އިންޓެލްގެ ސީއީސޯ ޕެޓް ޖެލްސިންގާ: ހަކަތައަށް ވުރެ ސެމީކޮންޑަކްޓާސް މުހިންމުވާނެ ކަމަށް ވިދާޅުވި (ފޮޓޯ/ސީއެންއެން)

ތެލަށް ވުރެ ކޮމްޕިއުޓަރު ޗިޕުތަކުގެ ދައުރު ބޮޑުވާނެ: އިންޓެލްގެ ސީއީއޯ

ކުރިއަށް އޮތް 50 އަހަރު ކުރި ލިބޭނީ ކޮމްޕިއުޓަރު ޗިޕުގެ ކުރިއެރުން ހޯދާ ބަޔަކަށް ކަމަށް ޖެލްސިންގާ ވިދާޅުވި

ކުރިއަށް އޮތް ފަންސާހަކަށް އަހަރު ދުނިޔޭގެ ސިޔާސީ މަސްރަހު ބައްޓަންވުމުގައި ތެލަށް ވުރެ ބޮޑު ދައުރެއް އަދާކުރާނީ މައިކްރޯޗިޕުތަކުން ކަމަށް އިންޓެލްގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.

"ފާއިތުވެދިޔަ 50 ހަކަށް އަހަރު ސިޔާސީ މައިދާން ބައްޓަންވެގެން ގޮސްފައި ވަނީ ތެޔޮ ވަޅުތައް ހުރި ތަންތަނުގެ ސަބަބުން،" ޑާވޯސްގައި އޮތް ދުނިޔޭގެ އިގްތިސާދީ ފޯރަމްގައި ހުންނަވާ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޕެޓް ޖެލްސިންގާ ވިދާޅުވި އެވެ. "ދެން އޮތް 50 އަހަރު މާ މުހިންމުވެގެން ދާނެ ޓެކްނޮލޮޖީ ސަޕްލައިތައް ލިބެން ހުންނަ ތަންތަނާއި ޗިޕުތައް އުފައްދާ ތަންތަން."

ދުނިޔޭގައި ގިނަ އަދަދަކަށް ޗިޕު އުފައްދަމުން އަންނަ އިންޓެލް ކުންފުނިން އެމެރިކާ، ޔޫރަޕް އަދި އެހެނިހެން ސަރަހައްދުތަކުގައި އަޅަމުން އަންނަ ކާރުހާނާތައް މުހިންމު ވަނީ ހަމައެކަނި ކުންފުނީގެ މުސްތަގުބަލަށް ނޫން ކަމަށާއި "ދުނިޔޭގެ މުސްތަގުބަލަށް އެންމެ މުހިންމު ވާނެ ވަސީލަތް ބައިނަލްއަގްވާމީ" ކުރުމަށް ވެސް މުހިންމުކަން ޖެލްސިންގާ ފާހަގަ ކުރެއްވި އެވެ.

"ސަރަހައްދީގޮތުން ހަމަހަމަ، ފަސޭހައިން ބުރޫނާރާނެ ސަޕްލައި ޗެއިނެއް އަހަރެމެން ބޭނުން،" އޭނާ ވިދާޅުވި އެވެ.

ޗިޕު އުފައްދާ ސެމިކޮންޑަކްޓާ ސިނާއަތުގެ އެއްވަނައިގައި ދެމިއޮތުމަށް އިންޓެލް އިން ވަނީ ޗިޕު އުފައްދާ ދެ ކާރުހާނާއެއް އެމެރިކާގައި އެޅުމަށް 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެކަން މިދިޔަ އަހަރު އިއުލާނުކޮށްފަ އެވެ. އަދި ޔޫރަޕުގައި ވެސް އާ ކާރުހާނާތަކެއް އެޅުމަށް 90 ބިލިއަން ޑޮލަރު ހަރަދުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އިންޓެލް އިން މި އިންވެސްޓްމަންޓުތައް އިއުލާނުކޮށްފައި ވަނީ އޭޝިއާ ބައްރުގައި ޗިޕު އުފައްދަމުން އަންނަ ޗައިނާ އާއި ޓައިވާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ބެއިޖިންގް އާއި ހުޅަނގުގެ ގުޅުން ވެސް ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށެވެ. އަދި ކޮރޯނާވައިރަހާ ގުޅިގެން ޗައިނާގައި ތަންފީޒުކުރި ލޮކްޑައުންތަކާ ހެދި، ޗިޕު ސަޕްލައި ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ޗިޕު ބޭނުންކޮށް އުފައްދާ ގިނަ ބާވަތްތަކެއްގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބުރޫއެރި އެވެ.

"ކޮވިޑު ކާރިސާ އާއި އޭގެ ފަހުން މި ވޭތުވެދިޔަ ދެ އަހަރު ތެރޭ އަހަރެމެންނަށް އެއްޗެއް ދަސްވިކަމުގައި ވާނަމަ ދަސްވެފައި ވަނީ އަހަރެމެންގެ ސަޕްލައި ޗެއިންތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭކަން،" ޖެލްސިންގާ ވިދާޅުވި އެވެ.

އިންޓެލްގެ ސީއީއޯ ޕެޓް ޖެލްސިންގާ މި ހަފްތާގައި ފޮކްސްއަށް ދެއްވި އިންޓަވިއުއެއް (ވީޑިއޯ/ ފޮކްސް ބިޒްނަސް)

އެމެރިކާގައި ކޮމްޕިއުޓަރު ޗިޕު އުފައްދައި އެކަމާ ބެހޭ ދިރާސާތަކާއި ތަހްލީލުތައް އިތުރުކުރުމަށް އެ ގައުމުން ވަނީ މިދިޔަ އަހަރު 200 ބިލިއަން ޑޮލަރުގެ އެހީ މިކަމާ ބެހޭ ކުންފުނިތަކަށް ދިނުމަށް ނިންމައި ބިލެއް ފާސްކޮށްފަ އެވެ. އަދި ވޮޝިންޓަނުން ވަނީ އެމެރިކާގެ ކުންފުނިތަކުން އުފައްދާ އެންމެ ވަރުގަދަ ކޮމްޕިއުޓަރު ޗިޕުތައް ޗައިނާއަށް ބޭރުކުރުން މަނާ ވެސް ކޮށްފަ އެވެ. މިފަދަ ވަސީލަތްތައް ބޭނުންކޮށް ބެއިޖިންގް އިން އަސްކަރިއްޔާ ވަރުގަދަކޮށް ސަރަހައްދީ މަސްލަހަތު ނަގާލަމުންދާ ކަމަށް އެމެރިކާގެ ސިޔާސީ ވެރިން ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް