ފާރުކް ފާތިހް އޯޒަރް ވަނީ ތޯޑެކްސް ވެއްޓުމާ އެކު ތުރުކީއިން ފިލާފައި.

ތުރުކީގެ ކްރިޕްޓޯކަރަންސީ ބޮޑަކު 11،196 އަހަރަށް ޖަލަށް ހުކުމްކޮށްފި

މަރުގެ އަދަބު ފޮހެލި ފަހުން ބޮޑެތި ޖަލު ހުކުމްތައް އިއްވުމަކީ ތުރުކީގައި އާންމު ކަމެއް
9 ސެޕްޓެމްބަރު 2023
1

އިންވެސްޓަރުންގެ އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވުމުގެ ކުށުގައި ތުރުކީގެ ކްރިޕްޓޯކަރަންސީ ބޮޑަކާއި އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނަށް، ކޮންމެ މީހެއްގެ މައްޗަށް 11،196 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވައިފި އެވެ.

ފާރޫކް ފާތިހް އޯޒަރް ވަނީ އޭނާ ނިސްބަތްވާ ތޯޑެކްސް އެކްސްޗޭންޖް ވެއްޓުމާ އެކު 2021 ވަނަ އަހަރު އިންވެސްޓަރުންގެ އެސެޓުތަކާ އެކު އަލްބޭނިއާ އަށް ފިލާފަ އެވެ.

ފާރޫކު ހައްޔަރުކޮށްގެން އަނބުރާ ތުރުކީއަށް ގެނެސްފައި ވަނީ މިދިޔަ ޖޫން މަހު އެވެ. އަދި އޭނާގެ މައްޗަށް ވަނީ ފައިސާ ލޯންޑާކުރުމާއި ފްރޯޑު ހިންގުމާއި ރާވައިގެން ކުށްތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައް ސާބިތުވެފަ އެވެ.

ތުރުކީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯޓުގައި ފާރޫކް ވަނީ އޭނާ ޖިނާއީ ކުށެއް ކުރަން އުޅުނު ނަމަ "އެހާ ތަޖުރިބާ ނެތް ގަމާރު ގޮތަކަށް އަމަލު ނުކުރީސް" ކަމަށް ބުނެފަ އެވެ.

"ދުނިޔޭގައިވާ ކޮންމެ މުއައްސަސާއެއް ވެސް ހިންގޭނެހާ އަހަރެން ވިސްނުން ތޫނު،" ކޯޓުގައި އޭނާ ބުނިކަމަށް އަންދޮލޫ އެޖެންސީން ބުނެފައިވެ އެވެ.

"އެކަން ސާބިތުވާނެ އުމުރުން 22 އަހަރުގައި އަހަރެން ގާއިމުކޮށްފައިވާ މި ކުންފުނިން." މިހާރު އުމުރުން 29 އަހަރުގެ ފާރޫކް ބުނެފައިވެ އެވެ.

އިސްތަންބުލްގައި ބޭއްވި މި މައްސަލައިގެ އަޑުއެހުންތަކުގައި ފާރޫކު ދައްތަ ސެރަޕް އާއި އޭނާގެ ބޭބޭ ގުވެން ވެސް އެއް ތުހުމަތުތަކެއްގައި ކުށްވެރިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ތުރުކީގެ ނޫސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ވަކިވަކިން އެހާ ބޮޑު ހުކުމްތަކެއް އައިސްފައި ވަނީ މިމައްސަލައިގައި ގެއްލުން ލިބޭ މީހުންގެ އަދަދު 2،027 އަށް އަރާތީ އެވެ. 

މީގެ 23 އަހަރު ކުރިން 2004 ވަނަ އަހަރު ތުރުކީއިން މަރުގެ އަދަބު ދިނުން ހުއްޓާލިފަހުން އާދަޔާހިލާފު ދިގު ޖަލު ހުކުމްތަކެއް އިއްވުމަކީ އާންމު ކަމެކެވެ.

ފާރޫކްގެ މައްސަލައިގައި އޭނާގެ މައްޗަށް 40،562 އަހަރުގެ ހުކުމެއް އިއްވުމަށް ޕްރޮސެކިއުޓަރުން ވަނީ ކޯޓުގައި އެދިފަ އެވެ.

އުމުރުން 22 އަހަރުގައި ފާރޫކް ތޯޑެކްސް އެކްސްޗޭންޖް އުފައްދާފައި ވަނީ 2017 ވަނަ އަހަރު އެވެ. މި އެކްސްޗޭންޖު ވަނީ އެހާމެ އަވަހަށް ތުރުކީގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް އަށް އޭރު ވެފަ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޭޕްރިލް މަހު މި އެކްސްޗޭންޖް އެއްކޮށް ހުއްޓުމަކަށް އައިސް ފާރޫކް ވަނީ ފިލާފަ އެވެ.

އޭރު ތުރުކީގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާރޫކް ފިލާފައި ވަނީ 2 ބިލިއަން ޑޮލަރުގެ އެސެޓާ އެކު އެވެ. ނަމަވެސް ތޯޑެކްސް އެކްސްޗޭންޖު ހުއްޓުމަކަށް އައުމުން ލިބުނު ޖުމްލަ ގެއްލުން ހުރީ 43 މިލިއަން ޑޮލަރުގައި ކަމަށް ކޯޓުގައި ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

އައްޑާ

9 ސެޕްޓެމްބަރު 2023
ތުރުކީގެ އަލްހާން ފަހުމީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް