އޯޕަންއޭއައިގެ ކޯފައުންޑަރު ސޭމް އޯލްޓްމަން.

އައިޓީ

މަގާމުން ދުރުކުރި އޯޕަންއޭއައިގެ ސީއީއޯއަށް އަލުން މަގާމު ދޭން ނިންމައިފި

22 ނޮވެމްބަރު 2023

މަޝްހޫރު ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތްތައް ތަރައްގީކުރުމުގައި އެންމެ ކުރީގައި އުޅޭ އޯޕައިންއޭއައިގެ ކޯފައުންޑަރު ސޭމް އޯލްޓްމަން ސީއީއޯގެ މަގާމުން ވަކި ކުރިތާ ހަތަރު ދުވަސް ފަހުން އަނބުރާ އެ މަގާމަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެއާ އެކު، ކުންފުނީގެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތް ޗެޓްޖީޕީޓީ އީޖާދުކުރި  އޯޕެންއޭއައި ކުންފުނީގެ ބޯޑުން މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ވަނީ އޯލްޓްމަން މަގާމުން ވަކިކޮށްފަ އެވެ. ބޯޑުން އޭރު ބުނީ އޯލްޓްމަން މަގާމުން ވަކިކުރުމުގެ ސަބަބުތަކުގެ ތެރޭގައި އޭނާއާ މުވާސަލާތުކުރުން އުނދަގޫވުން ހިމެނޭ ކަމަށެވެ. އެއާ އެކު، އޭނާ އަދާކުރަން ޖެހޭ ޒިންމާތަކަށް ހުރަސް އެޅޭކަމަށް ވެސް ބޯޑުން ބުންޏެވެ.

މީގެ އަށް އަހަރު ކުރިން 2015ގައި އޯޕެންއޭއައި ލޯންޗުކުރުމަށް މިހާރު 38 އަހަރުގެ އޯލްޓްމަން ވަނީ ބޮޑު ދައުރެއް އަދާކުރައްވައިފަ އެވެ.

އޭނާ އެ މަގާމަށް އަލުން އައްޔަން ކުރީ އޯލްޓްމަން މަގާމުން ވަކިކުރުމާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި އޭނާ އަލުން މަގާމަށް ނުލައިފި ނަމަ، އެ މީހުން ކުންފުނިން ވަކިވާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެއާ އެކު، އޯޕަންއޭއައިއަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ދީފައިވާ މައިކްރޮސޮފްޓް ކުންފުނިން ވެސް ވަނީ އޯލްޓްމަން އަލުން މަގާމަށް އައްޔަންކުރުމަށް ބޯޑަށް ޕްރެޝަރުކޮށްފަ އެވެ. އަދި މައިކްރޮސޮފްޓުން ވަނީ އޯލްޓްމަންއަށް ހާއްސަކޮށް އޭއައި ރިސާޗު ގްރޫޕެއް ވެސް އެކުލަވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް