އެއާބީއެންބީ
އެއާބީއެންބީގެ 835 މިލިއަން ޑޮލަރު އިޓަލީ ސަރުކާރުން ހިފަހައްޓައިފި
ކުރު މުއްދަތަށް ކުއްޔަށް ދޭ ތަންތަން ލިސްޓުކޮށްދޭ އެއާބީއެންބީ ކުންފުނިން ޓެކްސްއަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުގައި އިޓަލީގެ ކޯޓަކުން އެ ކުންފުނީގެ 835 މިލިއަން ޑޮލަރު ހިފެހެއްޓުމަށް އަމުރުކޮށްފި އެވެ.
ކުލީ ތަންތަނުގެ އޯނަރުންނަށް ލިބިފައިވާ 3.7 ބިލިއަން ޔޫރޯގެ އާމްދަނީ އިން ޓެކްސް ނެގުމަށް އެއާބީއެންބީ ފެއިލުވެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ތުހުމަތުކޮށްފަ އެވެ.
އިޓަލީގައި ތަންތަން ކުއްޔަށް ދީގެން ހޯދާ އާމްދަނީ އިން %21 ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.
އެއާބީއެންބީ އިން ބުނީ އިޓަލީގެ ޕްރޮސެކިއުޓަރުންގެ އަމަލުތަކާ މެދު ހައިރާންވެ ހިތާމަކުރާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އިޓަލީގެ ޓެކުހާ ބެހޭ އެޖެންސީއާ އެކު ޖޫން މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުންފުނީގެ ތަރުޖަމާނު ކްރިސްޓަފާ ނަޓްލީ ބީބީސީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާބީއެންބީ އިން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން ކުންފުންޏަށް އެބައޮތް ކަމަށާއި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
އިޓަލީގައި އެއާބީއެންބީ އާއި ކުރު މުއްދަތަށް ތަންތަން ކުއްޔަށް ދޭ އެފަދަ އެހެން ކުންފުނިތައް މެދުވެރިކޮށް ތަންތަނުގެ އޯނަރުން ހޯދާ އާމްދަނީގެ %21 ޓެކުހުގެ ގޮތުގައި ދެއްކުމަށް މި ކުންފުނިތަކުގެ މައްޗަށް މަޖުބޫރު ކުރުވާ ގަވާއިދާ މެދު ހިތްހަމަނުޖެހިގެން އެއާބީއެންބީ އިން މިދިޔަ އަހަރު ވަނީ ކޯޓަށް މައްސަލައެއް ވައްދާފަ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ސަރަހައްދުގައި ހިދުމަތްތައް ދިނުމަށް އޮތް މިނިވަންކަމުގެ އަސާސަށް މި ގަވާއިދުގެ ސަބަބުން ހުރަސް އެޅޭ ކަމަށް އެއާބީއެންބީ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ޖެހޭނެ ކަމަށް އީޔޫގެ އެންމެ މަތީ ކޯޓުން ވަނީ އެއާބީއެންބީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އިޓަލީގެ ޓެކުހާ ބެހޭ ވުޒާރާ އިން އަންނަނީ ނެޓްފްލިކްސް އާއި މެޓަ ފަދަ ބިޔަ ކުންފުނިތަކުގެ ޓެކުހާ ބެހޭ ކަންކަން ވެސް ވަރަށް ގާތުން ބަލައި ދިރާސާކުރަމުންނެވެ.