އައިރޮބޮޓްގެ ރޫމްބާ ވެކިއުމް އެއް

އެމެޒޯން ޑީލާ ގުޅިގެން އައިރޮބޮޓް ކުންފުނީގެ ހިއްސާގެ އަގު އުފުލިއްޖެ

މި ޑީލް ވެގެން ދާނީ އެމެޒޯންގެ ތާރީހުގައި ހެދޭ 4 ވަނަ އަށް އެންމެ އަގުބޮޑު ޑީލަށް
26 ނޮވެމްބަރު 2023

އެމެޒޯން އިން އައިރޮބޮޓް ކުންފުނި ގަތުމަށް ހުށައަޅާފައިވާ 1.6 ބިލިއަން ޑޮލަރުގެ ޑީލަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުއްދަ ދޭނެ ކަމުގެ އިޝާރާތާ އެކު އައިރޮބޮޓް ކުންފުނީގެ ހިއްސާގެ އަގު އުފުލިއްޖެ އެވެ. 

އައިރޮބޮޓް ކުންފުންޏަކީ މަޝްހޫރު ރޫމްބާ ބްރޭންޑުގެ ވެކިއުމްސް އުފައްދާ ކުންފުންޏެވެ.

ކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސް ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެޒޯންގެ ހުށައެޅުމަށް އީޔޫއިން ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޑީލާ ބެހޭގޮތުން ޔޫރަޕިއަން ކޮމިޝަނުން ވަކި ގޮތެއް ނިންމުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

އައިރޮބޮޓް ގަތުމަށް އެެމެޒޯން އިން ހުށައަޅާފައިވާ ޑީލް އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން އިން ވެސް އަންނަނީ މުރާޖައާ ކުރަމުން ނެވެ. އަދި މި ޑީލުގެ ސަބަބުން މި ސިނާއަތުގައި ވާދަވެރިކަންމާ ބޮޑަށް ދަށްވެގެން ދާނެކަމަށް ނުބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ އިން ވެސް ޖޫން މަހު ވަނީ ހާމަކޮށްފަ އެވެ.

ކޮންމެ ހިއްސާއަކަށް 61 ޑޮލަރުގެ ފައިސާ ދޭގޮތަށް އައިރޮބޮޓް ކުންފުނި ގަތުމަށް އެމެޒޯން އިން އިއުލާނު ކުރީ 2022ގެ އޯގަސްޓު މަހު އެވެ. އަދި މިކަން ކާމިޔާބު ވެއްޖެ ނަމަ މި ޑީލު ވެގެން ދާނީ އެމެޒޯންގެ ތާރީހުގައި ހަދާ ހަތަރު ވަނަ އަށް އެންމެ ބޮޑު ޑީލަށެވެ.  

އެމެޒޯން އިން މިހާތަނަށް ހަދާފައިވާ އެންމެ އަގު ބޮޑު ތިން ޑީލަކީ؛ 2017 ވަނަ އަހަރު 13.7 ބިލިއަން ޑޮލަރަށް ހޯލްފުޑްސް ގްރޯސަރީ ކުންފުނި ގަތުން، 2021ގައި 8.45 ބިލިއަން ޑޮލަރަށް އެމްޖީއެމް ފިލްމް ސްޓޫޑިއޯ ގަތުން އަދި މިއަހަރުގެ ޖުލައި މަހު 3.9 ބިލިއަން ޑޮލަރަށް ވަން މެޑިކަލް ސިއްހީ ފަރުވާދޭ ކުންފުނި ގަތުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް