ބަޔާންގެ ރޮބަޑް ލެވަންޑޮވްސްކީ ލަނޑު ޖެހުމަސް ފަހު އުފާ ފާޅުކުރަނީ: ދެން ފެނުން ގާތީ ބާސެލޯނާ އިން

ލެވަންޑޮވްސްކީ އެންމެ ފަހުން ބާސާއަށް ދިއުމުގެ މަގުމަތީގައި

ކުޅަދާނެ ފޯވަޑްގެ ހުރިހާ ވެސް އަމާޒަކީ ފައިސާ ކަމަށް ބެލެވޭ
18 ޖުލައި 2022

ޖަރުމަންގެ ބަޔާން މިޔުނިކްގެ މުހިންމު ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އެންމެ ފަހުން ބާސެލޯނާއަށް ބަދަލުވުމުގެ ކަންކަން ނިމެމުން އަންނަ ކަމަށް، މީޑިއާ ރިޕޯޓްތަކުން ބުނަން ފަށައިފި އެވެ.

މިއީ ބަޔާންއާ އެކު މިދިއަ އަށް އަހަރު ދުވަހު ލެވަންޑޮވްސްކީ ހޯދަމުން އައި ކާމިޔާބީތަކާއި ކްލަބާއި އޭނާއާ ދެމެދު އޮތް ގުޅުން ވެސް ނިމުމަކަށް އައުމެވެ. ޕޯލެންޑްގެ ފޯވަޑްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ބަޔާނުން ވަނީ ޖެހިޖެހިގެން އަށް ފަހަރު ބުންޑަސްލީގާ ކާމިޔާބުކޮށްފަ އެވެ.

ލެވަންޑޮވްސްކީ ވަނީ ބަޔާންގެ ތާރީހުގައި ވެސް އެންމެ މޮޅު ފޯވަޑްގެ ގޮތުގައި ލިއެފަ އެވެ. އޭނާ ކުޅުނު 375 މެޗުގައި 344 ލަނޑު ޖަހާފައިވެ އެވެ. މިއީ ބަޔާންގެ އެންމެ މުހިންމު ޝަހުސިއްޔަތު ކަމަށްވާ ގާޑް މުލާ، 1960 އާއި 1970ގެ އަހަރުތަކުގައި ދެއްކި ކުޅުމަށް ވުރެ ވެސް މޮޅު ކުޅުމެކެވެ.

ބަޔާންއާ އެކު ލެވަންޑޮވްސްކީ ހަދާފައި އޮތް ކޮންޓްރެކްޓް އަދި ނުނިމެ އެވެ. އެކަމަކު ބަޔާން ދޫކޮށްލަން ބޭނުންވާތީ އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ބަޔާންގެ ޕްރެކްޓިސްތަކަކަށް ވެސް ނުދެ އެވެ. ޕްރެކްޓިހަށް ގަވާއިދުން ހާޒިރެއް ވެސް ނުވެ އެވެ. އެހެންކަމުން ކްލަބަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ އޭނާ ދޫކޮށްލުމެވެ.

މިއީ ކޮންޓްރެކް ހަމަވުމުގެ ކުރިން ލެވަންޑޮވްސްކީ ދޫކޮށްލަން ކްލަބަށް އޭނާ މަޖުބޫރުކުރި ދެ ވަނަ ފަހަރެވެ. ބަޔާނަށް 2014 ގައި އޭނާ ބަދަލުވީ ވެސް ބޮރޫޝިއާ ޑޯޓްމުންޑާ އެކު ހެދި ކޮންޓްރެކް ހަމަވުމުގެ ކުރިންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 34 އަހަރުގެ ކުޅުންތެރިޔާގެ މިހާރުގެ ހުރިހާ ވެސް އަމާޒަކީ ގިނަ ފައިސާ ހޯދުމެވެ. އެގޮތުން ބާސެލޯނާއަކީ، ކެރިއަރުގެ ފަހުކޮޅު، އޭނާއަށް އެކަން ހާސިލްކުރެވޭނެ ރަނުގެ ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް، ބައެއް މީޑިއާތަކުން ބުނެ އެވެ.

ބާސެލޯނާ މިހާރު އަންނަނީ އެ ކްލަބްގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގެ ދަށުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އަދި ލެވަންޑޮވްސްކީ ކަހަލަ ވަރުގަދަ ފޯވަޑެއްގެ ބޭނުން ޒަވީއަށް ވެސް މުހިންމެވެ. ބާސެލޯނާގެ ފޯވަޑް ލައިނުން އޭނާއަށް ޖާގަ ލިބޭނެ ކަމާ މެދު އެއްވެސް މީހަކު ޝައްކެއް ނުކުރެ އެވެ. އަދި ކުންފުނިތަކުގެ ސަމާލުކަން އޭނާއަށް ލިބުމުގެ ފުރުސަތު ވެސް އެހާމެ ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް