ގިނިހިލައަކުން ސާމްޕަލްތައް ގެނައި ކެޕްސޫލް، އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ސަހަރާއެއްގެ ތެރޭގައި: މިއީ ނާސާގެ ވަރަށް އާދަޔާ ހިލާފު މަޝްރޫއެއް (ފޮޓޯ/ނާސާ)

ނާސާ

ގިނިހިލައިގެ 'ވެލިކޮޅު' ހިފައިގެން ދުނިޔެއަށް، މިހާރު ނާސާގެ އަތުގައި

މިއީ ނާސާގެ އޮސިރިސް-ރެކްސް އުޅަނދުން ވަރަށް ކާމިޔާބުކަމާ ކު ނިންމާލި މަސައްކަތެއް. ދެން އޮތީ ދުނިޔެ އާއި ސޯލާ ސިސްޓަމްގެ އެހެން ބައިތައް އުފެދުނު ގޮތުގެ ކުރީގެ މައުލޫމާތު ދެނެގަތުން
25 ސެޕްޓެމްބަރު 2023
1

މީގެ ދެ އަހަރު ކުރިން ނާސާގެ އޮސިރިސް-ރެކްސް އުޅަނދުން އަޖައިބެއް ކަހަލަ ޒިންމާއެއް އުފުލި އެވެ. ދުނިޔެއާ 321 މިލިއަން ކިލޯމީޓަރު ދުރުގައި އޮތް ބެންނޫ ގިނިހިލައިގެ ބިންގަނޑުން ބައިތަކެއް، އުޅަނދުގެ ހާއްސަ އާލާތެއްގެ ތެރެއަށް ދަމައިގަތުމެވެ. އެ ދަމައިގަތް ސާމްޕަލްތަކުގެ ބަރުދަން ގާތްގަނޑަކަށް 250 ގްރާމަށް އަރަ އެވެ.

ރޭ އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ސަހަރާގެ ތެރެއަށް، ކުރިން ރާވާފައި އޮތް ގޮތަށް، އެ ވައްޓާލީ އެ ސާމްޕަލްތައް ރައްކާކޮށްފައި އޮތް، ކާރެއްގެ ޓައިރެއް ވަރުގެ، ކެޕުސޫލެވެ.  އޮސިރިސް-ރެކްސް އިއްޔެ ދުނިޔެއާ ކައިރިއަށް ޖެހިލާފައި އެ ކެޕްސޫލް ވައްޓާލުމުން ޔޫޓާގެ ސަހަރާއަށް ތިރިކުރީ، އޭގައި ހަރުކޮށްފައި ހުރި ވައިކުޑައިން ސްޕީޑް ކޮންޓްރޯލްކޮށްގެންނެވެ. އޭގެ ފަހުން ސައިންސްވެރިން ވަނީ ކެޕްސޫލް ހޯދައި، ބޭނުންވާ ތަނަށް ހެލިކޮޕްޓަރެއްގައި ރައްކާތެރިކަމާ އެކު ގެންގޮސްފަ އެވެ.

މިއީ ވަރަށް ތަފާތު މަޝްރޫއުއެކެވެ. ނާސާގެ ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔެ އުފެދުނު ގޮތުގެ އެންމެ ކުރީގެ މައުލޫމާތުގެ އިތުރުން ދިރުންތަކާ ބެހޭ އެތައް ހޯދުމެއް ވެސް، ބަންނޫން ގެނައި ސާމްޕަލްތަކުން ދެނެގަނެވޭނެ އެވެ. މީގެ 4.6 ބިލިއަން އަހަރު ކުރިން އިރުގެ ނިޒާމް އުފެދުނު އިރުގެ ހުރިހާ ސިއްރުތައް ގިނިހިލަތަކުގައި ރައްކާކުރެވިފައި ހުންނާނެ ކަމަށް، ސައިންސްސްވެރިން ގަބޫލުކުރެ އެވެ.

ބެންނޫ ގިނިހިލަ: ކުރިއަށް އޮތް 300 އަހަރުގެ ތެރޭގައި މި ގިނިހިލަ ދުނިޔޭގައި ޖެހުމުގެ ވަރަށް ކުޑަކުޑަ ފުރުސަތެއް ވެސް އެބަ އޮތް(ފޮޓޯ/ނާސާ)

މި މަޝްރޫއުގެ އަގަކީ 800 މިލިއަން ޑޮލަރެވެ. އޮސިރިސް-ރެކްސް ޖައްވަށް ފޮނުވާލީ 2016ގަ އެވެ. ބެންނޫ ކައިރިއަށް ގޮސް، އޭގެ ބިންގަނޑުން ސާމްޕަލް ނަގާނެ ހިސާބެއް ހޯދަން ވެސް އޭގެ ވަށައިގެން ދެ އަހަރެއްހާ ދުވަސް ހޭދަކުރި އެވެ. އަދި 22 އޮކްޓޯބަރު 2020ގައި، ބެންނޫގެ ކުޑަ ހިލަގަނޑެއްގެ މައްޗަށް އޭގެ ހާއްސަ ފައިން ޖެހިގަނެގެން ނެގި ސާމްޕަލްތަކާ އެކު، އިތުރު ހައެއްކަ މަސް ދުވަހު އެ ހިސާބުގެ ޖައްވުގައި އޮތެވެ. ބަންނޫގެ ސަރަހައްދު ދޫކޮށް އޮސިރިސް-ރެކްސް އެނބުރި ދުނިޔެއަށް މިސްރާބު ޖެހީ 2021ގެ ކުރީކޮޅު އެވެ.

"އެ ކުޑަ ކެޕްސޫލްއަށް އެނގޭ އެއާ ހަވާލުކޮށްފައި އޮތް މަސައްކަތް،" މަޝްރޫއުގެ މުހިންމު ދައުރެއް އަދާކުރި ލޮކްހީޑް މާޓިންގެ އިސް އިންޖިނިއަރެއް ކަމަށްވާ ޓިމް ޕްރައިސާ ވިދާޅުވި އެވެ.

"ބިންމައްޗަށް އޭތި ތިރިވީ އެހާ ވެސް މަޑުމަޑުން."

އޮސިރިސް-ރެކްސް އިން ނެގި ސާމްޕަލްތައް ހިފައިގެން ކެޕްސޫލް ދުނިޔެއަށް އަންނަ ގޮތުގެ އެނިމޭޓެޑް ވީޑިއޯއެއް

އޮސިރިސް-ރެކްސް މަޝްރޫއުގެ އެންމެ އިސް އެއް ސައިންސްވެރިޔާ ޑެންޓޭ ލޯރެޓާއަށް، އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެކެވެ. ކެޕްސޫލްގެ އެންމެ ފަހު ވައިކުޑަ ހުޅުވާލި ހަބަރު އެނގިވަޑައިގަތުމުން އޭނާއަށް ރޮވުނެވެ.

"ވައިކުޑަ ހުޅުވި، މަޑުމަޑު ތިރިކުރުމެއްކަން އެނގުނު ވަގުތު ކުޑަކުއްޖެއް ފަދައިން އަހަންނަށް ރޮވުނު،" ލޯރެޓާ ވިދާޅުވި އެވެ.

ސައިންސްވެރިން މިހާރު ވަނީ ކެޕްސޫލް ރޫޅާލައިފަ އެވެ. ގިނިހިލައިގެ ބައިތައް  ރައްކާކޮށްފައި އޮތް އާލާތް މިއަދު ގެންދާނީ ޓެކްސަސްގައި ހުންނަ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރަށެވެ. ސައިންސްވެރިން އެ ސާމްޕަލްތަކުގެ ތަހުލީލުތައް ފަށާނީ އެތަނުގެ ހާއްސަ ލެބޯރަޓަރީގަ އެވެ.

ބެންނޫ ގިނިހިލައަކީ، މުސްތަގުބަލްގައި އިންސާނުން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ޖައްވީ ހިލަގަނޑެކެވެ. ކުރިއަށް އޮތް 300 އަހަރުގެ ތެރޭގައި، އެ ގިނިހިލަ ދުނިޔޭގައި ޖެހުމުގެ ވަރަށް ކުޑަކުޑަ ފުރުސަތެއް އެބަ އޮތެވެ. ދުނިޔެއިން ބޭރު ޖައްވުގައި ދަތުރުކުރާ ގިނިހިލަތަކުގެ ތެރެއިން މިއީ އެފަދަ ފުރުސަތެއްގައި ދައުރުވާ ކަމަށް މިހާތަނަށް ފެނުނު ހަމައެކަނި ގިނިހިލަ އެވެ.

ކޮމެންޓް (1)

ނޮރާ

25 ސެޕްޓެމްބަރު 2023
އިރު ނުވަތަ މި ތަރި އުފެދުނު ގޮތާއި ޕްލެނެޓު ތަކުގެ ތާރީޚު ހޯދުމަށް މުހިއްމު މަސައްކަތެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް