މެޓަ އިން ހިންގަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް.

ސޯޝަލް މީޑިއާ

މެޓަ އިން، ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓު ބްލޮކްކުރާ ކަމަށް ތުހުމަތުކޮށްފި

ގޯސްތައް ހެދޭ ކަމަށް އެއްބަސްވި ނަމަވެސް ގަސްދުގައި މިގޮތަށް އަމަލުނުކުރާ ކަމަށް މެޓައިން ވަނީ ބުނެފައި
23 ޑިސެމްބަރު 2023

ފަަލަސްތީނަށާއި ފަލަސްްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ތާއީދުކޮށް ޝާއިއު ކުރާ، ގަވާއިދަށް ފެތޭ ކޮންޓެންޓު ވެސް މެޓަ އިން ތަކުރާރުކޮށް ބްލޮކު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުރާސްފަތި ދުވަހު ތުހުމަތުކޮށްފި އެވެ.

އެޗްއާރްޑަބްލިއު އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފަލަސްތީނަށް ތާއީދުކޮށްފައި ހުންނަ "ސުލްހަވެރި" ކޮންޓެންޓު ގަވާއިދަކާ ހިލާފު ނުވި ނަމަވެސް މެޓަ އިން ވަނީ ބްލޮކުކޮށްފަ އެވެ. އަދި މެޓަ އިން ކޮންޓެންޓު މޮޑެރޭޓު ކުރުމަށް ގެންގުޅޭ ސިޔާސަތުތަކާއި، ބްލޮކު ކުރުމަށް ނިންމާ ސަބަބުތައް، އެއީ ސަރުކާރުން އެގޮތަށް އަންގައިގެން ކަމުގައިވީ ނަމަވެސް، ހާމަ ކުރުމަށް އެޗްއާރްޑަބްލިއު އިން ވަނީ ގޮވާލާފަ އެވެ.

"ހިމާޔަތް ކުރެވިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް މެޓަ އިން ހުއްދަ ދޭން ޖެހޭ. މީގެ ތެރޭގައި މެޓަގެ ޕްލެޓްފޯމުތަކުގައި ޖަހާ އިންސާނީ ހައްގުތަކާ ހިލާފުވާ ކޮންޓެންޓާއި ސިޔާސީ ހަރަކާތްތަކާ ބެހޭ ކޮންޓެންޓު ވެސް ހިމެނޭ،" މެޓަގެ ސިޔާސަތުތައް ހުރިހާ ކަސްޓަމަރުންނެއްގެ މައްޗަށް އެއް އުސޫލަކުން ތަންފީޒު ކުރަމުން ގެންދިޔުމަށް ގޮވާލާ ރިޕޯޓުގައި ބުނެފައިވެ އެވެ.

މެޓަ އިން ބްލޮކު ކޮށްފައިވާ ފަލަސްތީނާ ގުޅޭ ކޮންޓެންޓުގެ ހުލާސާ މައުލޫމާތުތައް އެޗްއާރްޑަބްލިއުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ވަކިވަކި ޕޯސްޓުތަކުގެ ތަފްސީލެއް މި ރިޕޯޓުގައެއް ނެތެވެ. 

މިދިޔަ އޮކްޓޯބަރާއި ނޮވެމްބަރު މަހު އެކަނި ވެސް މެޓަގެ ގަވާއިދުތަކާ ހިލާފުވެފައި ނުވާ 1،000 އަށް ވުރެ ގިނަ ފަލަސްތީނާ ބެހޭ ކޮންޓެންޓު މެޓަ އިން ބްލޮކު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރްޑަބްލިއު އިން ވަނީ ބުނެފަ އެވެ.

މީގެ ތެރޭގައި އަނިޔާވެފައިވާ މީހުންގެ ފޮޓޯތަކާއި ގާޒާ ހޮސްޕިޓަލުގައި މަރުވެފައިވާ މީހުންގެ ހަށިތައް ދައްކުވައިދޭ ފޮޓޯތަކުގައި "ފަލަސްތީނު މިނިވަން ކުރޭ" އަދި "ގާޒާގެ ގަތުލުއާންމު ހުއްޓުވާ" ޖަހާފައިވާ ޕޯސްޓުތައް ހިމެނެ އެވެ. އަދި އެޗްއާރްޑަބްލިއު އިން ފާހަގަކޮށްފައިވާ އެހެން ހާދިސާތަކުގައި، އިންސްޓަގްރާމްގައި ޖަހާފައިވާ ޕޯސްޓަކަށް ކޮމެންޓު ކުރުމަށް ފަލަސްތީނުގެ ދިދައިގެ އިމޯޖީއެއް ބޭނުން ކުރަން މަސައްކަތް ކުރުމުން ވެސް "އެހެން ފަރާތްތަކަށް" އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންސްޓަގްރާމް އިން ދީފައިވެ އެވެ.

އެޗްއާރްޑަބްލިއުގެ ރިޕޯޓަށް ރައްދުދީ މެޓަ އިން ބުނީ އިޒްރޭލު-ހަމާސްގެ ހަނގުރާމައާ ގުޅޭ ކޮންޓެންޓުތަކުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް މެޓަ އިން ކުރަމުން އަންނަ މަސައްކަތްތައް އެ ޖަމްއިއްޔާ އިން ފާހަގަކޮށްފައިނުވާ ކަމަށެވެ.

"އިންތިހާ އަވަހަށް ބަދަލުވަމުން އަންނަ، ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ބޮޑު ހަމަނުޖެހުމަކާ ގުޅޭ ގިނަ ކޮންޓެންޓުތަކެއް ރިޕޯޓު ކުރަމުން އަންނަ ދަނޑިވަޅެއްގައި އަހަރެމެންގެ ސިޔާސަތުތައް ބައިނަލްއަގްވާމީ ގޮތުން ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތައް މި ރިޕޯޓުން ފާހަގަ ވެގެނެއް ނުދޭ،" މެޓަގެ ތަރުޖަމާނު ބެން ވޯލްޓާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެ އެވެ.

"އަހަރެމެންގެ ސިޔާސަތުތައް ފަރުމާ ކުރެވިފައި ވަނީ ޕްލެޓްފޯމްގެ ރައްކާތެރިކަން ދަމަހައްޓާ ހުރިހާ އެންމެނަށް އަޑެއް ދިނުމަށް. މީހުން މާޔޫސް ވާނެ ކަހަލަ ގޯސްތައް އަހަރެމެންނަށް ހެދޭ ކަމަށް އެއްބަސްވަން. އެކަމަކު ވަކި ބައެއްގެ އަޑު ގަސްދުގައި ނިޒާމީގޮތުން ކަނޑުވާލުމަށް އަހަރެމެން މަސައްކަތް ކުރާ ކަމަށް ކުރާ ތުހުމަތުތައް ރަނގަޅެއް ނޫން. މި ހަމަނުޖެހުމާ ގުޅޭގޮތުން އިންތިހާއަށް ގިނަ ކޮންޓެންޓުތަކެއް ޕޯސްޓު ކުރަމުން އަންނަ އިރު، މިސާލެއްގެ ގޮތުން 1،000 ހާދިސާ ދެއްކުން އެއީ 'ނިޒާމީ ގޮތުން ސެންސަރު ކުރުން' ކަމަށް ބުނެ މޮޅު ސުރުހީއެއް ހެދިދާނެ، އެކަމު އެއީ ތެދެއް ކަމަކަށް ނުވާނެ،" މެޓަގެ ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް