އަންހެނަކު އޫބާ ޓެކްސީއެއްގައި.

ޓެކްނޮލޮޖީ

އޫބާ އިން އޮސްޓްރޭލިއާގެ ޓެކްސީ ޑްރައިވަރުންނަށް 178 މިލިއަން ޑޮލަރު ދެނީ

މި މައްސަލަ ޑްރައިވަރުން ކޯޓަށް ވައްދާފައި ވަނީ 2019 ވަނަ އަހަރު

އޮސްޓްރޭލިއާގެ ޓެކްސީ ޑްރައިވަރުން ކޯޓަށް ވައްދާފައިވާ މައްސަލައެއް ހައްލު ކުރުމަށް އޫބާ އިން 178.3 މިލިއަން ޑޮލަރުގެ ދެއްކުމަށް އެއްބަސްވެއްޖެ ކަމަށް ޓެކްސީ ޑްރައިވަރުން ތަމްސީލު ކުރާ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ޓެކްސީ ޑްރައިވަރުން މި މައްސަލަ ކޯޓަށް ވެއްދީ، ޑިޖިޓަލްކޮށް ޓެކްސީ ބުކް ކުރެވޭ އެޕްލިކޭޝަން ހިންގާ އޫބާ އިން އޮސްޓްރޭލިއާގައި އޮޕަރޭޝަންތައް ފެއްޓި ފަހުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ މަދުވެފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޑްރައިވަރުން ތަމްސީލު ކުރާ ވަކީލުންގެ ޓީމުން ބުނިގޮތުގައި މި މައްސަލައާ ދެކޮޅަށް އޫބާ އިން ވަނީ ކޯޓުގައި ވަރުގަދައަށް ވަކާލާތުކޮށްފަ އެވެ.

"ޓެކްސީ ޑްރައިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެކި ސްޓޭޓުތަކުގައިވާ ސްކީމުތަކަށް އޫބާ އިން 2018 ވަނަ އަހަރުން ފެށިގެން ފައިސާ ހަދިޔާކޮށްފައިވޭ. އަދި މިއަދު ހެދި މި އެއްބަސްވުމާ އެކު މި މައްސަލަ މި ވަނީ މާޒީވެފައި،" މި މައްސަލަ ހައްލުކުރުމަށް ފައިސާ ދެއްކުމަށް އެއްބަސްވެ އޫބާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އޫބާ އިން ބުނީ ކޯޓުން މި އެއްބަސްވުން ބަލައިގަންނަންދެން މިކަމާ ބެހޭ ތަފްސީލުތަކެއް ދެވެން ނެތް ކަމަށެވެ.

އޮސްޓްރޭލިއާގެ ޓެކްސީ ޑްރައިވަރުން މި މައްސަލަ ވިކްޓޯރިއާ ސްޓޭޓުގެ ސުޕްރީމް ކޯޓަށް ވައްދާފައި ވަނީ 2019 ވަނަ އަހަރު އެވެ.

"މި މައްސަލައިގައި ކާމިޔާބީއެއް ލިބިފައި މިވަނީ މިފަދަ އެތައް މައްސަލައެއް ފޭލުވެފައި ވަނިކޮށް. ވިކްޓޯރިއާ، ކުއީންސްލޭންޑް އަދި ވެސްޓަން އޮސްޓްރޭލިއާގައި [މިކަމާ ބެހޭ] މައްސަލަތައް ސަރުކާރާ ދެކޮޅަށް ހުށައަޅައި ފޭލުވެފައިވޭ،" މައުރީސް ބްލެކްބާން ވަކީލުންގެ ޓީމުގެ މައިކަލް ޑޮނެލީ ވިދާޅުވި އެވެ.

"އަހަރެމެންގެ ގްރޫޕު މެމްބަރުން އަހަރެމެންގެ ފަރާތުން އެދުނީ އަނެއްކާވެސް ބަހަނާތަކެއް ދެއްކުމަކަށް ނޫން، އެކަމު ނަތީޖާއެއް ނެރުމަށް. މިއަދު އަހަރެމެން މިވަނީ މިކަން ކާމިޔާބުކޮށްފައި."

އޫބާ އިން ދޭން އެއްބަސްވި ފައިސާ ދެއްކުމުގެ ކުރިން މިއީ ގްރޫޕުގެ މެމްބަރުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ ކޯޓުން އަދި ނިންމަންޖެހޭނެ އެވެ.

އޮސްޓްރޭލިއާ ޓެކްސީ ޑްރައިވަރުންނަށް 178 މިލިއަން ޑޮލަރު އޫބާ އިން ދޭން އެއްބަސްވުމާ ގުޅޭ (ވީޑިއޯ/7ނިއުސް އޮސްޓްރޭލިއާ)

އެމެރިކާގެ ސެން ފްރެންސިސްކޯއަށް ނިސްބަތްވާ އޫބާ ކުންފުނި އުފެއްދީ 2009 ވަނަ އަހަރު އެވެ. މި ކުންފުނިން މިހާރު ދުނިޔޭގެ 70 ވަރަކަށް ގައުމުގެ 10،000 އަށް ވުރެ ގިނަ ސިޓީގައި ހިދުމަތް ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް