ސޯޝަލް މީޑިއާ

ފޭސްބުކް އާއި އިންސްޓަގްރާމުން ކެނެޑާގެ ނޫސްތައް ބްލޮކު ކުރަނީ

މެޓަގެ ޕްލެޓްފޯމުތަކުގެ އިތުރުން ގޫގުލް އިން ވެސް ވަނީ މި ގޮތަށް އަމަލުކުރަން ތައްޔާރުވެފައި

ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކުރުމާ ގުޅިގެން އެ ގައުމުގެ މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމްގައި ހަބަރު ބްލޮކު ކުރަން ނިންމާފައިވާ ކަމަށް މެޓައިން ބުނެފި އެވެ. 

ކެނެޑާގެ މަޖިލީހުން ފާސްކުރި ބިލާ ގުޅިގެން ހަބަރު ފަތުރާ ފަރާތްތަކުގެ ކޮންޓެންޓުތަކަށް ފައިސާ ދައްކަން މެޓައަށް މަޖުބޫރުވެ އެވެ.

މި ބިލު ފާސްކޮށްފާނެ ކަމަށް ބަލާ މެޓަ އާއި ގޫގުލް އިން ވަނީ މި އަަހަރު ކުރީކޮޅު ކެނެޑާގައި ހަބަރު ބްލޮކު ކުރުން ޓެސްޓު ވެސް ކޮށްފަ އެވެ.

ކެނެޑާގެ ސެނެޓުން ބުރާސްފަތި ދުވަހު ފާސްކުރި 'އޮންލައިން ނިއުސް އެކްޓު'ގެ ދަށުން މެޓަ އާއި ގޫގުލް ފަދަ އިންޓަނެޓު ކުންފުނިތަކުން ހަބަރު ފަތުރާ ކުންފުނިތަކުގެ ކޮންޓެންޓުތައް ޝާއިއު ކުރުމަށް އެ ކުންފުނިތަކާ އެކު ވިޔަފާރީގެ އެއްބަސްވުމަކަށް އަންނަން ޖެހެ އެވެ.

މެޓަ އިން ވަނީ މި ގާނޫނު "އަހަރެމެންގެ ޕްލެޓްފޯމުތައް ހިނގާ ގޮތާ އަސާސީ ގޮތުން ފުށުއަރާ" ކަމަށް ބުނެފަ އެވެ. އަދި މި ބިލު ތަސްދީގުކުރުމުގެ ކުރިން ކެނެޑާގެ ނޫސްތަކުގެ ހަބަރުތައް މެޓަގެ ޕްލެޓްފޯމުތަކުން ބްލޮކު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ގޫގުލް އިން ވަނީ މި ބިލާ އެކު "މަސައްކަތް ނުކުރެވޭނެ" ކަމަށް ބުނެ ސަރުކާރާ އެކު މަޝްވަރާ ކޮށްގެން ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ކެނެޑާ ޕާލިމަންޓުގެ މިނިވަން ކޮމިޓީއަކުން ހެދި ދިރާސާއެއް ދައްކާ ގޮތުން، މި ބިލުގެ ސަބަބުން ކެނެޑާގެ ހަބަރުފަތުރާ ކުންފުނިތަކަށް އަހަރަކު 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

މި ބިލާ ގުޅޭ ގޮތުން ފޭސްބުކް އާއި ގޫގުލްގެ ވެރިންނާ މި ހަފްތާގައި ބައްދަލުކޮށްފައިވާ ކަމަށް ކެނެޑާގެ ތަރިކައާ ބެހޭ ވަޒީރު ޕަބްލޯ ރޮޑްރީގޭސް ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ. އަދި އިތުރަށް ބައްދަލުކުރަން ހަމަޖެހިފައިވީ ނަމަވެސް މި ބިލު ތަސްދީގު ކުރުން ސަރުކާރުން ކުރިއަށް ގެންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ހަ މަސް ދުވަސް ފަހުންނެވެ.

ކެނެޑާ ނޫސްތަކުގެ ކޮންޓެންޓުތައް މެޓައިން ބްލޮކު ކުރުމާ ގުޅޭ (ވީޑިއޯ/ސީބީސީ ނިއުސް)

މީގެ ދެ އަހަރު ކުރިން އޮސްޓްރޭލިއާގައި ވެސް މިފަދަ ގާނޫނެއް ފާސްކުރުމާ ގުޅިގެން ފޭސްބުކް އިން ވަނީ އެ ގައުމުގައި ހަބަރުތައް ބްލޮކު ކޮށްފަ އެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސަރުކާރާ އެކު ކުރި މަޝްވަރާތަކަށް ފަހު އެ ބިލަށް އިސްލާހުތަކެއް ގެނައުމުން ފޭސްބުކްގެ ފިޔަވަޅު އަނބުރާ ގެންދިޔަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް