ނިއުރަލިންކް.

އީލޮން މަސްކުގެ ނިއުރަލިންކް ކުންފުނިން ސިކުނޑީގެ ފުރަތަމަ ޗިޕް އިމްޕްލާންޓް ކޮށްފި

އީލޮން މަސްކުގެ ނިއުރަލިންކް ކުންފުނިން އިންސާނެއްގެ ސިކުނޑިއަށް ކާމިޔާބު ކަމާ އެކު ވަޔަލަސް ޗިޕެއް ފުރަތަމަ ފަހަރަށް އިމްޕްލާންޓް ކޮށްފައިވާ ކަމަށް މަސްކު ވިދާޅުވެއްޖެ އެވެ.

އިބްތިދާއީ ނަތީޖާތަކުން ދައްކާގޮތުގައި މި ޗިޕުގެ ސަބަބުން ނިއުރޮން ސްޕައިކްސް ނުވަތަ ނާރުގެ ސިގްނަލްތައް ރަނގަޅުކަމަށާއި މި ޗިޕު އިމްޕްލާންޓް ކުރެވުނު ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މަސްކު ވަނީ ވިދާޅުވެފަ އެވެ.

ނިއުރަލިންކް ކުންފުނީގެ އަމާޒަކީ އިންސާނާގެ ސިކުނޑި ކޮމްޕިއުޓަރާ ގުޅުވާލާ ސިކުނޑިއާ ގުޅިފައިވާ އުނދަގޫ ގޮންޖެހުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރުމެވެ.

ނިއުރަލިންކްގެ އިތުރުން ވާދަވެރި އެހެން ކުންފުނިތަކުން ވެސް ވަނީ އިންސާނެއްގެ ސިކުނޑިއަށް ޗިޕުތައް މީގެ ކުރިން އިމްޕްލާންޓް ކޮށްފަ އެވެ.

ގިނަ ގޮންޖެހުންތަކަކަށް ފަހު އިންސާނެއްގެ ސިކުނޑީގައި ޗިޕުތައް ޓެސްޓު ކުރުމުގެ ހުއްދަ ނިއުރަލިންކް ކުންފުންޏަށް އެމެރިކާގެ އެފްޑީއޭ އިދާރާއިން ދީފައި ވަނީ މިދިޔަ އަހަރުގެ މޭމަހު އެވެ.

މި ހުއްދައާ އެކު އިންސާނާގެ ހަށިގަނޑަށް ހަރަކާތް ކުރުމުގެ ސިގްނަލްތައް ފޮނުވާދޭ ސިކުނޑީގެ ބައިގައި، އިސްތައްޓަކަށް ވުރެ ހިމަ 64 ރޮދި ރޮބޮޓެއް މެދުވެރިކޮށް ގާއިމުކުރުމަށް ހަ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ ދިރާސާއެއް ފެށުމަށް ވަނީ ހުއްދަ ލިބިގެން ގޮސްފަ އެވެ.

މި ރޮދިތަކުގެ ސަބަބުން އިމްޕްލާންޓް ކުރެވޭ ވަޔަޗިޕަށް ސިކުނޑީގެ ސިގްނަލްތައް ރެކޯޑު ކުރެވި އެ ސިގްނަލްތައް ވަޔަލަސްކޮށް އެޕްލިކޭޝަނަކަށް ފޮނުވި، އެ މީހަކު ހަރަކާތް ކުރަން ބޭނުންވާ ގޮތް ދެނެގަނެވިގެން ދާނެ އެވެ. ބެޓެރީ އެއް ވެސް ހިމެނޭ މި ޗިޕު ވަޔަލަސްކޮށް ޗާޖު ކުރެވެ އެވެ. 

ނިއުރަލިންކް ކުންފުނީގެ ފުރަތަމަ އުފެއްދުމަށް ދީފައިވާ ނަމަކީ 'ޓެލެޕަތީ' ކަމަށް ސޯޝަލް މީޑިއާ އެކްސްގައި މަސްކު ވަނީ ޕޯސްޓު ކުރައްވާފަ އެވެ. 

ޓެލެޕަތީ ބޭނުންކޮށް "ފޯނާއި ކޮމްޕިއުޓަރު ކޮންޓްރޯލް ކޮށް އަދި އެ އާލާތްތައް މެދުވެރިކޮށް އެހެން ކޮންމެ އާލާތެއް ވެސް ވިސްނުމުގެ ޒަރިއްޔާއިން ކޮންޓްރޯލް ކުރެވޭނެ" ކަމަށް މަސްކު ވިދާޅުވި އެވެ.

އަދި މި ޓެކްނޮލޮޖީ ފުރަތަމަ ބޭނުން ކުރެވޭނީ ގުނަވަންތަކުގެ ހަރަކާތްތައް ގެއްލިފައިވާ މީހުންނަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މަސްކުގެ ކުންފުނިން ސިކުނޑީގެ ފުރަތަމަ ޗިޕް އިމްޕްލާންޓް ކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މަސްކުގެ ނިއުރަލިންކް ކުންފުނީގެ އިތުރުން އެހެން ކުންފުނިތަކުން ވެސް ވަނީ މިފަދަ ތަހްލީލުތަކެއް މީގެ ކުރިން ކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ޔޫތާއަށް ނިސްބަތްވާ ބްލެކްރޮކް ނިއުރޯޓެކް ކުންފުނިން އެންމެ ފުރަތަމަ ފަހަރަށް އިންސާނެއްގެ ސިކުނޑިއަށް ޗިޕެއް ލައްވާފައި ވަނީ 2004 ގަ އެވެ. 

އަދި 'ޕްރެސިޝަން ނިއުރޯސައިންސް' ކިޔާ ކުންފުންޏަކުން ވެސް އަންނަނީ ހަރަކާތްތައް ހުއްޓިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މި ދާއިރާއިން ކުރިއެރުންތަކެއް ހޯދަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް