(ފޮޓޯ/ގެޓީ އިމޭޖެސް)

ސްޕޮޓިފައި އިން ވެސް މުވައްޒަފުން މަދުކުރަން ނިންމައިފި

ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ގެންދަނީ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ގިނަ އަދަދަކަށް މުވައްޒަފުން ވަކިކުރަމުން

މިއުޒިކް ސްޓްރީމް ކުރާ ސްޕޮޓިފައިގެ 10،000 މުވައްޒަފުންގެ ތެރެއިން %6 ވަޒީފާއިން ވަކިކުރުމަށް ނިންމިކަން އިއުލާނުކޮށްފި އެވެ.

މިކަމާ ބެހޭގޮތުން ސްޕޮޓިފައިގެ ބްލޮގުގައި ސީއީއޯ ޑެނިއެލް އެކް ވިދާޅުވިގޮތުގައި "އާމްދަނީ އިތުރުވަމުން އަންނަ މިންވަރަށް ވުރެ ބޮޑަށް، އުއްމީދީ އިންވެސްޓްމަންޓުތަކެއް އަހަންނަށް ވިސްނާނުލާ ވަނީ ކުރެވިފަ" އެވެ.

ސްޕޮޓިފައިގެ ތާރީހުގައި ވެސް އަދި މިހާތަނަށް މާލީ އަހަރެއްގައި ކުންފުންޏަށް ފައިދާއެއް ލިބިފައެއް ނުވެ އެވެ.

ސްޕޮޓިފައިގެ އިތުރުން މައިކްރޮސޮފްޓް އާއި އަލްފަބެޓް އިން ވެސް ވަނީ މުވައްޒަފުން މަދުކުރަން ނިންމާފައިވާކަން މިދިޔަ ހަފްތާގައި އިއުލާނުކޮށްފަ އެވެ. އެގޮތުން ގޫގުލްގެ ވެރި އަލްފަބެޓް ކުންފުނިން 12،000 ވަޒީފާ މަދުކުރުމަށް ނިންމާފައި ވާއިރު، މައިކްރޮސޮފްޓުން ވަނީ 10،000 ވަޒީފާ މަދުކުރުމަށް ނިންމާފަ އެވެ.

"މި ހިސާބަށް މިއަދު އަންނަން ޖެހުނީތީ އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން،" އެކް ވިދާޅުވި އެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް 9،800 މުވައްޒަފުން ތިބި ކަމަށް ރިޕޯޓުކޮށްފައިވާ ސްޕޮޓިފައި އިން %6 މުވައްޒަފުން ވަކިކުރާ އިރު ބަދަލުގެ ގޮތުގައި 35 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަލަށް މުވައްޒަފުން ނަގަމުން އަންނަ މިންވަރު ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހު މަދުކުރާނެކަން ސްޕޮޓިފައި އިން ފުރަތަމަ ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ސްޕޮޓިފައި އިން މުވައްޒަފުން މަދުކުރުމަށް ނިންމުމާ ގުޅޭ (ވީޑީއޯ/ރޮއިޓާސް)

ޓެކްނޮލޮޖީ ސިނާއަތުގެ ވަޒީފާތައް ގެއްލޭ މިންވަރު ދައްކުވައިދޭ ވެބްސައިޓު ލޭއޯފްސް.އެފްވައިއައިގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފެށުނު ފަހުން، އެމެރިކާގެ މި ސިނާއަތުގައި މަސައްކަތް ކުރާ 194،000 މީހެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަލްފަބެޓާއި ސްޕޮޓިފައި އިން ވަކިކުރާ މުވައްޒަފުން މީގެ ތެރޭގައި ނުހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް