ފްރާންސް ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ހަނާ އަޅަނީ.

ފްރާންސަށް ނޭޝަންސް ލީގުގެ ފައިނަލް ބުރުން ޖާގަ އެއް ނެތް

އެ ޓީމު ވަނީ ރޭ ކްރޮއޭޝިއާ އަތުން ބަލިވެފައި

އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން 1-0 އިން ބަލިވެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފްރާންސަށް ޖާގަ ގެއްލި ތަށި ދިފާއުކުރުމުގެ ފުރުސަތު ވެސް ގެއްލިއްޖެ އެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސް މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅެއް ނުހޯދެ އެވެ. ދެ މެޗުން ބަލިވެ ދެ މެޗުން އެއްވަރުވީ އެވެ.

ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް ފްރާންސަށް، މިހާރު ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ޑެންމާކް ފަހަތަށް ޖައްސާލެވޭނެ ގޮތެއް ނެތެވެ. އަންނަ އަހަރު އޮންނަ ފައިނަލް ބުރުން ފުރުސަތު ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ.

ގްރޫޕް އޭ ގެ ތާވަލު

  • 1-

    ޑެންމާކް 9 ޕޮއިންޓް

  • 2-

    ކްރޮއޭޝިއާ 7 ޕޮއިންޓް

  • 3-

    އޮސްޓްރިއާ 4 ޕޮއިންޓް

  • 4-

    ފްރާންސް 2 ޕޮއިންޓް

ގްރޫޕުގެ ފުލަށް ދާ ޓީމު ލީގުގެ ދެ ވަނަ ފަންތިއަށް ރެލިގޭޓްވާނެތީ ފްރާންސަށް ބާކީ ދެ މެޗުން ނަތީޖާ ނެރެން މަޖުބޫރެވެ. ފްރާންސަށް ދެން އޮތީ ސެޕްޓެމްބަރު މަހު އޮސްޓްރިއާ އާއި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން ކްރޮއޭޝިއާ މޮޅުވީ ފަސް ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލޫކާ މޮޑްރިޗް ޖެހި ގޯލުންނެވެ. މިއީ ކްރޮއޭޝިއާގެ އަންޓެ ބުޑިމިރް އަށް ފްރާންސްގެ އިބްރާހިމާ ކޮނާޓޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނިމުނު ޔޫރަޕުގެ ކްލަބް ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ތިން އެޓޭކަރުން ކަމަށްވާ ކަރިމް ބެންޒެމާ އާއި ކީލިއަން އެމްބާޕޭ އަދި ކްރިސްޓަފާ އެންކުންކޫ ތިބި ނަމަވެސް ފްރާންސަށް ރޭގެ މެޗުގައި ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ އެހެން ޓީމުތަކާ ބަލާއިރު ފްރާންސް ޓީމުގައި ހަކަތަ ނެތް ކަމަށެވެ. ވަކި ހިސާބަކުން ކުޅުންތެރިންނަށް އަމިއްލަ ނަފްސުގެ އިތުބާރު ކޮންމެވެސް ވަރަކަށް ގެއްލުނު ކަމަށާއި އެކަމަކު ބޮޑު މައްސަލައަކަށްވީ ކުޅުންތެރިންގެ ވަރުބަލިކަން ކަމަށް އޭނާ ބުންޏެވެ.

"މިހާ ގިނަ މެޗު ކުޅެން ޖެހުމުން އުނދަގޫތަކެއް ހުންނާނެ،" ޑިޝޯމްޕްސް ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމު ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް