
ނިއުގެ ޗެއާމަން ވާސިފް (ވ-2) އާއި އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ފީފާ އިން ނިއުގެ ސަސްޕެންޝަން އުވާލައިފި، އެފްއޭއެމުން އަންގާރަ ދުވަހު ގޮތެއް ނިންމާނެ
ނިއު ރޭޑިއަންޓުން ބޭރު ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމުން، ފީފާ އިން އެ ކްލަބުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ނިއު އިން މިހާރު ވަނީ ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ބައިބަޔަށް ބަހާލައިގެން ދޭން އެ ކުޅުންތެރިންނާ އެކު ސެޓްލްމަންޓް އެއްބަސްވުންތައް ވެސް ހަދައިފަ އެވެ. އެހެންވެ އެފްއޭއެމް އަށް މިހާރު އެ ކްލަބުގެ ސަސްޕެންޝަން އުވާލެވިދާނެ އެވެ.
ނިއުގެ ޗެއާމަން އަހުމަދު ވާސިފް 'ދައުރު' އަށް ވިދާޅުވީ އަންގާރަ ދުވަހު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ނިއުގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފީފާ އާއި އެފްއޭއެމުން 2019 ވަަނަ އަހަރު ނިއު ސަސްޕެންޑްކުރީ މި ފައިސާ ނުދައްކާ އޮތުމުންނެވެ. އެފްއޭއެމްގެ ކޮންގްރެސް އިން ދާދި ފަހުން ވަނީ ފައިސާ ދެއްކުމުން ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީ އަށް ދީފަ އެވެ.
ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ނިއު އަށް ދީފައިވާ ސަސްޕެންޝަން ނުވަތަ 'ޓްރާންސްފާ ބޭން' އުވާލީ އެ ކްލަބުން ބޭރު ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) މިދިޔަ ހަފުތާގައި ދެއްކުމުންނެވެ.
ނިއު އިން އެ ފައިސާ ދެއްކީ އެފްއޭއެމް އަށެވެ. އެފްއޭއެމުން ވަނީ އެ ފައިސާ ކުޅުންތެރިންނަށް ޓްރާންސްފާކޮށްފަ އެވެ. އެއާ އެކު އެ ކުޅުންތެރިން ވަނީ ފައިސާ ލިބުނުކަން ފީފާ އަށް އަންގައިފަ އެވެ.
ނިއު އިން ސެޓްލްމަންޓް އެއްބަސްވުން ހެދީ ދިވެހި 10 ކުޅުންތެރިންނާ އެކު އެވެ. އެ ކުޅުންތެރިން ވަނީ އެކަން އެފްއޭއެމް އަށް އަންގައިފަ އެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އަންގާރަ ދުވަހު ނިއުގެ ސަސްޕެންޝަން އުވާލައިފި ނަމަ އަންނަ މަހުގެ 4 ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަނުގައި އެ ޓީމަށް ވާދަކުރެވޭނެ އެވެ. އެ ޓީމުން މަސައްކަތްކުރަނީ ދެ ވަނަ ޑިވިޝަނުގެ ތެރެއިން އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާށެވެ.
ނިއު އިން ވަނީ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމަށް މީގެ ތިން ހަފުތާ ކުރިން ޕްރެކްޓިސް ފަށައިފަ އެވެ. އެ ޓީމުން ވަނީ މިސްރުގެ ފޯވާޑަކާއި ގާނާ އެޓޭކިން މިޑްފީލްޑަރަކާއި އުޒްބެކިސްތާން ސެންޓްރަލް މިޑްފީލްޑަރެއް އަދި ގާނާ ޑިފެންޑަރެއް ގެންނަން ނިންމައިފަ އެވެ.
ނިއު އިން ޕްރެކްޓިސް ކުރަމުން އަންނަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމްގެ ކޯޗުކަމުގަ އެވެ. އޭނާ އަކީ، ނިއުގެ މިހާރުގެ މެނޭޖްމަންޓުން މީގެ ތިން މަހެއްހާ ދުވަސް ކުރިން ރޭޑިއަންޓްގެ ނަމުގައި އުފެއްދި ކްލަބުގެ ވެސް ކޯޗެވެ. އަދި ނިއުގެ ޓީމުގައި ހިމެނެނީ ރޭޑިއަންޓަށް އޭރު ސޮއިކުރި ކުޅުންތެރިންނެވެ.
އޭރު އެ ގްރޫޕުން ރޭޑިއަންޓް އުފެއްދީ، ނިއު އަށް ފުރުސަތު ނެތުމުން އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަޖައްސަން ނުލާއި ހުދުގެ ޓީމެއް ނެރެން ކަމަށް ބުނެ އެވެ. އެކަމަކު އޭއެފްސީ އިން ވަނީ ކްލަބްތަކުން ދަރަނިން ސަލާމަތްވުމަށް އާ ކްލަބެއް ހެދުން ހުއްޓުވަން އޮންނަ ފީފާގެ ގަވާއިދުގެ ދަށުން އެއީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް ބަލައި އެ ޓީމަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ.
ނިއު އަލުން އައުމަށް ކުރަމުން އަންނަ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހީތެރިވެވަޑައިގަންނަވާ ކަމަށް އެ ކްލަބުން ބުނެ އެވެ. އެގޮތުން ރައީސް ވަނީ ނިއުގެ ކަންކަން ވިލަރެސްކުރެއްވުމަށް އެމަނިކުފާނުގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހަމަޖައްސަވައިފަ އެވެ.
ނިއުއާ ވާދަވެރި ވިކްޓްރީން ވެސް ދަރަނިތައް އަދާކުރުމުން އެފްއޭއެމުން ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ. އެ ޓީމުން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުންނެވެ.
ކޮމެންޓް (1)
މުހައްމަދު