ރާއްޖޭގެ ކެޕްޓަން އަކްރަމް (މ) އާއި އިބްރާހިމް ވަހީދު (ވ) އަދި އިބްރާހިމް މަހުދީ ޕްރެކްޓިހުގައި ވޯމްއަޕްކުރަނީ. (އެފްއޭއެމް ފޮޓޯ/އިބްރާހިމް ފާއިދު)
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗު މިއަދު ތައިލެންޑާ ދެކޮޅަށް
އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު އުޒްބެކިސްތާނުގައި ތައިލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއީ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވާން ރާއްޖެ އަށް މިހާތަނަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ.
ގްރޫޕުގައި ދެން ހިމެނެނީ ގަދަފަދަ އުޒްބެކިސްތާނާއި ސްރީ ލަންކާ އެވެ.
ކޮންމެ ޓީމަކާ ކޮންމެ ޓީމެއް އެއް ފަހަރު ކުޅެ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަށް އޭޝިއަން ކަޕުން ސީދާ ޖާގައެއް ލިބޭނެ އެވެ. އަނެއް ޖާގަ ލިބޭނީ ހަ ގްރޫޕުން ދެ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށެވެ.
ގްރޫޕުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު އެއް ވަނަ ހޯދުމަކީ ރާއްޖެ އަށް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންވެ ރާއްޖޭން އަމާޒުކުރަނީ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭގައި ހިމެނުމަށެވެ. އެކަމަށްޓަކައި، ދަށްވެގެން ތައިލެންޑާއި ލަންކާ އަތުން ރާއްޖެ ނަތީޖާ ނެރެން ޖެހެ އެވެ.
ގްރޫޕްގެ މެޗުތައް:
-
8 ޖޫން: ތައިލެންޑް-ދިވެހިރާއްޖެ، އުޒްބެކިސްތާން-ސްރީ ލަންކާ
-
11 ޖޫން: ދިވެހިރާއްޖެ-އުޒްބެކިސްތާން، ސްރީ ލަންކާ-ތައިލެންޑް
-
14 ޖޫން: ދިވެހިރާއްޖެ-ސްރީ ލަންކާ، އުޒްބެކިސްތާން-ތައިލެންޑް
ގައުމީ ކޯޗު އިޓަލީގެ ރޮބާޓޯ މޮރިއޭރޯ ބުނީ ހުރިހާ ގޮތަކުން ވެސް އެންމެ ވަރުގަދައީ އުޒްބެކިސްތާން ކަމަށާއި އެކަމަކު މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ތައިލެންޑާ މެދު ކަމަށެވެ.
އުޒްބެކިސްތާން ޓީމުގައި ދާދި ފަހުން އިޓަލީގެ ރޯމާއާ އެކު ޔުރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ފޯވާޑް އެލްޑޯ ޝޮމުރްދޯފް ހިމެނެ އެވެ.
މިދިޔަ އަހަރު ގައުމީ ޓީމާ ހަވާލުވި ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ މިހާތަނަށް ކުޅުނު ރަސްމީ ހަމައެކަނި މެޗުން މާޗު މަހު ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި އެވެ.
މޮރިއޭރޯ ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ޓީމު އެ މެޗުގައި ކުޅުނު ކަމަށާއި އެކަމަކު އެއީ އެންމެ މެޗަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެކަމަށް ހޭނެން ނަގާނެ ދުވަސްކޮޅެއް،" މޮރިއޭރޯ ބުންޏެވެ.
އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނުގެ ކުރީގެ ފޯވާޑް ބުނީ އޭނާގެ ކޯޗިންގައި ހުންނާނީ އިޓަލީގެ ސަގާފަތް ކަމަށާއި އޭނާ ރާއްޖެ ލައްވާ ކުޅުވާނީ ޓެކްޓިކަލް ފުޓްބޯޅަ ކަމަށެވެ.
ތައިލެންޑުގެ ކޯޗު މަނޯ ޕޮލްކިން ބުނީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ އުޒްބެކިސްތާނާ އޮތީ އެންމެ ފަހުން ކަމަށާއި އެހެންވެ ރާއްޖެ އާއި ލަންކާ އަތުން ޕޮއިންޓް ހޯދައި ރަނގަޅަށް ފަށަން ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ ރާއްޖެ އާއި ލަންކާ އަންޑައެސްޓިމޭޓް ނުކުރެވޭނެ ކަމަށެވެ.
"މިއީ ފުޓްބޯޅަ. ފުޓްބޯޅައިގައި ފަސޭހަ މެޗުތަކެއް ނުހުންނާނެ." ޕޮލްކިން ބުންޏެވެ.
އޭނާ ބުނީ ތައިލެންޑުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުންނާއި 23 އަހަރުން ދަށުގެ ޓީމުގެ މެޗުތަކެއް ހުރުމުން ކޮލިފައިންގައި ނުކުޅެވޭ ކަމަށެވެ. އޭގެ ތެރޭގައި ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް އަށް ކުޅޭ މިޑްފީލްޑަރު ޗަނަތިޕް ސޮންގްކްރަސިން އާއި ތައިލެންޑުގެ ބެންކޮކް ޔުނައިޓެޑަށް ކުޅޭ ޑިފެންޑަރު މެނުއަލް ބިހްރް ހިމެނެ އެވެ. އޭނާ އަކީ ޖަރުމަނަށް އުފަން ކުޅުންތެރިޔެކެވެ.
"އެންމެ މޮޅު ހުރިހާ ކުޅުންތެރިން ނުހިމެނިދާނެ. އެކަމަކު އައިސް ތިބީ ވެސް ރަނގަޅު ކުޅުންތެރިން. އަދި އެ ކުޅުންތެރިންގެ ތަޖުރިބާ ވެސް ހުންނާނެ،" އޭނާ ބުންޏެވެ.
މިއީ ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރާ ހަތަރު ވަނަ މެޗެވެ. މި ދެ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި 1996 ގައި ބެންކޮކްގައި ކުޅުނު މެޗު ދެ މެޗުން ވެސް ތައިލެންޑް 8-0 އިން މޮޅުވި އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އަތުން ތައިލެންޑް 3-0 އިން މޮޅުވި އެވެ.
އުޒްބެކިސްތާނުގެ ގަރްޝީގެ މަރްކަޒީ ސްޓޭޑިއަމުގައި ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ. މި މެޗު ލައިވްކުރުމަށް ޕީއެސްއެމް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.