އެއާބީއެންބީ.

ކުލީ ތަންތަނުގައި ސަވެއިލެންސް ކެމެރާ ބެހެއްޓުން އެއާބީއެންބީ އިން މަނާކޮށްފި

މިފިޔަވަޅު އެޅީ ގެސްޓުންނަށް ދޭ ޕްރައިވެސީ ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައި

ކުއްޔަށް ދޭ ތަންތަނުގައި ސެކިއުރިޓީ ކެމެރާ ބޭނުން ކުރުން މަނާކުރަން ނިންމާފައިވާ ކަމަށް އެއާއބީއެންބީ އިން ހާމަކޮށްފި އެވެ.

ކޮންމެ މީހަކަށް ވެސް ކޮޓަރި އާއި އެޕާޓްމަންޓް ފަދަ ތަންތަން ކުއްޔަށް ދޫކުރުމަށް ބޭނުންކޮށްލެވޭ ޕްލެޓްފޯމެއް ކަމުގައިވާ އެއާބީއެންބީ އިން ބުނިގޮތުގައި، އެ ކުންފުނީގެ ސިޔާސަތަށް ގެނައި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މޭ މަހުން ފެށިގެން ނެވެ.

އެއާބީއެންބީ އިން ބުނިގޮތުގައި މިފިޔަވަޅު އަޅަން ނިންމީ ސެކިއުރިޓީއާ ބެހޭ ގަވާއިދުތައް ފަސޭހަކޮށް، ގެސްޓުންނަށް ދޭ ޕްރައިވެސީއަށް އިތުރު މުހިންމުކަން ދިނުމަށެވެ.

އެއާބީއެންބީ ބޭނުންކުރާ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ އިންޑޯ ސަވެއިލެންސް ކެމެރާ ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މި ބަދަލުތައް ގެނައީ ގެސްޓުންނާއި، ކުއްޔަށް ދޭ ތަންތަނުގެ ވެރިންނާއި ޕްރައިވަސީއާ ބެހޭ މާހިރުންނާ މަޝްވަރާ ކުރުމަށް ފަހު. އަހަރުމެން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ އެންމެހާ ކަސްޓަމަރުންނަށް ފަސޭހަވޭތޯ ބެލުމަށް އަހަރުމެން އަބަދު ވެސް ހިޔާލު ހޯދާނަން،" އެއާބީއެންބީގެ ކޮމިއުނިޓީ ޕޮލިސީ އެންޑް ޕާޓްނަޝިޕްސްގެ ވެރިޔާ ޖުނިޕާ ޑައުންސް ނެރުއްވި ބަޔާނެއްގައިވެ އެވެ.

"އެއާބީއެންބީގައި ކުއްޔަށް ދިނުމަށް ޖަހާފައިވާ ގިނަ ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހުންނަކަމަށް ރިޕޯޓުކޮށްފައި ނެތުމުން ސިޔާސަތަށް ގެނައި މި ބަދަލުގެ އަސަރު ކުރާނީ ޕްލެޓްފޯމުގައިވާ ޖަހާފައިވާ މަދު ތަންތަނަކަށް،" އޭނާ ވިދާޅުވެފައިވެ އެވެ.

އެއާބީއެންބީ އިން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުތަކުގައި ސެކިއުރިޓީ ކެމެރާ ހަަރުކޮށްފައި ބެހެއްޓޭނެ ކަމަށް ބުނެފައި ވަނީ ސިޓިންގް ރޫމް އަދި ހޯލު ފަދަ ތަންތަނުގަ އެވެ. ކޮޓަރި އާއި ފާހާނާތަކުގައި ކެމެރާތައް ބެހެއްޓުމަކީ މަނާ ކަމެކެވެ. އަދި ކުއްޔަށް ހިފާ ފަރާތްތަކަށް އެނގޭނެ ގޮތަށް ކެމެރާތަކާ ބެހޭ މައުލޫމާތު ލިސްޓިންގް ތަކުގައި ޖަހާފައި ބެހެއްޓުމަށް ވެސް އެއާބީއެންބީގެ ގަވާއިދުތައް ލާޒިމު ކުރެ އެވެ.

އަލަށް ގެންނަ ބަދަލާ އެކު ގެއިން ބޭރުގައި ގޭތެރެއަށް އަމާޒުވާގޮތަށް ހުންނަ ކެމެރާތައް ވެސް ބޭނުންކުރުން މަނާވެގެންދާނެ އެވެ.

ކުލީ ތަންތަނުގައި ސަވެއިލެންސް ކެމެރާ ބެހެއްޓުން އެއާބީއެންބީ އިން މަނާކުރުމާ ގުޅޭ (ވީޑިއޯ/ޑަބްލިއުޖީއެން ނިއުސް)

ކެމެރާތަކާ ބެހޭ ގަވާއިދަށް އެއާބީއެންބީ އިން ބަދަލު ގެނައުމަށް ނިންމާފައި މިވަނީ، އެމެރިކާގެ މަޝްހޫރު 'ސަޓަޑޭ ނައިޓް ލައިވް' ޝޯގައި، އެއާބީއެންބީ އިން ކުއްޔަށް ނެގި ތަނެއްގެ ފާހާނައިގައި ފޮރުވާފައި އިން ކެމެރާއަކާ ބެހޭ ޖޯކް ވީޑިއޯއެއް ވައިރަލް ވިތާ މަދު ދުވަސް ކޮޅެއް ފަހުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް