ބައިނަލްއަގްވާމީ ޖައްވީ އިދާރާގައި ތިބި ރަޝިޔާގެ ފަޅުވެރިން، ޔޫކްރެއިނުން ވަކިވެގަނެ މިނިވަންކަން އިއުލާނުކޮށްފައިވާ ލުހާންސް ޕީޕަލްސް ރިޕަބްލިކުގެ ދިދައެއް ދައްކާލަނީ (ފޮޓޯ/ ރޮސްކޮސްމޯސް)

ޖައްވު

ބައިނަލްއަގްވާމީ ޖައްވީ އިދާރާއިން ރަޝިޔާ ވަކިވާކަން އިއުލާނުކޮށްފި

ރަޝިޔާގެ ޖައްވީ އިދާރާގެ ވެރިޔާ ވިދާޅުވީ އެންމެ މުހިންމު އަމާޒަކީ އަމިއްލަ ޖައްވީ އިދާރާއެއް ހެދުން ކަމަށް

ބައިނަލްއަގްވާމީ ޖައްވީ އިދާރާ (އައިއެސްއެސް) އިން 2024ގެ ފަހުން ވަކިވެ، އަމިއްލަ ޖައްވީ އިދާރާއެއް ހަދަން ނިންމާފައިވާކަން ރަޝިޔާއިން އިއުލާނުކޮށްފި އެވެ.

އަދި އެހާތަނާ ޖެހެންދެން މިހާރުގެ ޖައްވީ އިދާރާގައި ރަޝިޔާއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނޭ ކަމަށް ރަޝިޔާގެ ޖައްވީ އިދާރާ (ރޮސްކޮސްމޯސް)ގެ ހިންގުމާ އަލަށް ހަވާލުވެވަޑައިގެންނެވި ޔޫރީ ބޮރިސޯވް ވިދާޅުވި އެވެ. 

އެމެރިކާ، ރަޝިޔާ އަދި ގިނަ ގައުމުތަކެއްގެ ފަޅުވެރިން ވަނީ 1998 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން ކާމިޔާބުކަމާ އެކު އައިއެސްއެސްގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޔޫކްރެއިނު ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޖައްވީ ޕްރޮގްރާމުން ވަކިވާނެ ކަމަށް ރަޝިޔާއިން ވަނީ ކުރިން އިންޒާރު ދީފަ އެވެ.

މީގެ 24 އަހަރު ކުރިން ލޯންޗުކުރި އައިއެސްއެސް އަކީ ފަސް ގައުމެއްގެ ޖައްވީ އިދާރާތައް އެކުވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެތަނުގައި މިހާތަނަށް އެތަކެއް ހާސް ސައިންޓިފިކް އެކްސްޕެރިމަންޓުތައް ވަނީ ހިންގާފަ އެވެ.

އައިއެސްއެސް ހިންގުމަށް މިވަގުތު ހުރިހާ ގައުމެއްގެ މެދުގައި އެއްބަސްވެފައިވާ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރެވެ. އެމެރިކާއިން ވަނީ އެ މުއްދަތު އިތުރު ހަ އަހަރަށް އިތުރުކުރުމަށް ހުށަހަޅާފަ އެވެ.

ނަމަވެސް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ރޮސްކޮސްމޯސްގެ ބޮރިސޯވް ވިދާޅުވި ގޮތުގައި 2024ގެ ފަަހުން ރަޝިޔާއިން ޖައްވީ އިދާރާއިން ވަކިވާނެ އެވެ.

"އަހަންނަށް ހީވަނީ އެހާ ހިސާބަށް ދާން ވާއިރަށް، އޯބިޓު ކުރެވޭ އަމިއްލަ ސްޓޭޝަނެއް ރަޝިޔާއިން ރާވަން ފަށާނެހެން،" މިފަދަ ސްޓޭޝަނެއް ހެދުމަކީ ރޮސްކޮސްމޯސްގެ އެންމެ މުހިންމު އަމާޒުކަން ފާހަގަ ކުރައްވަމުން ބޮރިސޯވް ވިދާޅުވި އެވެ.

"ރަނގަޅު،" ޖަވާބުގައި ޕޫޓިން ވިދާޅުވި އެވެ.

ރަޝިޔާއިން އައިއެސްއެސް އިން ވަކިވާން އިއުލާނު ކުރުމާ ގުޅޭ  (ވީޑިއޯ/ އެމްއެސްއެންބީސީ)

ރަޝިޔާގެ މި ނިންމުމާ އެކު އައިއެސްއެސްގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި ރަޝިޔާގެ ރޮސްކޮސްމޯސް އިން މި ނިންމުމާ ބެހޭ ގޮތުން އެމެރިކާގެ ނާސާއަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށް ނާސާގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.

އައިއެސްއެސްގައި ބައިވެރި ނުކުރުމުން ޗައިނާއިން މިހާރު ދަނީ އަމިއްލަ ޖައްވީ އިދާރާއެއްގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ފެށި މި މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ޗައިނާއިން ވަނީ އަމާޒު ހިފާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް