އެންވިޑިއާ.

އެންވިޑިއާ އިން އިންޑޮނީޝިއާގައި އާޓިފިޝަލް އިންޓެލިޖެންސް ސެންޓަރެއް ހަދަނީ

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެންވިޑިއާގެ ވިޔަފާރި އަަންނަނީ ހަލުވިކަމާ އެކު ކުރިއަރަމުން

އިންޑޮނީޝިއާގެ ޓެލެކޮމް ކުންފުނި އިންޑޯސެޓް އުރީދޫ ހަޗިންސަންއާ އެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން އެ ގައުމުގައި 200 މިލިއަން ޑޮލަރުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސެންޓަރެއް ގާއިމު ކުރުމަށް އެންވިޑިއާއިން ވިސްނަމުންދާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑޮނީޝިއާގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ބޫދީ އާރީ ސެތިއާޑީ ވިދާޅުވިގޮތުގައި، މި ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލް ޖާވާ ޕްރޮވިންސުގައި އޮންނަ ސުރަކާޓާ ސިޓީގަ އެވެ. އަދި މި ސެންޓަރާ އެކު ސަރަހައްދީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތާއި އިންސާނީ ވަސީލަތްތަކާއި ޑިޖިޓަލް ހުނަރުތައް ވަރުގަދަވެގެން ދާނެކަމަށް ސެތިއާޑީ ވިދާޅުވި އެވެ.

ޓެކްނޮލޮޖީ އާއި އޭއައިގެ ދާއިރާއިން އިންޑޮނީޝިއާ އާ ހަރުފަތަކަށް ގެންދިޔުމަށް އެންވިޑިއާގެ ބްލެކްވެކް ޗިޕު ޓެކްނޮލޮޖީތައް ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށް މިދިޔަ މަހު އިންޑޯސެޓް އިން ވަނީ އިއުލާނުކޮށްފަ އެވެ.

ގަތަރުގެ އުރީދޫ އާއި ހޮންގް ކޮންގްގެ ސީކޭ ހަޗިންސަން ކުންފުނިން އެކުވެގެން 2022 ވަނަ އަހަރު އުފެއްދި އިންޑޯސެޓް އުރީދޫ ހަޗިންސަން އަކީ އިންޑޮނީޝިއާގައި ދެވަނައަށް އެންމެ ބޮޑު މޯބައިލް އޮޕަރޭޓަރެވެ.

އެންވިޑިއާއިން އިންޑޮނީޝިއާގެ އޮޕަރޭޝަންތައް އިތުރުކުރަމުން މިދަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައިވާ ގައުމުތަކުގެ ޑިޖިޓަލް އިގްތިސާދުތައް ފުޅާވެ، ޑޭޓާއަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނަނިކޮށެވެ.

ސިންގަޕޫރުގެ ޓެލެކޮމް ކުންފުނި ސިންގްޓެލް އިން ވެސް ވަނީ މިދިޔަ ޖަނަވަރީ މަހު އެ ކުންފުނީގެ ޑޭޓާ ސެންޓަރުތަކުގައި އެންވިޑިއާގެ އޭއައި ގާބިލުކަން ބޭނުންކުރަން ޕާޓްނަޝިޕެއް ހަދާފައިވާކަން އިއުލާނުކޮށްފަ އެވެ.

އަގުބޮޑު ޑޭޓާ ސެންޓަރުތައް ކަސްޓަމަރުން އަމިއްލައަށް ގާއިމުކުރުމުގެ ބަދަލުގައި ސިންގްޓެލް އިން އޭއައި ކޮމްޕިއުޓިން ބާރު އެންވިޑިއާގެ އެހީތެރިކަމާ އެކު ފޯރުކޮށްދޭނެ ކަމަށް ސިންގްޓެލް އިން ވަނީ މިދިޔަ މަހު އިއުލާނުކޮށްފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ވެފައި ވަނީ އެންވިޑިއާއަށް ވިޔަފާރި ރަނގަޅު ސަރަހައްދަކަށެވެ. އެންވިޑިއާގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުން އެ ކުންފުންޏަށް ލިބިފައިވާ އާމްދަނީގެ %15 ވަދެފައި ވަނީ ސިންގަޕޫރުންނެވެ. ސިންގަޕޫރުގެ އިތުރުން ޓައިވާނުން %24 އަދި ޗައިނާ އާއި ހޮންގް ކޮންގް އިން %22 އެންވިޑިއާގެ އާމްދަނީގައި ހިއްސާވެފައި ވެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޭއައިއަށް އޮތް ޑިމާންޑާ ބޮޑުވަމުން އަންނަ އިރު، އެންވިޑިއާއިން ގާއިމް ކޮށްފައިވާ ޑޭޓާ ސެންޓަރުތަކުން އެ ކުންފުންޏަށް 18 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެންމެ ފަހުން ޝާއިއުކޮށްފައިވާ މާލީ ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް