(ފޮޓޯ/ރޮއިޓާސް)

ފާއިތުވި އަހަރު އުތުރު ކޮރެއާއާ ގުޅުން ހުރި 1.7 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވައްކަން

މިދިޔަ އަހަރަކީ އެންމެ ގިނަ އަދަދެއްގެ ކްރިޕްޓޯ ފައިސާ ވަގަށް ނެގި އަހަރު

އުތުރު ކޮރެއާއާ ގުޅުން އޮންނަ ހެކަރުން މިދިޔަ އަހަރު 1.7 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބްލޮކްޗެއިން ދިރާސާ ކުރާ ޗެއިނަލިސިސް ކުންފުނިން ބުނެފި އެވެ.

މިއީ އުތުރު ކޮރެއާއާ ގުޅުން އޮންނަ ހެކަރުން 2021 ވަނަ އަހަރު ދަމައިގަތް 429 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.

ކްރިޕްޓޯ ހެކުތަކުން މިދިޔަ އަހަރު ރެކޯޑު 3.8 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ފައިސާ ގެއްލިފައިވެ އެވެ. މީގެ ތެރެއިން %44 ވަގަށް ނަގާފައި ވަނީ ކޮރެއާއާ ގުޅުން އޮންނަ ހެކަރުންނެވެ.

އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އޮތް އުތުރު ކޮރެއާ އިން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ފައިސާ ހޯދުމަށް ކްރިޕްޓޯ ވައްކަންތަކަށް ބަރޯސާވަމުންދާ ކަމަށް މާހިރުން ލަފާކުރެ އެވެ.

ލީޑަރު ކިމް ޖޮންގް-އުންގެ ބެއްލެވުމުގެ ދަށުން އުތުރު ކޮރެއާއިން މިހާތަނަށް ނިއުކްލިއާ ހަ ޓެސްޓެއް ކޮށްފައިވާ އިރު، ހަތްވަނަ ޓެސްޓު މި އަހަރު ކުރާނެ ކަމަށް ވެސް މާހިރުން ވަނީ ލަފާ ކޮށްފަ އެވެ. އުތުރު ކޮރެއާއަށް އިގްތިސާދީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވީ ނަމަވެސް މިދިޔަ އަހަރު އެކަނި ވެސް ރެކޯޑު މިންވަރަކަށް ބެލިސްޓިކް އަދި އެހެނިހެން މިސައިލުތައް ލޯންޗުކުރި އެވެ.

ޗެއިނަލިސިސް އިން މިދިޔަ ބުދަ ދުވަހު ނެރުނު ރިޕޯޓު ބުނާގޮތުން އުތުރު ކޮރެއާއިން މިދިޔަ އަހަރު އެކްސްޕޯޓު ކުރި ޖުމްލަ މުދަލުގެ އަގު އުޅެނީ 142 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން އެ ގައުމުގެ އިގްތިސާދު ހިންގަމުން އަންނަނީ ހެކުކޮށްގެން ހޯދާފައިވާ ކްރިޕްޓޯ ފައިސާއިން ކަމަށް ބުނުމަކީ ހަގީގަތާ މާ ދުރު ނޫން ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އުތުރު ކޮރެއާއާ ގުޅުން އޮންނަ ހެކަރުން ހިންގާފައިވާ ވައްކަންތަކާ ގުޅޭ (ވީޑިއޯ/އަރީރާންގް ނިއުސް)

ހެކުކޮށްގެން ހޯދާ ކްރިޕްޓޯ ފައިސާ ދޮވުމަށް ހެކަރުން "މިކްސަރުތަކެއް" ބޭނުންކޮށް މި ފައިސާ އައިތަން އޮޅުވާލާ ކަމަށް ޗެއިނަލިސިސް އިން ބުނެ އެވެ. އަދި ޗައިނާގައި ތިބި ބްރޯކަރުން މެދުވެރިކޮށް ނުވަތަ ނޮން ފަންޖިބަލް ޓޯކަން (އެންއެފްޓީ) ބޭނުންކޮށްގެން ވެސް މިކަން ކުރަމުންދާ ކަމަށް ބައެއް މާހިރުން ވަނީ ބުނެފަ އެވެ. 

ހޮރައިޒަން ނަމަކަށް ކިޔާ ބްލޮކްޗެއިން ނެޓްވޯކަކުން މިދިޔަ އަހަރު ގެއްލުނު 100 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ފައިސާ ވަގަށް ނެގުމުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާއާ ގުޅުން އޮންނަ މަޝްހޫރު ލަޒަރަސް ގްރޫޕު ކަމަށް މިދިޔަ މަހު އެފްބީއައި އިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް