ނިއުރަލިންކް.
ސިކުނޑިއަށް ޗިޕު ލެއްވި ބަލިމީހާއަށް ކޮމްޕިއުޓަރު މައުސް އެއް ކޮންޓްރޯލް ކުރެވޭ: އީލޮން މަސްކު
ނިއުރަލިންކް ކުންފުނިން އީޖާދު ކުރި ސިކުނޑީގެ ޗިޕު ލެއްވުނު ފުރަތަމަ ބަލިމީހާ ސިކުނޑީގެ ބާރު ބޭނުންކޮށް ކޮމްޕިއުޓަރެއްގެ މައުސް ކޮންޓްރޯލް ކުރެވޭ ކަމަށް އީލޮން މަސްކު ވިދާޅުވެއްޖެ އެވެ.
ސިކުނޑިއަށް ޗިޕު ލެއްވުނު "ބަލިމީހާ ވަނީ އެއްކޮށް ރަނގަޅުވެފައި. އަހަރުމެންނަށް އެނގިގެން އެއްވެސް މައްސަލައެއް ނެތް. އަދި މައުސް ކޮންޓްރޯލު ކޮށް، [ކޮމްޕިއުޓަރުގެ] ސްކްރީނުގައި މައުސް ހަރަކާތް ކުރުވާ ހަދާ އެބަ ހަމަ އެކަނި ސިކުނޑީގެ ބާރުގައި،" ސޯޝަލް މީޑިއާ އެކްސްގައި މަސްކު ލިޔުއްވި އެވެ.
ސިކުނޑިއަށް ލައްވާ ޗިޕެއް އީޖާދުކޮށްފައިވާ ނިއުރަލިންކް ކުންފުންޏަކީ އިންސާނުންގެ ސިކުނޑީގެ ސިގްނަލްތައް ބޭނުންކޮށް ޓެކްނޮލޮޖީތައް ކޮންޓްރޯލު ކުރުމަށް ގާއިމުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކުގެ ކުންފުންޏެކެވެ.
މި ޓެކްނޮލޮޖީއާ އެކު ވާހަކަ ނުދެއްކޭ، ލޯފަން އަދި ހަރަކާތް ނުކުރެވޭ މީހުންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް ނިއުރަލިންކް އިން އުއްމީދު ކުރެ އެވެ.
ނިއުރަލިންކް އިން ބަލިމީހެއްގެ ސިކުނޑިއަށް ޗިޕެއް ފުރަތަމަ ފަހަރަށް ލައްވާފައި ވަނީ މިދިޔަ މަހު އެވެ. މިކަން ކުރުމަށް އެ ކުންފުނިން ބޭނުން ކުރަނީ ރޮބޮޓެކެވެ.
ޓެސްލާ ކުންފުނީގެ ސީއީއޯ މަގާމު ވެސް ފުރައްވަމުން ގެންދަވާ މަސްކު ވިދާޅުވީ ނިއުރަލިންކް އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ "ވިސްނުމުގެ ބާރު ބޭނުންކޮށް ވީހާ ވެސް ގިނަ އަދަދަކަށް މައުސް ކްލިކުތައް" ބަލިމީހާގެ ފަރާތުން ހޯދުމަށެވެ. މީގެ ތެރޭގައި މައުސް މައްޗަށް އަދި ތިރިއަށް ހަރަކާތް ކުރުވުމަށާއި، ސްކްރީނުގައި 'ގޮޅިއެއް ދެމުން' ހިމެނޭ ކަމަށް މަސްކު ވިދާޅުވި އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ނިއުރަލިންކުގެ ތަހްލީލުތަކުގައި އިންސާނެއް ބޭނުން ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައި ވަނީ މިދިޔަ އަހަރުގެ މޭ މަހު އެވެ.