(ފޮޓޯ/ސްޕޮޓިފައި)
ސްޕޮޓިފައި އަށް އޯޑިއޯބުކް ތައާރަފްކޮށްފި
އެމެރިކާގައި ތިބި ކަސްޓަމަރުންނަށް މިހާރު 300،000 އަށް ވުރެ ގިނަ އޯޑިއޯބުކް ގަނެ އަޑުއަހާލެވޭނެ ކަމަށް ސްޕޮޓިފައި އިން އިއްޔެ ބުނެފި އެވެ.
މިއީ އޯޑިއޯގެ ހުރިހާ އެއްޗެއް އެއް އެޕްލިކޭޝަނެއްގެ ދަށުން ފޯރުކޮށްދިނުމަށް ސްޕޮޓިފައި އިން ގެންގުޅޭ އަމާޒަށް ވާސިލުވުމަށް އެ ކުންފުނިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. ސްޕޮޓިފައި އިން 2015 ވަނަ އަހަރު ޕޮޑްކާސްޓް ތައާރަފްކޮށް، މިހާރު 4.4 މިލިއަން ޕޮޑްކާސްޓު އެބަހުރި ކަމަށް، ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ރިޕޯޓު ކުރަމުން އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އޯޑިއޯފޮތް ތައާރަފްކުރަން ނިންމީ އެއީ "އަތްނުލެވި އޮތް މުހިންމު މާކެޓަކަށް" ވުމުން ކަމަށް ސްޕޮޓިފައިގެ އޯޑިއޯބުކްސްއާ ބެހޭ ނާއިބު ރައީސް ނިރް ޒިޗަމަން އިއްޔެ ވިދާޅުވި އެވެ. އަދި އޯޑިއޯބުކްސް ރަމްޒުކޮށްދެނީ ފޮތުގެ މާކެޓުގެ އެންމެ %7-6 ކަމުގައިވީ ނަމަވެސް، މިއީ އަހަރަކު %20 ކުރިއަރަމުން އަންނަ މާކެޓުގެ ބައެއްކަން ޒިޗަމަން ފާހަގަ ކުރެއްވި އެވެ.
ސްޕޮޓިފައިގެ މި ފިޔަވަޅާ އެކު އެ ކުންފުނިން ވާދަކުރަން ޖެހޭނީ މާކެޓުގެ %41 ހިއްސާކުރަމުން އަންނަ އެމެޒޯންގެ އޯޑިއޯބުކް ހިދުމަތް ކަމުގައިވާ އޮޑިބަލްއާ އެވެ. އޯޑިއޯފޮތުގެ އިތުރުން އެމެޒޯން އިން އިލެކްޓްރޯނިކް ފޮތާއި ޗާޕު ފޮތް ވެސް ވިއްކަ އެވެ. އޯޑިއޯބުކް މާކެޓުގައި އަދިވެސް ވާދަކުރަމުން އަންނަ ބިޔަ އެހެން ކުންފުނިތަކުގެ ތެރޭގައި އެޕަލް، ގޫގުލް، އަދި ވޯލްމާޓާ އެކު ޕާޓްނަޝިޕް ހަދާފައިވާ، ރަކުޓެން ވެސް ހިމެނެ އެވެ.
ސްޕޮޓިފައި އިން އޯޑިއޯބުކް އެމެރިކާގެ މާކެޓަށް ފުރަތަމަ ތައާރަފުކުރި ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މާކެޓުތަކަށް އާ ފީޗާތަކާ އެކު ތައާރަފް ކުރުމަށް ވަނީ ރާވާފަ އެވެ.