
ޓިކްޓޮކް
ވިއްކާ ނުލާ ނަމަ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ރިޕޯޓަކުން ބުނެފި
ޓިކްޓޮކް ވިއްކާ ނުލާނަމަ އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް ވޮޝިންޓަނުން އިންޒާރު ދީފައިވާ ކަމަށް އެމެރިކާގެ ހަބަރުތަކުން ރިޕޯޓުކޮށްފި އެވެ.
ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ ޓިކްޓޮކް ހިދުމަތް ބޭނުން ކުރަމުން އަންނަ އެތައް މިލިއަން އެމެރިކާ ކަސްޓަމަރުންނާ ބެހޭ މައުލޫމާތުތައް ޗައިނާ ސަރުކާރަށް ލިބިދާނެތީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވޮޝިންޓަނުން ބުނެ އެވެ.
ޓިކްޓޮކްގެ ވެރި ކުންފުނި ބަދަލުކުރުމަށް ހުށައަޅާފައިވާ ކަމަށް ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ވޯލް ސްޓްރީޓް ޖާނަލް (ޖާނަލް) ނޫހުން ނެވެ. އަދި މިހަބަރު ވަނީ ޓިކްޓޮކް އިން ވެސް ބީބީސީ އަށް ކަށަވަރުކޮށްދީފަ އެވެ.
އަދި ކުންފުނި ވިއްކާލަން މަޖުބޫރު ވިނަމަވެސް ޑޭޓާ ދަތުރުކުރާ ގޮތަށާއި މައުލޫމާތުތައް ބެލުމަށް ހުއްދަ ލިބިފައި އޮންނަ ފަރާތްތައް ބަދަލު ނުވާނޭ ކަމަށް ޓިކްޓޮކް އިން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ކަސްޓަމަރުންނާ ބެހޭ މައުލޫމާތުތައް ޗައިނާ ސަރުކާރަށް ލިބިދާނެ ކަމުގެ ކަންބޮޑުވުން ވޮޝިންޓަނުގެ ވެރިން އުފުލަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ.
ބައިޓްޑާންސް ކުންފުނިން ޓިކްޓޮކް ހިދުމަތް ވަކިކޮށް (ވިއްކާލާ) ޗައިނާއާ އެކަހެރި ވުމަށް ބައިޑަންގެ ސަރުކާރުން ބޭނުންވާކަމަށް ޖާނަލްގެ ރިޕޯޓުގައިވެ އެވެ. އަދި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކަންކަން ވެސް ބަލަމުން އަންނަ ފޮރިން އިންވެސްޓްމަންޓުތަކާ ބެހޭ ކޮމިޓީއިން ބައިޓްޑާންސް ކުންފުނިން ޓިކްޓޮކް ވިއްކާލަން ހުށައެޅުމަށް ވޯޓެއް ނަގާ ހުރިހާ މެމްބަރުން އެގޮތަަށް އިއްތިފާގު ވެފައިވާ ކަމަށް ވެސް ޖާނަލުގެ ރިޕޯޓުގައިވެ އެވެ.
ޓިކްޓޮކް އިން ވަނީ މި ކޮމިޓީއިން ގުޅާފައިވާ ކަން މިހާރު ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް ވޮޝިންޓަނުން ބޭނުން ވަނީ ގައުމީ ސަލާމަތާ ބެހޭ ނުރައްކާތައް ނައްތާލުން ކަމުގައިވާ ނަމަ ޓިކްޓޮކް ވިއްކާލައިގެން މި ލަނޑުދަނޑި ހާސިލު ނުކުރެވޭނެ ކަމަށް ޓިކްޓޮކްގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނެއް ވިދާޅުވި އެވެ. ސަބަބަކީ މައުލޫމާތު ދަތުރުކުރާ ގޮތާއި އެމައުލޫމާތުތައް ބަލަން ހުއްދަ އޮންނަ ފަރާތްތައް ބަދަލުނުވުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޓިކްޓޮކް ހިދުމަތް އެމެރިކާގައި މަނާކޮށްފާނޭ ކަމުގެ އިންޒާުރު ފުރަތަމަ ދެއްވާފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އަދި އެފަހުން ވަޑައިގެން މިހާރު ހުންނެވި ބައިޑަންގެ ސަރުކާރުން ވެސް އަންނަނީ އެ މަސައްކަތް ކުރިއަށް ގެންދަވަމުން ނެވެ.
އެމެރިކާ ސަރުކާރާއި ކެނެޑާ އަދި ޔޫރަޕިއަން ޔޫނިންގްގެ ސަރުކާރު މުވައްޒަފުންގެ އާލާތްތަކުގައި ޓިކްޓޮކް ބޭނުން ކުރުން މިހާރު ވަނީ މަނާ ކުރެވިފަ އެވެ.
ޗައިނާ އާއި ހުޅަނގާ ދެމެދު އޮތް ވާދަވެރިކަން އިތުރުވަމުން އަންނަ ވަރަކަށް މިފަދަ ގިނަ މައްސަލަތައް ކުރިއަށް އޮތްތަނުގައި ތިލަވެގެން ދާނޭ ކަމަށް ބެލެވެ އެވެ. މީގެ އެއް މިސާލަކީ މިދިޔަ މަހު އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ފެނުނު ޗައިނާގެ "ޖާސޫސީ" ފުއްޕާހަމެވެ.
އަނެއްކޮޅުން ބަލާއިރު ދުނިޔޭގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާގެ ގިނަ ހިދުމަތްތަކެއް ޗައިނާގެ ރައްޔިތުންނަށް ބަންދުކޮށްފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. މީގެ ތެރޭގައި ޖީމެއިލް، ގޫގުލް، ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް އަދި މި ނޫން ވެސް އިތުރު ހިދުމަތްތައް ހިމެނެ އެވެ. މިފަދަ ގިނަ ހިދުމަތްތަކަކީ އެމެރިކާގެ ކުންފުނިތަކަށް ނިސްބަތްވާ ހިދުމަތްތަކެކެވެ.
އިންޓަނެޓު ސެންސަރު ކުރުމާއި އާންމުން އިންޓަނެޓުގައި ކުރަމުން އަންނަ ކަންކަން އެހާމެ ގާތުން ބެލުމަކީ ބެއިޖިންގް އިން ކުރަމުން އަންނަ ކަމެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ކިރިޔާ ވެސް ފާޑުކިޔާ ހުރިހާ މައުލޫމާތުތަކެއް ކަހަލަ ގޮތަކަށް ބެއިޖިންގް އިން ފޮހެލަ އެވެ. މިކަން މިނިމިގެން ދިޔަ ކޮވިޑު ލޮކްޑައުންތަކުން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވެ އެވެ.
ކޮމެންޓް