ޖަޕާންގެ އުޅަނދު ސްލިމް ހަނދުގެ ބިމަށް ތިރިކުރާ ގޮތް ދައްކައިދޭ ކުރެހުމެއް

ހަނދު

ޖަޕާންގެ އުޅަނދު ހަނދަށް ޖައްސައިފި، އެކަމަކު ދިމާވި މައްސަލައަކާ ހެދި ދަތުރު ފުރިހަމަ ނުވެދާނެ

ޖަޕާނަކީ ހަނދުގެ ބިންގަނޑުގައި އުޅަނދެއް ޖެއްސުމުގެ ގާބިލްކަން ހޯދި ފަސް ވަނަ ގައުމު. އެ އުޅަނދު ޖެއްސުމަކީ ވެސް އޭގެ ޒާތުގައި ބޮޑު ކާމިޔާބީއެއް
20 ޖެނުއަރީ 2024

ޖަޕާންގެ ޖައްވީ އުޅަނދެއް ރޭ ހަނދަށް ޖައްސައިފި އެވެ. އެކަމަކު ތާރީހީ މި ކާމިޔާބީއަށް ބޮޑު ހިޔަންޏެއް ވެސް ވަނީ އެޅިފަ އެވެ. އެއީ އުޅަނދުގެ ސޯލާ ޕެނެލްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އޭގެ ގުޅުން ދުނިޔެއާ ކެނޑުމުގެ ބިރު އުފެދުމުންނެވެ.

ސުމާޓް ލޭންޑާ ފޯ އިންވެސްޓިގޭޝަން މޫން (ސްލިމް)ގެ ނަމުން ނަން ދީފައި އޮތް މި އުޅަނދު ހަނދަށް ޖެއްސުމަކީ އޭގެ ޒާތުގައި ޖަޕާނަށް ލިބުނު ވަރަށް ތާރީހީ ކާމިޔާބީއެކެވެ. އެއާ އެކު ޖަޕާން އެވަނީ މިހާތަނަށް ކާމިޔާބުކަމާ އެކު ހަނދަށް އުޅަނދުތަކެއް ޖެއްސި އެމެރިކާ، ރޫސީ ވިލާތް، ޗައިނާ އަދި އިންޑިއާ ހިމެނޭ ލިސްޓަށް އަރައިފަ އެވެ. ރޫސީ ވިލާތް ރޫޅި ރަޝިޔާ އުފެދުނު ފަހުން އެ ގައުމަށް އެފަދަ ކާމިޔާބީއެއް އަދި ހޯދިފައެއް ނުވެ އެވެ.

ޖަޕާންގެ ޖައްވީ އުޅަނދު ސްލިމް ހަނދުގެ ބިންގަނޑުގައި ޖައްސާފައި އޮންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް

ސަލާމަތުން އެއްވެސް އެއްޗެއް ހަނދުގެ ބިމަށް ތިރިކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. މިހާތަނަށް ހަނދުގެ ބިމުގައި ޖައްސަން ފޮނުވި އުޅަނދުތަކުގެ ތެރެއިން ކާމިޔާބުވީ ދެ ބައިކުޅަ އެއްބައި ޕްރޮގްރާމެވެ.

ސްލިމްގެ ތާރީހީ ދަތުރުގައި މިހާތަނަށް އަދި ނޭނގެނީ އޭގެ ސޯލާ ޕެނެލްތަކުން ކަރަންޓު އުފައްދައިނުދޭ ސަބަބެވެ. އެ ކަރަންޓް ނުލިބޭ ނަމަ މި ރޮބޮޓްގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އޭގައި ހިމެނޭ ބެޓެރިތަކުގެ ހަކަތައިންނެވެ. އެކަމަކު ބެޓެރީތަކުގެ ބޭނުން ވަރަށް އަވަހަށް ކެނޑޭނެ އެވެ. އެހާ ހިސާބުން ސްލިމް ހިމޭންވާނެ އެވެ. މާނައަކީ އުޅަނދާއި ދުނިޔެއާ ގުޅުން ކެނޑުމެވެ.

ލިބިފައި އޮތް ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅަށް ހިފުމުގެ ގޮތުން ޕްރޮގްރާމްގެ ބައިވެރިން މިހާރު ވަނީ އިސްކަން ދޭ ތަރުތީބަށް ބަދަލު ގެނެސްފަ އެވެ. ވީހާވެސް ގިނަ ފޮޓޯ އާއި ބިންގަނޑަށް އުޅަނދު ޖައްސަން ބޭނުންކުރި ސޮފްޓްވެއާ މަސައްކަތްކުރީ ކިހާ ރަނގަޅަކަށްތޯ ދެނެގަންނަން ބޭނުންވާ މައުލޫމާތުތައް ހޯދުމަކީ މިހާރު އެންމެ އިސްކަންދޭ ބައިތަކެވެ.

ހަނދުގެ ބިމަށް ވަކިން ދޫކޮށްލަން ޖަޕާންގެ އުޅަނދު ސްލިމްގައި ގެންދިޔަ ކުޑަކުޑަ އާލާތުގެ ކުރެހުމެއް. އުޅަނދުން މި ވެސް ހަނދުގެ ބިމަށް ދޫކޮށްލިކަން ވަނީ ކަށަވަރުވެފައި

ސްލިމްއާ މުޅިން ގުޅުން ކެނޑިއްޖެ ކަމަށް ޖަޕާންގެ ސްޕޭން އެޖެންސީ، ޖަކްސާގެ އޮފިޝަލުން އަދި ގަބޫލެއްނުކުރައްވަ އެވެ. އެއީ ހަނދަށް އަވި ލިބޭ އެންގަލްތައް ބަދަލުވެއްޖެ ނަމަ އޭގެ ސޯލާ ޕެނެލްތައް އަލުން މަސައްކަތްކުރަން ފެށުމުގެ ފުރުސަތު އޮތުމުންނެވެ.

ހަނދުގެ ބިންމައްޗަށް ސްލިމް ރީތިކޮށް ތިރިކޮށް ޖެއްސުން ކަމަށް ގަބޫލުކުރަންތޯ ކުރި ސުވާލުގެ ޖަވާބުގައި ޖަކްސާގެ ނައިބު ރައީސް ހިޓޯޝީ ކުނިނަކާ ވިދާޅުވީ ގަބޫލުކުރައްވާ ކަމަށެވެ.

ޖަޕާންގެ އުޅަނދު ސްލިމް ކާމިޔާބުކާމާ އެކު ހަނދަށް ޖެއްސިކަން ކަށަވަރުވުމުން ޖަޕާންގެ ޖައްވި އިދާރާ ޖަކްސާގެ ބައިވެރިން އުފާ ފާޅުކުރަނީ

"އޭގެ ޒާތުން ކޮންޓްރޯލްކޮށްގެން ބިމަށް ތިރިނުކުރި ނަމަ ބާރު ސްޕީޑްގައި ވެއްޓި ހަނދުގެ ބިންގަނޑުގައި ޖެހި އުޅަނދު ފުނޑޭނީ. އަދި ހުރިހާ ގުޅުމެއް ވެސް އޮންނާނީ ކެނޑިފައި،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިހާރު ވެސް އުޅަނދުން އެބަ މައުލޫމާތު ފޮނުވާ. އޭގެ މާނައަކީ އަހަރެމެންގެ އަސްލު މަގުސަދު ކަމަށްވާ ރީތިކޮށް ޖެއްސުމުގެ ބައި ކާމިޔާބު ވެއްޖެކަން."

ސްލިމްގައި ހަނދުގެ ބިމަށް ދޫކޮށްލަން ކުޑަކުޑަ ދެ އާލާތެއް ވެސް ގެންދިޔަ އެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެނގެނީ އެ ދެ ރޯވާ ވެސް ބިމަށް ދޫކޮށްލި ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް