އެމެރިކާގެ ޖާސޫސީ އިދާރާގެ ކޮންޓްރެކްޓެއްގެ ދަށުން ސްޕޭސްއެކްސް އިން އަންނަނީ އެތަކެއް ސަތޭކަ ސެޓެލައިޓުތައް ހިމެނޭ ނެޓްވޯކެއް ގާއިމު ކުރަމުން.

ޖާސޫސް ކުރުމަށް ސްޕޭސްއެކްސް ބޭނުން ނުކުުރުމަށް އެމެރިކާއަށް ރަޝިޔާގެ އިންޒާރެއް

ސެޓެލައިޓުތައް ވައްޓާލެވޭ ހަތިޔާރެއް ރަޝިޔާއިން އުފައްދަމުންދާ ކަމަށް އެމެރިކާ އިން މިދިޔަ މަހު ތުހުމަތުކޮށްފައިވޭ

ސްޕޭސްއެކްސް ފަދަ ކުންފުނިތަކުން ވިޔަފާރި ބޭނުމަށް ލޯންޗުކުރާ ސެޓެލައިޓުތަކުގެ ބޭނުން ހިފުމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން މަސައްކަތް ކުރާކަން އެނގިފައިވާ ކަމަށާއި އެފަދަ ހާލަތްތަކުގައި ސެޓެލައިޓުތަކަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް ރަޝިޔާއިން އިންޒާރު ދީފި އެވެ.

ބިލިއަނަރު އީލޮން މަސްކުގެ ޖައްވީ ކުންފުނި ސްޕޭސްއެކްސް އިން، އެމެރިކާގެ ޖާސޫސީ އިދާރާއިން ދީފައިވާ ސިއްރު ކޮންޓްރެކްޓެއްގެ ދަށުން، އެތައް ސަތޭކަ ސެޓެލައިޓުތަކެއްގެ މައްޗަށް އެކުލެވޭ ނެޓްވޯކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޮއިޓާސް ނޫސް އެޖެންސީ އިން ވަނީ މި މަހު ރިޕޯޓުކޮށްފަ އެވެ.

"ޖައްވީ އަސްކަރީ ތަސައްވުރެއް ގާއިމު ކުރުމަށް ޕްރައިވެޓް ސެކްޓަރުގެ ބޭނުން ހިފުމަށް ވޮޝިންޓަނުން މަސައްކަތް ކުރާކަން އަހަރެމެންނަށް ވަނީ އެނގިފައި،" ރަޝިޔާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ އިއްޔެ ރިޕޯޓަރުންނަށް ވިދާޅުވި އެވެ.

އެފަދަ ނިޒާމުތަކާ އެކު "ރައްދު ފިޔަވަޅުތައް އެޅުމުގެ ހައްގު ހުޅުވާލަދޭ. އަސްކަރީ ރައްދުތައް ވެސް،" ޒަކަރޯވާ ވިދާޅުވި އެވެ. 

ސްޕޭސްއެކްސްގެ ސްޓާޝީލްޑް ވިޔަފާރި ޔުނިޓުގެ ދަށުން ސެޓެލައިޓު ނެޓްވޯކެއް ގާއިމު ކުރަމުން މިދަނީ އެމެރިކާގެ ނެޝަނަލް ރެކޮނެސަންސް އޮފީސް (އެންއާރްއޯ) އިން އެ ކުންފުންޏާ އެކު 2021 ވަނަ އަހަރު ސޮއި ކުރި 1.8 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އެންއާރްއޯ އަކީ ޖާސޫސީ ސެޓެލައިޓުތައް މެނޭޖު ކުރުމަށް ގާއިމުކޮށްފައިވާ އިދާރާއެއް ކަމަށް، މިކަމާ ބެހޭ މައުލޫމާތު އެނގޭ ފަސް ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ރޮއިޓާސް އިން ބުނެފައި ވެ އެވެ. 

އަދި މި ޕްރޮގްރާމް ކާމިޔާބުވެއްޖެ ނަމަ ދުނިޔޭގެ ބިންމަތިން ހޯދަން ބޭނުން އެއްޗެއް ފަސޭހައިން އަވަސްކަމާ އެކު ހޯދުމުގެ ގާބިލުކަން އެމެރިކާ ސަރުކާރަށާއި އަސްކަރިއްޔާއަށް ލިބިގެން ދާނެ ކަމަށް އެ ފަރާތްތަކުން ރޮއިޓާސް އަށް މައުލޫމާތު ދީފައި ވެ އެވެ.

ސެޓެލައިޓުތައް ވައްޓާލުމުގެ ގާބިލުކަން ހުރި ޖައްވީ ހަތިޔާރެއް ރަޝިޔާއިން ބިނާކުރަމުންދާ ކަމަށް މިދިޔަ މަހު އެމެރިކާގެ ވައިޓް ހައުސް އިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މޮސްކޯ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް