ސްވީޑެން އިން ދިރާސާކުރުމަށް ލޯންޗުކުރި ރޮކެޓު.

ރޮކެޓެއް ވެއްޓުމާ ގުޅިގެން ސްވީޑެން އިން ކަންކުރިގޮތުން ނޯވޭއިން ފާޑުކިޔައިފި

ދިރާސާ ކުރުމަށް ސްވީޑެން އިން ލޯންޗުކުރި ރޮކެޓެއް އަވަށްޓެރި ނޯވޭއަށް ވެއްޓުމާ ގުޅިގެން ނޯވޭއިން ސްވީޑެން އަށް ފާޑުކިޔައިފި އެވެ.

ސްވީޑެންގެ އެސްރޭންޖް ސްޕޭސް ސެންޓަރުން ހޯމަ ދުވަހު ހެނދުނު ލޯންޗުކުރި މި ރޮކެޓު ވެއްޓިފައި ވަނީ ނޯވޭގެ ފަރުބަދަމަތީ ސަރަހައްދަކަ ށެވެ. މި ސެންޓަރު ހިންގަމުން އަންނަ ދަ ސްވީޑިޝް ސްޕޭސް ކޯޕޮރޭޝަން (އެސްއެސްސީ) އިން ވަނީ މިކަމާ ގުޅިގެން މައާފަށް އެދި މި ހާދިސާ ތަހްގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނަމަވެސް ސްވީޑެން އިން މި ހާދިސާއާ ބެހޭ މައުލޫމާތުތައް ރަސްމީކޮށް ނޯވޭއަށް އަންގާފައި ނުވާކަމަށް ނޯވޭގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

"ރަސްމީކޮށް މި ވުޒާރާއަށް އަންގާފައެއް ނުވޭ. ބޯޑަރުން އަނެއް ފަރާތުގައި މިކަހަލަ ހާދިސާއެއް ހިނގީމާ މިކަމަށް ޒިންމާވާ ފަރާތްތަކުން އަންގަން ޖެހޭ ޗެނަލްތަކުން ނޯވޭގެ އިދާރާތަކަށް ވަގުތުން އެންގުން މުހިންމު،" ނޯވޭގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރާނައިލްޑް ސިމެންސްޓަޑް ވިދާޅުވި އެވެ.

އެސްއެސްސީ އިން މައުލޫމާތުދޭ ގޮތުގައި ލޯންޗުކުރި ރޮކެޓު ވަނީ 250 ކިލޯމީޓަރުގެ އުސްމިނަކަށް ފޯރާ ކާބަން-ފްރީ ފިއުލާއި އަދި ސޯލާ ސެލްސް އުފެއްދުމާ ބެހޭ އެކްސްޕެރިމަންޓުތަކެއް ހިންގާފަ އެވެ. ނަމަވެސް މި ރޮކެޓު ވެއްޓިފައި ވަނީ ޖެއްސުމަށް ހަމަޖެހިފައި އޮތް ސަރަހައްދާ 40 ކިލޯމީޓަރު ހުޅަނގު އުތުރުން ނޯވޭގެ އުތުރުގައި އޮންނަ މަލްސެލްވް ސަރަހައްދަކަށެވެ.  

ފަރުބަދަމަތީ މި ސަރަހައްދާ އެންމެ ކައިރީގައި މީހުން ދިރުއުޅެމުން އަންނަނީ 10 ކިލޯ މީޓަރު ދުރުގައި ކަމުން މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކުރެވިފައެއް ނުވެ އެވެ.

އަދި ވެއްޓުނު ރޮކެޓުގައި ހުރި ސައިންޓިފިކް އިންސްޓްރުމަންޓު ރަނގަޅު ހާލަތެއްގައި ފެނިފައިވާ ކަމަށާއި މި ބައި މިހާރު އެސްރޭންޖްއަށް ހެލިކޮޕްޓަރުގައި ގެނެވިފައިވާ ކަމަށް އެސްއެސްސީ އިން މައުލޫމާތުދެ އެވެ.

އެސްރޭންޖުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއް ތެރޭ ނޯވޭގެ އަސްކަރިއްޔާއަށާއި ސްވީޑެންގެ ކަމާބެހޭ އިދާރާތަކަށް ވަނީ އެންގިފަ އެވެ. އަދި ރޮކެޓު ލޯންޗުތަކާ ބެހޭ ގަވާއިދުތަކަށް އަމަލު ކުރެވުނު ކަމަށް ވެސް އެސްރޭންޖުން ބުންޏެވެ. 

ނޯވޭ ސަރުކާރުގެ ހަބަރުފަތުރާ އެންއާރްކޭއަށް މައުލޫމަތު ދެއްވި މަލްސެލްވްގެ އޮފިޝަލުން ވިދާޅުވިގޮތުގައި އެމީހުންނަށް މި ހާދިިސާ ހިނގައިގެން އުޅޭކަން އެނގުނީ މި ރޮކެޓު ނެގުމަށް ހެލިކޮޕްޓަރެއް ފޮނުވުމަށް ހުއްދަ ހޯދުމަށް ފޯނުކޯލެއް އައުމުން ނެވެ. 

ނަމަވެސް މި ރޮކެޓު ވެއްޓުނު ކަމެއް އަދި އޭތި ނަގާފައިވާ ކަމުގެ އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

"އަހަރުމެންނަށް މުހިންމު ވަނީ މިފަދަ ރޮކެޓު ހާދިސާއަކުން ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެތީ. ތެޔޮ ހުރެދާނެ ތަގައްޔަރުވެފައި އަދި ވިހަ މާއްދާތަކެއް ވެސް ހުރެދާނެ. އަހަރުމެން ބޭނުންވަނީ މިކަމުގައި ކަނޑައެޅިފައި އޮތް އުސޫލުތަކަށް އަމަލުކުރަން." ސިމެންސްޓަޑް ވިދާޅުވި އެވެ.

ޓެކްސަސް-58ގެ ނަންދެވިފައިވާ މި ވެއްޓުނު ރޮކެޓަކީ ޔޫރަޕުގެ ސްޕޭސް އެޖެންސީގެ ޔޫރަޕިއަން ޕްރޮގްރާމްގެ ދަށުން ލޯންޗު ކުރެވުނު ރޮކެޓެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް