އިންްލެންޑުގެ ރަހީމް ސްޓާލިން (ކ) އަތުން ބޯޅަ ހޯދަން އިޓަލީގެ ސަންޑްރޯ ޓޮނާލީ މަސައްކަތްކުރަނީ.

އިންގްލެންޑް-އިޓަލީ އެއްވަރު، ޖަރުމަނަށް ހަންގޭރީ ބަލިނުކުރެވުނު

ކޮންމެ ޓީމެއް މިހާރު ވަނީ ތިން މެޗު ކުޅެފައިި

އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އިޓަލީ އާއި ރަނަރަޕް އިންގްލެންޑް، ރޭ ޔުއެފާ ނޭޝަންސް ލީގުގައި ބައްދަލުކުރި މެޗު 0—0 އިން އެއްވަރުވެއްޖެ އެވެ.

ލީގުގެ ގްރޫޕް އޭ ތިނެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ހަންގޭރީ އާއި ޖަރުމަން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮންމެ ޓީމެއް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ފަސް ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ އިޓަލީ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ހަންގޭރީ އެވެ. ޖަރުމަން ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އިންގްލެންޑް އޮތީ ދެ ޕޮއިންޓާ އެކު ފުލުގަ އެވެ. ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު ބާކީ އޮތީ ވެސް ތިން މެޗެވެ.

މިދިޔަ ޔޫރޯގެ ފައިނަލުގައި އިނގިރޭސި ބައެއް ސަޕޯޓަރުންގެ އަމަލުތައް ގޯސްވުމާ ގުޅިގެން ރޭ ވުލްވްސްގައި އެ ޓީމު އިޓަލީއާ ދެކޮޅަށް ކުޅުނު މެޗަށް އާއްމު ސަޕޯޓަރުން ނުވައްދަ އެވެ. ދަނޑަށް ވެއްދި 1700 އެއްހާ ސަޕޯޓަރުންގެ ތެރޭގައި ހިމެނެނީ ސްކޫލް ދަރިވަރުންނެވެ.

ރޭގެ މެޗުގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެގޮތުން ރޭ އިންގްލެންޑުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިން އާއި ޓެމީ އަބްރަހަމް އަދި މޭސަން މައުންޓް ވަނީ މުހިއްމު ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. އިޓަލީގެ ޑެވިޑޭ ފްރަޓެއްސީ އާއި ސަންޑްރޯ ޓޮނާލީ އަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލް އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވާތީ އިޓަލީން މި މުބާރާތް ބޭނުންކުރަމުން އަންނަނީ އާ ޓީމެއް ބިނާކުރުމަށް ޒުވާން ކުޅުންތެރިން ޓެސްޓްކުރުމަށެވެ. އެގޮތުން ކޯޗު ރޮބާޓޯ މަންޗިނީ އަންނަނީ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅެފައިނުވާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދެމުންނެވެ.

އިންގްލެންޑުގެ މޭސަން މައުންޓް (ކ) އަތުން ބޯޅަ ހޯދަން އިޓަލީގެ ފެޑެރިކޯ ގަޓީ މަސައްކަތްކުރަނީ.

ރޭ އިޓަލީގެ ޑިފެންސަށް ކުޅުނު ފެޑެރިކޯ ގަޓީ އަކީ 2020 ވަނަ އަހަރުގެ މެދުތެރޭގައި އިޓަލީގެ ތިން ވަނަ ޑިވިޝަނުން ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި ކުޅުންތެރިޔެކެވެ. އޭނާ ދެ ވަނަ ޑިވިޝަނުގައި ކުޅެން ފެށީ މިދިޔަ އަހަރު އެވެ. އެހެން ވަޒީފާތައް އަދާކުރަމުން ޕާޓްޓައިމްކޮށް ފުޓްބޯޅަ ކުޅެމުން އައި ގަޓީ ދެ ވަނަ ޑިވިޝަނުގައި ވިދާލުމާ އެކު ޔުވެންޓަސް އިން މި އަހަރުގެ ޖެނުއަރީ އޭނާ ގަތެވެ. އެކަމަކު އަލުން ދެ ވަނަ ޑިވިޝަނުގެ ފްރޮސިނޯނޭ އަށް ލޯނަކަށް ދޫކުރުމުން އަދި މިހާތަނަށް އިޓާލިއަން ލީގުގައި ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.

ގަޓީ ވަނީ ރޭ އިންގްލެންޑުގެ ފޯވާޑުން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި އަންނަ ސީޒަނުގައި ޔުވެންޓަސް އިން އޭނާ އަށް ފުރުސަތު ދޭނެ އެވެ.

ރޭ ބުޑަޕެސްޓުގައި ޖަރުމަނާ ދެކޮޅަށް ހަންގޭރީ ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި އެ ޓީމުގެ ސޯލްޓް ނެގީ ލީޑު ނަގައިދިނެވެ. ޖަރުމަނުން ވަނީ ތިން މިނެޓު ފަހުން ޖޮނަސް ހޮފްމަންގެ ގޯލުން އެއްވަރުކޮށްފަ އެވެ.

ހޫނު މޫސުމުގައި މި ލީގުގައި ދެން އޮންނާނީ ދެ މެޗެވެ. އެއީ އަންގާރަ ދުވަހުގެރޭ އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރާ މެޗާއި ޖަރުމަނާއި އިޓަލީ ބައްދަލުކުރާ މެޗެވެ. އޭގެ ފަހުން ސެޕްޓެމްބަރުގައި ފަހު މެޗުތައް ކުޅޭނެ އެވެ.

އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ އެވެ. ފުލަށް ދާ ޓީމެއް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. އަދި ދެ ވަނަ އާއި ތިން ވަނަ ޓީމު ލީގުގެ އެއް ވަނަ ޑިވިޝަނުގައި ދެމި އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް