ރޮކެޓު ވައިގެ ތެރޭގައި ގޮވާފައިވާ މަންޒަރު.

ސްޕޭސްއެކްސްގެ ސްޓާޝިޕް ރޮކެޓު އުދުއްސާލި ތަނުން ގޮވައިފި

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޕޭސްއެކްސް އިން އަނެއްކާވެސް ރޮކެޓްގެ އާ ޓެސްޓު ލޯންޗު ކުރާނެ

އީލޮން މަސްކުގެ ސްޕޭސްއެކްސް ކުންފުނިން އިއްޔެ ޓެސްޓުކުރަން ލޯންޗުކުރި ސްޓާޝިޕް ރޮކެޓު ވައިގެ ތެރޭގައި ގޮވައިފި އެވެ.

އިންސާނީ ތާރީހުގައި ވެސް މިހާތަނަށް ހެދި އެންމެ ބޮޑު ރޮކެޓު އީޖާދުކުރަން އެތައް އަހަރެއްގެ މަސައްކަތް ސްޕޭސްއެކްސް އިން ކޮށްފައިވެ އެވެ.

"[ރޮކެޓު] އަރަމުން ދިޔަ ވަގުތު، ދެ ބައި ވަކިވުމުގެ މަރުހަލާގެ ކުރިން މައްސަލައެއް ދިމާވެ ވެހިކަލް ގެއްލުނީ. އެއްވެސް މީހަކަށް އަދި އާންމު ތަނަކަށް ވެސް ގެއްލުން ލިބުނުކަމުގެ ރިޕޯޓެއް ނެތް،" އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ސްޕޭސްއެކްސް އިން ސްޓާޝިޕް ރޮކެޓު ފުރަތަމަ ލޯންޗު ކުރަން އޮތީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ރޮކެޓުގައިވާ ބޫސްޓަރެއް ގަނޑުވުމުގެ ސަބަބުން އެ ލޯންޗު ފަސްކުރި އެވެ. އިއްޔެގެ ލޯންޗަށް ސްޕޭސްއެކްސްގެ ޓީމުން ވަނީ ރޮކެޓުގައި ހުރި ގިނަ މައްސަލަތަކެއް ރަނގަޅު ވެސް ކޮށްފަ އެވެ.

ރޮކެޓް ގޮވިޔަސް އެއީ ނާކާމިޔާބީއެއް ކަމަކަށް ނުބެލެވެ އެވެ. ސްޕޭސްއެކްސް އިން ކުރިން ވެސް ބުނެފައި އޮތީ ވައިގެ ތެރެއަށް ރޮކެޓް ފޮނުވާލެވުން ވެސް ބަލާނީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. އިއްޔެގެ ލޯންޗުގައި ރޮކެޓު ގޮވުމުގެ ކުރިން ވަނީ ހަތަރު މިނެޓަށް އުދުހި ކާމިޔާބުކަމާ އެކު ބޫސްޓަރުތައް ރޮކެޓުން ނައްޓާ ވެސް ލައިފަ އެވެ. 

"މިކަހަލަ ޓެސްޓަކާ އެކު ކާމިޔާބު ލިބެނީ ދަސްކުރެވޭ ކަންކަމުން. އެހެންކަމުން ސްޕޭސްއެކްސް އިން އިތުރު ޕްލެނެޓުތަކަށް އިންސާނީ ދަރިފަސްކޮޅު ފެތުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ސްޓާޝިޕް [ރޮކެޓު] އިތުރަށް ފުރިހަމަކުރަން އެހީތެރިވެދޭނެ،" ސްޕޭސްއެކްސްގެ ޓުވީޓެއްގައި ބުންޏެވެ.

މަސްކް ވިދާޅުވީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ. 

ސްޓާޝިޕް ރޮކެޓު ފަރުމާކޮށްފައި ވަނީ މީހުންނާއި ކާގޯ ވެސް ޖައްވަށް ފޮނުވުމަށެވެ. މީގެ ދެ އަހަރު ކުރިން ހަނދަށް އިންސާނުން ފޮނުވަން ނާސާއިން ހުޅުވާލި ކޮންޓްރެކްޓު ކާމިޔާބުކޮށްފައި ވަނީ ސްޕޭސްއެކްސް އިންނެވެ. އެ މިޝަންގައި ސްޕޭސް އެކްސް އިން ބޭނުންކުރަން ރާވާފައި ވަނީ މި ރޮކެޓެވެ.

އިއްޔެގެ ޓެސްޓު ލޯންޗާ ގުޅޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވަނީ ސްޕޭސްއެކްސްއަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތާރީހުގައި ބޮޑެތި ކަންކަން ހާސިލުވެފައި ހުރީ ރިސްކުތަކެއް ނަގައިގެން ކަމަށެވެ. 

ސްޕޭސްއެކްސްގެ ސްޓާޝިޕް ރޮކެޓު ލޯންޗުކުރުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

ސްޕޭސްއެކްސް އިން ސްޓާޝިޕް ރޮކެޓު ޓެސްޓުކުރަން ފުރަތަމަ ރާވާފައި އޮތީ 2021 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް ރޮކެޓު ތައްޔާރުކުރުމުގަ އާއި ބޭނުންވާ ހުއްދަތައް ސަރުކާރުން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ.

ކޮމެންޓް (1)

ދުމަޙުއަ

22 އޭޕްރީލު 2023
ތިއަށްވުރެ ރަނގަޅެއްނު ތިބޭކާރު ޚަރަދު ކުރުމައްވުރެ ދުނިޔޭގައިޙާލުޖެހފައި ތިބި އަދި ގެދޮރު ގެއްލިފައި ތިބި ރެފިއުޖީ ކޭމްޕް ތަކުގައި ތިބި އެތައް މިލިޔަން އިންސާނުންނަށް އެހީވިއްޔާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް