ވާޖިން ގެލެކްޓިކްގެ ޔުނިޓީ ވެހިކަލް.

ވާޖިން ގެލެކްޓިކުން ވިޔަފާރި އުސޫލުން ޖައްވީ ދަތުރުތައް މި މަހު ފަށަނީ

ޖައްވީ ތަޖުރިބާކޮށްލަން ބޭނުންވާ 800 އެއްހާ މީހަކަށް ވާޖިން ގެލެކްޓިކުން ވަނީ ޓިކެޓު ވިއްކާފައި

ވިޔަފާރި އުސޫލުން ޖައްވަށް ކުރާ ދަތުރުތައް މި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ސާ ރިޗަޑް ބްރެންސަންގެ ވާޖިން ގެލެކްޓިކް ކުންފުނިން ބުނެފި އެވެ. 

އެ ކުންފުނިން ވިޔަފާރި އުސޫލުން ކުރާ ފުރަތަމަ ޖައްވީ ދަތުރު ރާވާފައި ވަނީ މި މަހުގެ 27 އާއި 30އާ ދެމެދު ކުރުމަށެވެ.

ވާޖިން ގެލެކްޓިކްގެ މި އިއުލާނާ އެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ ނިއު ޔޯކުގެ ހިއްސާގެ ބާޒާރުގައި %40 މައްޗަށް ޖެހިލާފަ އެވެ.

ވާޖިން ގެލެކްޓިކްގެ ފުރަތަމަ މިޝަންގައި ތިން ފަޅުވެރިއަކު ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު، މިއީ ސައިންޓިފިކް ތަހުލީލުތަކެއް ކުރުމަށް ހިންގާ މިޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މައިކްރޯގްރެވިޓީގެ ދިރާސާތަކެއް ކުރުމަށް މި މިޝަންގައި ބައިވެރި ވާނީ އިޓަލީގެ ވައިގެ ސިފައިންގެ ތިން މީހުންނެވެ.

ފުރަތަމަ ދަތުރަށް ފަހު، މިފަދަ ދެވަނަ ދަތުރު އަންނަ އޯގަސްޓު މަހުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ ކަމަށާއި، އެއަށް ފަހު މަހަކު އެއް ފަހަރު ވިޔަފާރި އުސޫލުން ޖައްވީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވާޖިން ގެލެކްޓިކް އިން ވަނީ ބުނެފަ އެވެ.

ގާތްގަނޑަކަށް 19 އަހަރު ވެފައިވާ ވާޖިން ގެލެކްޓިކް ކުންފުނީގެ ތާރީހުގައި ގިނަ ގޮންޖެހުންތަކަކާއި އެކްސިޑެންޓުތަކަކާ ވަނީ ކުރިމަތިވެފަ އެވެ. އެހެންކަމުން، ވިޔަފާރި އުސޫން ކުރާ ދަތުރުތައް ފެށުން ވެގެން ދާނީ އެ ކުންފުންޏަށް ހާސިލު ކުރެވޭ މުހިންމު ލަޑުދަނޑިއަކަށެވެ. 

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ މަހު އެ ކުންފުނީގެ 'ޔުނިޓީ' އުޅަނދު ވަނީ ދެ ޕައިލެޓުންނާއި ހަތަރު ފަސިންޖަރުންނާ އެކު އެމެރިކާގެ ނިއު މެކްސިކޯ ސަހަރާއިން ނައްޓާލައި ޖައްވުގެ އައްސޭރިއަށް ދަތުރުކޮށް، އަނެއްކާވެސް އެނބުރި ބިމަށް ޖައްސާފަ އެވެ. މިއީ ވިޔަފާރި އުސޫލުން ކުރާ ދަތުރުތައް ފެށުމުގެ ކުރިން އެ ކުންފުނިން ކުރި އެންމެ ފަހުގެ ޓެސްޓު ދަތުރެވެ. 

ދުނިޔެއާ 80 ކިލޯމީޓަރު މައްޗަށް ދިއުމަށް ބޭނުންވާ 800 އެއްހާ މީހުންނަށް ވާޖިން ގެލެކްޓިކް އިން ވަނީ މިހާތަނަށް ޓިކެޓު ވިއްކާފަ އެވެ. މި ތަޖުރިބާގައި، ޖައްވުގައި ތިބެ ދުނިޔެ ބަލާލުމުގެ ފުރުސަތާއި ގްރެވިޓީ ނެތް ކަމުގެ އިހްސާސްކޮށްލުމުގެ ފުރުސަތު ލިބިގެން ދާއިރު، މިއިން ދަތުރެއްގެ ޓިކެޓެއްގެ އަގު އުޅެނީ ބޮލަކަށް 450،000 އެމެރިކާ ޑޮލަރުގަ އެވެ. 

ވާޖިން ގެލެކްޓިކް އިން މިދިޔަ މަހު ކުރިއަށް ގެންދިޔަ ޓެސްޓު ދަތުރު (ވީޑިއޯ/ސީއެންބީސީ)

ވާޖިން ގެލެކްޓިކްގެ މައިގަނޑު އަމާޒަކީ ޖައްވީ ޓޫރިޒަމް ކަމުގައި ވާއިރު، ސެޓެލައިޓުތައް ލޯންޗުކުރުމަށް ސާ ރިޗަޑް ބްރެންސަން ހިންގަވަމުން ގެންދިޔަ ވާޖިން އޯބިޓު ކުންފުނި ވަނީ މިދިޔަ މަހު ބަންދުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް