ޑީބަލާ (ކ) އާއި ލުކާކޫ.

އިންޓަ މިލާން

ލުކާކޫ އާއި ޑީބަލާ ގެންނަން މަސައްކަތްކުރަން: އިންޓަ

ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑީބަލާ ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް އިންޓަ މިލާނުގެ ޗީފް އެގްޒެކެޓިވް ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

"ލުކާކޫ އާއި ޑީބަލާ އަކީ އަހަރެމެންގެ ޓާގެޓްތަކެއް،" އޭނާ އިޓަލީގެ ނޫސްވެރިން ގާތު ވިދާޅުވި އެވެ.

އޭނާ ވަނީ ރޯމާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އާއި އަޔަކްސްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ގެންނަން އެއްބަސްވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަރޯޓާ ވިދާޅުވީ ލުކާކޫ އާއި ޑީބަލާ ގެންނަން މަސައްކަތްކުރާއިރު މާލީ ކަންކަމަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އަދި އެ ދެ ކުޅުންތެރިން ގެނެވިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށާއި ނުގެނެވިއްޖެ ނަމަ އެހެން ކުޅުންތެރިންނަށް ޓާގެޓްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުކާކޫ އަކީ މިދިޔަ އަހަރު އިންޓަ އިން ރެކޯޑް އަގަކަށް ޗެލްސީ އަށް ވިއްކާލި ފޯވާޑެކެވެ. އެކަމަކު އެ ޓީމުން އޭނާ އަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ އަނބުރާ އިންޓަ އަށް އަންނަން ބޭނުންވަނީ އެވެ. އިންޓަ އިން އަންނަނީ ލޯން އުސޫލުން ލުކާކޫ ގެންނަން ޗެލްސީއާ ވާހަކަ ދައްކަމުންނެވެ. އެކަމަކު އަގަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

ޑީބަލާ ޔުވެންޓަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާތީ އޭނާ އަށް ހިލޭ އިންޓަ އަށް ބަދަލުވެވޭނެ އެވެ. އެކަމަކު މުސާރައަކަށް އޭނާ އާއި އިންޓަ އަށް އަދި އެއްބަސްވުމަކަށް ނާދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑީބަލާ ގެންނަން ވާދަވެރި އޭސީ މިލާނުން ވެސް މަސައްކަތްކުރެ އެވެ.

އިންޓަ މިވަގުތު އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގަ އެވެ. ކްލަބުގެ ދަރަނިން ބައެއް ދެއްކުމަށް ބައެއް ކުޅުންތެރިން ވިއްކާލަން ޖެހެ އެވެ. އެ ޓީމުން މާކެޓަށް ލާފައިވާ ކުޅުންތެރިންގެ ތެރޭގައި ފޯވާޑް ލޮޓާރޯ މާޓިނޭޒް އާއި ޑިފެންޑަރު މިލާން ސްކްރިނިއާ އާއި ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް