އިންޓެލް ކުންފުނީގެ އެއް ބާނީ ކަމަށް ގޯޑަން މުއޯ.

އިންޓެލް ކުންފުނީގެ ބާނީ ގޯޑަން މުއޯ އަވަހާރަވެއްޖެ

މުއޯ ވަނީ ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތަށް އެކި ގޮތް ގޮތުން އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި

ޓެކްނޮލޮޖީ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވި އަދި ހިލޭ ސާބަހަށް އެކި ފަރާތްތަކަކަށް ބޮޑެތި އެހީތަކެއް ވަމުން ގެންދެވި، އިންޓެލް ކުންފުނި އުފެއްދުމުގައި އިސްކޮށް އުޅުއްވި އެ ކުންފުނީގެ އެއް ބާނީ ކަމަށް ގޯޑަން މުއޯ މިއަދު އަވަރާވެއްޖެ އެވެ.

ޗިޕު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް މުއޯ ވަންނަވާފައި ވަނީ 1950ގެ އަހަރުތަކުގަ އެވެ.  އަދި ކޮމްޕިއުޓަރުތަކުގެ ޕްރޮސެސިން ބާރު ކޮންމެ އަހަރަކު ދެ ގުނަ އިތުރުވަމުން އަންނާނެ ކަމަށް އޭނާ އޭރު ލަފާކުރެއްވި އެވެ. ފަހުން އޭނާ ވަނީ މި މުއްދަތު ކޮންމެ ދެ އަހަރަކުން ދެ ގުނަ ވާނޭ ކަމަށް ވިދާޅުވެ، 'މުއޯ ލޯ' އިސްލާހުކުރައްވާފަ އެވެ. 

'މުއޯ ލޯ' ކޮމްޕިއުޓަރު ޗިޕު އިޖާދުކުރާ ސިނާއަތުގެ މައިގަނޑު އަސާސަކަށްވެ، ޕާސަނަލް ކޮމްޕިއުޓަރުގެ އިންގިލާބަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނެވެ.

ކޮމްޕިއުޓަަރު އިންގިލާބު ފެށުމުގެ 20އަކަށް އަހަރު ކުރިން މުއޯ ލިޔުއްވި ކަރުދާހެއްގައި، އިންޓަގްރޭޓަޑް ސާކެޓުތަކާ އެކު ގޭގައި މަސައްކަތް ކުރެވޭނެ ކޮމްޕިއުޓަރުތަކާއި ކާރު ފަދަ އުޅަނދުތަކަށް އޮޓޮޓެމިޓް ކޮންޓްރޯލުތަކާއި އަމިއްލައަށް ގެންގުޅެވޭނެ މުވާސަލާތީ ކުދި އާލާތްތަކަށް ޖާގަ ލިބިގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ ބައި ގަރުނު ކުރިން މުއޯ 1965ގައި ލިޔުއްވި މި ކަރުދާހުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު ޓްރާންސިސްޓަރެއްގައި ހިމެނޭ މައިކްރޯޗިޕުތައް ކޮންމެ ދެ އަހަރަކުން ދެ ގުނަ އިތުރުވަމުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އިންޓަގްރޭޓަޑް ސާކެޓުތައް އީޖާދުކޮށްފައި ވަނީ މުއޯގެ މި ކަރުދާސް ޝާއިއުކުރުމުގެ މަދު އަހަރުތަކެއް ކުރިންނެވެ.

'މުއޯ ލޯ'ގެ ގޮތުގައި ފަހުން މަޝްހޫރުވެގެން ދިޔައ މި ލަފާކުރުމުގެ މައްޗަށް ޗިޕު އުފައްދާ ކުންފުނިތަކުން ދިރާސާތައް ބައްޓަންކޮށް، އެކަން ހާސިލުކުރެވޭތޯ އޭރު މަސައްކަތްތައް ފެށި އެވެ. އެއާ އެކު، މެމޮރީ ޗިޕުތައް މަސައްކަތް ކުރަމުން އައި ގޮތް ހަލުވި ކަމާ އެކު ކުރިއަރައި އެ އެއްޗެހީގެ އަގުތައް ވެސް އެތައް ގުނައެއް ދަށަށް ދާން ފެށި އެވެ. 

މުއޯގެ 1965 ވަނަ އަހަރުގެ ކަރުދާހުގައި ހިމަނުއްވި ކުރެހުމެއް: އާންމުކޮށް ގަނެ އުޅޭ އެހެން މުދާތައް ވިއްކާ ތަންތަނުގައި މުސްތަގުބަލުގައި ކޮމްޕިއުޓަރުތައް ވެސް ވިއްކާނޭ ކަމަށް ލަފާކުރެއްވި.

ޕީއެފްޑީއެއް ހާސިލުކުރެއްވުމަށް ފަހު މުއޯ ގުޅިވަޑައިގެންފައި ވަނީ ވިޔަފާރިތަކަށް ޓްރާންސިސްޓަރުތަކާއި އިންޓަގްރޭޓަޑް ސާކެޓުތައް އުފައްދަމުން އައި ފެއާޗައިލްޑް ސެމިކޮންޑަކްޓާ ކުންފުންޏާ އެވެ. އަދި 1968 ވަނަ އަހަރު ރަހުމަތްތެރިޔާ ރޮބާޓް ނޮއިސްއާ އެކު މުއޯ ވަނީ ފެއާޗައިލްޑުން ވަކިވެ، އިންޓެލް ކުންފުނި ފައްޓަވާފަ އެވެ. 

މުއޯގެ މަސައްކަތްތަކާ އެކު ދުނިޔޭގެ އެކި ހިސާބުތަކަށް ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތައް ލިބި، ޕާސަނަލް ކޮމްޕިއުޓަރުތަކާއި އެޕަލް، ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ބިންގާ އެޅުމަށް ވެސް ފުރުސަތު ހުޅުވިގެން ދިޔަ އެވެ.

އިންޓެލް ކުންފުނީގެ މިހާރުގެ ސީއީއޯ ޕެޓް ޖެލްސިންގާ ވިދާޅުވި ގޮތުގައި، މުއޯ ވަނީ އޭނާގެ އިލްމާއި ދުރު ވިސްނުމާއި ތަސައްވުރު ބޭނުންކުރައްވައިގެން ޓެކްނޮލޮޖީ ސިނާއަތުގެ ކުރިމަގު ބަޔާންކުރައްވައި ވިޔަފާރި އާއި ޓެކްނޮލޮޖީ ސިނާއަތުގައި މަސައްކަތް ކުރި އެތައް ބަޔަކަށް އެތައް އަހަރެއް ވަންދެން ހިތްވަރަކަށް ވެވަޑައިގެންފަ އެވެ.

އުމުރުގެ ފަހުކޮޅު މުއޯ ހޭދަކުރައްވާފައި ވަނީ ހިލޭސާބަހަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގަ އެވެ. އަދި އަނބިކަނބަލުންނާ އެކު، ތިމާވެށި ހިމާޔަތް ކުރުމަށް 'ގޯޑަން އެންޑް ބެޓީ މުއޯ ފައުންޑޭޝަން' ފައްޓަވައި އެމެޒޯން ކޯރުގެ އިތުރުން، އެމެރިކާ، ކެނެޑާ އަދި ރަޝިޔާގައިވާ ބައެއް ކޯރުތައް ރައްކާތެރި ކުރުމަށް މުއޯ މަސައްކަތް ކުރައްވާފައިވެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ 2002 ވަނަ އަހަރު މުއޯއަށް އާންމު ފަރުދަކަށް އެމެރިކާގައި އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާ 'މެޑަލް އޮފް ފްރީޑަމް' އަރުވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް