ބައިނޭންސްގެ ވެރިޔާ ޗަންގްޕެންގް ޖާއޮ.

މަނީ ލޯންޑާ ކުރިކަމަށް ބައިނޭންސްގެ ވެރިޔާ އެއްބަސްވެއްޖެ

ކުށްވެރިންނަށް އެހީތެރިވެދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ބައިނޭންސް އިން ފުރުސަތު ދިން ކަމަށް އެެމެރިކާ ސަރުކާރުން ތުހުމަތު ކުރޭ
22 ނޮވެމްބަރު 2023

މަނީ ލޯންޑާކުރިކަމަށް އިއުތިރާފުވެވަޑައިގެން ބައިނޭންސްގެ ޗީފް އެގްޒެކެޓިވް ޗަންގްޕެންގް ޖާއޮ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"އަހަންނަށް ގޯސްތަކެއް ހެދިއްޖެ އަދި އެކަމަށް އަހަރެން ޒިންމާ ނަގަން. މިއީ އަހަރުމެންގެ މުޖުތަމައުއަށް، ބައިނޭންސްއަށް އަދި އަހަރެންގެ އަމިއްލަ ނަފްސަށް އެންމެ ރަނގަޅު ގޮތް،" ސޯޝަލް މީޑިއާ އެކްސްގައި ޖާއޮ ލިޔުއްވާފައިވެ އެވެ.

ދުނިޔޭގެ ކްރިޕްޓޯ ފައިސާ މާރުކުރާ އެންމެ ބޮޑު އެކްސްޗޭންޖު ކަމުގައިވާ ބައިނޭންސްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި 4.3 ބިލިއަން ޑޮލަރު ނަގާދިނުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކި ގައުމުތަކަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ކަސްޓަމަރުންނަށް ބައިނޭންސް އިން ފުރުސަތު ދިން ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

"އެމެރިކާ އާއި އީރާނުގެ ކަސްޓަމަރުންގެ ދެމެދުގައި ގާތްގަނޑަކަށް 900 މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގުމަށް ބައިނޭންސް އިން އެހީތެރިވެދީފައިވޭ. އަދި ސީރިއާ، ރަޝިޔާ އަދި ރަޝިޔާގެ އަތްދަށުގައި އޮތް ކްރައިމިއާ، ލުހާންސް އަދި ޑޮނެސްކުގައި ތިބި ކަސްޓަމަރުންނަށް އެތައް މިލިއަން ޑޮލަރެއްގެ މުއާމަލާތުތައް ހިންގުމަށް ފުރުސަތު ދީފައިވޭ،" އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނެއް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކުށްވެރިންނާއި ޓެރަރިސްޓުން ފައިސާ އެއްތަނުން އަނެއް ތަނަށް ބަދަލުކުރަން ބައިނޭންސް ބޭނުންކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ތުުހުމަތު އުފުލާފަ އެވެ. އެގޮތުން 2017ގެ އޮގަސްޓު މަހާއި 2022ގެ އޭޕްރިލް މަހާ ދެމެދު ބައިނޭންސްގައި ހުރި "ހައިޑްރާ" ވޮލެޓަކުން 106 މިލިއަން ޑޮލަރުގެ ބިޓްކޮއިންގެ މުއާމަލާތުތައް ހިންގާފައިވެ އެވެ. ހައިޑްރާ އަކީ ރަޝިޔާއަށް ނިސްބަތްވާ ޑާކްނެޓް މާކެޓެކެވެ. ހައިޑްރާ ގިނައިން ބޭނުން ކުރަނީ ގާނޫނާ ހިލާފު ކަންކަން ކުރުމަށް ބޭނުންވާ ފައިސާ ބަދަލު ކުރުމަށެވެ.

ބައިނޭންސްގެ ސީއީއޯ އިސްތިއުފާ ދެއްވުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

މިފަދަ ޝައްކު އުފެދޭ މުއާމަލާތުތައް ސަރުކާރަށް އެންގުމަށް ބައިނޭންސްގެ މައްޗަށް މިހާރު ވަނީ އަމުރު ކުރެވިފަ އެވެ.

ޗަންގްޕެންގް ޖާއޮގެ އިސްތިއުފާ ދެއްވުމާ ގުޅިގެން ބައިނޭންސްގެ ސީއީއޯ މަގާމާ  ހަވާލުވެފައި ވަނީ ކުންފުނީގެ ސަރަހައްދީ މާކެޓްތަކުގެ ވެރިޔާ ރިޗާޑް ޓެންގް އެވެ. 

ޗަންގްޕެންގް ޖާއޮ އަކީ ކްރިޕްޓޯކަރަންސީ ދުނިޔޭގައި ވަރަށް ނުފޫޒު ގަދަ ޝަހްސިއްޔަތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް