އެމެޒޯންގެ ބާނީ ޖެފް ބެޒޯސް

އެމެޒޯންގެ 4 ބިލިއަން ޑޮލަރުގެ ހިއްސާ ބެޒޯސް ވިއްކާލައިފި

މި އަހަރު ތެރޭގައި އެމެޒޯންގެ 50 މިލިއަން ހިއްސާ ބެޒޯސް ވިއްކާލަން ވިސްނަވާކަމަށް އެމެޒޯން އިން ބުނޭ
14 ފެބްރުއަރީ 2024

މަޝްހޫރު އެމެޒޯން ކުންފުނީގެ 4 ބިލިއަން ޑޮލަރުގެ ހިއްސާ އެ ކުންފުނީގެ ބާނީ އަދި ބިލިއަނަރު ޖެފް ބެޒޯސް ވިއްކާލައްވައިފި އެވެ.

ބެޒޯސް 1994 ވަނަ އަހަރު އުފެއްދެވި އެެމެޒޯން ކުންފުނިން ބުނީ މި މަހު ތެރޭ ބެޒޯސް ވަނީ ދެ ފަހަރެއްގެ މަތިން އެމެޒޯންގެ 24 މިލިއަން ހިއްސާ ވިއްކާލައްވާފައި ކަމަށެވެ. 

ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެކު ޖުމްލަ 50 މިލިއަން ހިއްސާ ވިއްކަން ބެޒޯސް ވިސްނަވަމުން ގެންދަވާ ކަމަށް ވެސް އެމެޒޯން އިން ވަނީ މިމަހު ކުރީ ކޮޅު ހާމަކޮށްފަ އެވެ.

ބެޒޯސް އެންމެ ފަހުން އެމެޒޯންގެ ހިއްސާ ވިއްކަވާފައި ވަނީ 2021ގަ އެވެ. އެކި ޖަމާއަތްތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށް ވެސް ބެޒޯސް ގެންދަވަނީ އެމެޒޯންގެ ހިއްސާ ދެއްވަމުންނެވެ.

މިދިޔަ އަހަރު ބެޒޯސް ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ސިޓީކަމުގައިވާ  ސިއޭޓަލް ވޮޝިންޓަނުން މިއާމީ ފްލޮރިޑާއަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ. މިއާ އެކު މިފަހަރު ބެޒޯސް އެމެޒޯން ހިއްސާ ވިއްކަވައިގެން ލިބިވަޑައިގެންނެވި ފައިސާއިން 280 މިލިއަން ޑޮލަރު ޓެކުހުގެ ގޮތުގައި ދައްކަން ޖެހުން އޭނާއަށް ސަލާމަތް ވާނެ އެވެ.

ވޮޝިންޓަން ސްޓޭޓުގައި ހިއްސާ ވިއްކައިގެން 250،000 ޑޮލަރަށް ވުރެ އިތުރު ފައިދާއެއް ލިބޭ ނަމަ %7 ޓެކްސް ދައްކަން ޖެހެ އެވެ. ނަމަވެސް ފްލޮރިޑާ ސްޓޭޓުގައި މި ޓެކްސް ދައްކާކަށް ނުޖެހެ އެވެ.

ބެޒޯސް އެމެޒޯން ކުންފުނީގެ ހިއްސާ ވިއްކާލެއްވުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ)

ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެޒޯން ކުންފުނީގެ ހިއްސާގެ އަގު ވަނީ %70 މައްޗަށް ޖެހިފަ އެވެ. ބެޒޯސް އަކީ އެމެޒޯންގެ އެންމެ ބޮޑު ހިއްސާދާރެވެ. ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބެޒޯސްގެ މިލްކިއްޔާތުގެ އަގު 190 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް