު ސިނާއަތުގައި ޓެސްލާއަށް ފައިސާ ވަންނާނެ އާ މަގެއް ފެންނާނެކަމަށް ވަނީ ބެލެވިފަ އެވެ.

ރޮބޯޓެކްސީއާ ބެހޭގޮތުން މަސްކު ކުރެއްވި ޓުވީޓާ ގުޅިގެން ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %3 އުފުލިފަ އެވެ. 

ޓެސްލާއިން އުފައްދާ ކާރުތައް އިންސާނެއްގެ އެއްވެސް އެހީތެރިކަމަކާ ނުލާ ތިން އަހަރު ދުވަހުގެ ތެރޭގައި ދުއްވޭނެ ކަމަށް މަސްކު ވަނީ ކުންފުނީގެ ހިއްސާދާރުންނަށް ވިދާޅުވެފަ އެވެ. އަދި އިންސާނެއްގެ އެހީތެރިކަމާ ނުލާ އެމެރިކާގެ އެއް ކޮޅުން އަނެއް ކޮޅަށް ދުއްވޭނެ ގާބިލުކަން ހުންނަ ކާރެއް 2017 ނިމޭ ހިސާބުގައި ދައްކާލާކެ ކަމަށް 2016 ގައި މަސްކު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިފަދަ ކާރެއް ނުވަތަ މިފަދަ ފެންވަރެއްގެ ޓެކްނޮލޮޖީއެއް ޓެސްލާއަކަށް އަދި ވެސް ދައްކާލެވިފައެއް ނުވެ އެވެ. މިހާރު ޓެސްލާއިން ވިއްކަމުން އަންނަ ކާރުތަކުގައި މި ޓެކްނޮލޮޖީ ކޮންމެ ވެސް މިންވަރަކަށް ހިމަނާފައި ވާއިރު، ކާރުގައި އިންނަ ޑްރައިވަރު އިންނަން ޖެހެނީ ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ކާރު އޮޕަރޭޓު ކުރުމަށް ތައްޔާރުވެ ސަމާލުކަން ދީގެން ނެވެ.

މި ދާއިރާއިން ޓެސްލާއާ ވާދަކުރަމުން އަންނަ ގޫގުލްގެ ވެރި އަލްފަބެޓް ކުންފުނިން މި ހިދުމަތް ދިނުމަށް އުފައްދާފައިވާ ވޭމޯ ކުންފުނިން އަންނަނީ ޑްރައިވަރެއްގެ ބޭނުމެއް ނުޖެހޭ ކާރުތައް އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި އޮޕަރޭޓު ކުރަމުން ނެވެ. މީގެ ތެރޭގައި ފީނިކްސް، ސެން ފްރެންސިސްކޯ އަދި ލޮސް އެންޖެލީސް ހިމެނެ އެވެ. އަދި މިފަދަ ވެހިކަލްތައް ބޭނުންކޮށް އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ކާބޯތަކެތި ޑެލިވަރީ ކުރުމަށް އޫބާ އީޓްސް އާ އެކު ވޭމޯ އިން ވަނީ މިފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޓެސްލާގެ ރޮބޯޓެކްސީ ދައްކާލާނެކަމަށް މަސްކު ވިދާޅުވުމާ ގުޅޭ (ވީޑިއޯ/އޭބީސީ7 ނިއުސް ބޭ އޭރިއާ)

ޗައިނާގެ ޑީޑީ ކުންފުނިން ވެސް އަންނަނީ މިފަދަ ހިދުމަތެއް ވިޔަފާރިތަކަށް ޗައިނާގެ ގުއަންގްޒޫ ފަދަ ސިޓީތަކުގައި ފޯރުކޮށްދެމުން ނެވެ. އަދި އިނގިރޭސިވިލާތުގެ ވޭވީ އާއި އެމެރިކާގެ ޒޫކްސް އިން އަންނަނީ އެ ކުންފުނީގެ ރޮބޯޓެކްސީތައް މިހާރު ޓެސްޓު ކުރަމުން ނެވެ.

މި ސިނާއަތަށް ވަނުމަށް އަހަރުތަކެއް ވަންދެން މަޝްހޫރު އެޕަލް ކުންފުނިން މަސައްކަތްތަކެއް ކުރި ނަމަވެސް، އެޕަލް އިން މިހާރު މި ޕްރޮޖެކްޓް މަޑުޖައްސާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް