އޫބާ އިން މިހާރު ވަނީ ތަހުގީގެއް ފަށާފައި. (ފޮޓޯ/އޭޕީ)

އޫބާގެ ކޮމްޕިއުޓާ ނެޓްވޯކު ހެކުކޮށްފި

މި ހެކު ކޮށްފައި ވަނީ 18 އަހަރުގެ މީހެއް ކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވޭ
17 ސެޕްޓެމްބަރު 2022

ކުންފުނީގެ މުވާސަލާތީ އަދި އިންޖިނިއަނިރިންއާ ބެހޭ ގިނަ ނިޒާމުތައް ހެކު ކުރުމާ ގުޅިގެން ތަހްގީގެއް ފަށާފައިވާ ކަމަށް، އާންމުންނަށް ދަތުރުތައް ހޯދައިދޭ މަޝްހޫރު އެޕްލިކޭޝަން ހިންގާ އޫބާ ކުންފުނިން އިއްޔެ ބުނެފި އެވެ.

އޫބާގެ ކޮންޕިއުޓަރުތައް ހެކުކޮށްފައި ވާކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ނިއު ޔޯކް ޓައިމްސް ނޫހުންނެވެ. ހެކު ކުރި ފަރާތުން ވަނީ އެ ނޫހަށް ހެކުކޮށްފައިވާ ކަމުގެ ހެކިތައް ފޮނުވާފަ އެވެ.

ހެކު ކުރުމާ ގުޅިގެން އޫބާގެ މުވައްޒަފުން މުވާސަލާތު ކުރުމަށް ބޭނުންކުރާ ސްލެކް އެޕްލިކޭޝަން ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް މެނޭޖްމަންޓުން އެންގި ކަމަށް، ދެ މުވައްޒަފަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް ނޫހުން ބުނެފައިވެ އެވެ.

އޫބާގެ މުވައްޒަފުން ބޭނުން ކުރަމުން އަންނަ ސްލެކް ޕްރޮގްރާމްގެ ހިދުމަތް މެދުކަނޑާލުމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް، "އަހަރެންނަކީ ހެކަރެއް، އޫބާގެ މައުލޫމާތުތަކުގެ ރައްކާތެރިކަން ފޫއަޅުވާލައިފިން" ކަމަށް ބުނާ މެސެޖެއް ވަނީ ލިބިފަ އެވެ. އޫބާގެ ޑްރައިވަރުންނަށް ލިބޭ ފައިސާގެ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

އޫބާގެ މުވާސަލާތީ އަދި އިންޖިނިއަރިން ނިޒާމުތައް ހެކުކުރުމާ ގުޅޭ (ވީޑިއޯ/ ވިއޯން)

މި ހެކާ ގުޅިގެން ކަމާ ބެހޭ އިދާރާތަކާ ވާހަކަދައްކަމުން އަންނަ ކަމަށް އޫބާ އިން ވަނީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން އޫބާގެ ހިދުމަތްތައް ފޯރުކޮށްދޭ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް އަދި ފައިސާ ބަލައިގަންނަ ނިޒާމަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމެއް އަދި ނޭނގެ އެވެ.

މި ހެކު ކޮށްފައި ވަނީ 18 އަހަރުގެ މީހެއް ކަމަށާއި އޫބާގެ ސިސްޓަމްތައް ހެކު ކުރީ ސެކިއުރިޓީ ދަށްކަމުން ކަމަށް އޭނާ ބުނެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް