ބައްސާމް (ކ) ރެނޭގެ ޕްރެޒެންޓޭޝަން ޕްރެސް ކޮންފަރެންސްގައި އޭނާ އަށް ޖާޒީ ދެނީ (ފޮޓޯ/ އެފްއޭއެމް)
ރެނޭއަށް ބަދަލެއްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދޭން ފީފާއިން އެފްއޭއެމްއަށް އަންގައިފި
ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކް ކޮންޓްރެކްޓާ ހިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާތީ އޭނާ އަށް ބަދަލެއްގެ ގޮތުގައި 187،375 އެމެރިކާ ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާ ފުޓްބޯލް ޓްރައިބިއުނަލް އިން އެފްއޭއެމް އަށް އަންގައިފި އެވެ.
ތަފްސީލް - އެފްއޭއެމުން ރެނޭއާ އެކު ކޮންޓްރެކްޓް ހެދީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތިން އަހަރުގެ މުއްދަތަކަށެވެ. އެކަމަކު ތިން މަސް ދުވަސް ފަހުން އެފްއޭއެމުން އޭނާ އަށް އެންގީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ނެތުމުން ކުރިއަށް ދެވެން ނެތް ކަމަށެވެ.
ރެނޭގެ ގާނޫނީ ވަކީލުންގެ އޮފީހުގެ ތަރުޖަމާނަކު މީޑިއާއަށް ބުނީ ދުވަސްކޮޅެއް ފަހުން އެފްއޭއެމުން ރެނޭ އަށް ފޮނުވީ ވަޒީފާ އިން ވަކިކުރުމުގެ ނޯޓިސް ކަމަށާއި އޭގައި އޮތީ ކޮވިޑުގެ ސަބަބުން ކޮންޓްރެކްޓް އުވާލަނީ ކަމަށެވެ. އަދި އެކަން ހަވާލާދީފައި، ކުރިން ލަފާކޮށްފައި ނެތް ކަމެއް ދިމާވާ ހާލަތެއް އަތުވެގެން ކޮންޓްރެކްޓް އުވާލެވޭ ގޮތަށް އޮންނަ މާއްދާ އަށް ކަމަށް އޭނާ ބުންޏޭވެ.
އެއާ އެކު ރެނޭ ކޮންޓްރެކްޓުގެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ ހޯދަން ފީފާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މައްސަލަ ޖެއްސީ އެވެ.
އެނގުން މުހިއްމު - ފީފާ ޓްރައިބިއުނަލް އިން ވަނީ އެފްއޭއެމުން ދިފާއެއްގެ ގޮތުގައި ނެގި މާއްދާ ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ ކޮންޓްރެކްޓް ހެދިއިރު ވެސް ކޮވިޑް އައިސްފައި އޮތުމުން އެއީ އަތުވެދާނެ ކަމަށް ނުބެލެވޭނެ ހާލަތަކަށް ނުވުމެވެ. އެހެންވެ ފީފާގެ މި ނިންމުމާ އެކު ކޮވިޑް އުޒުރަކަށް ދައްކައި އުވާލާ ފުޓްބޯޅައިގެ ކޮންޓްރެކްޓްތަކުގެ މައްސަލަތަކަށް ހައްލެއް ހޯދޭނެ އެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ރެނޭ ރާއްޖެ ގެނައީ 2020 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. އޭރު އޭނާއާ އެކު ހެޑްކޯޗަކަށް ގެނައީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އެކަމަކު އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗުގެ ގޮތުގަ އެވެ. އަދި އޭނާއާ 16-21 އަހަރާ ދެމެދުގެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް މަސައްކަތްތައް އޯވަސީކުރުމުގެ މަސައްކަތް ވެސް ހަވާލުކުރި އެވެ.
ރެނޭ އަކީ ނެދަލެންޑްސް އާއި ޗެލްސީގެ ކުރީގެ މަޝްހޫރު ކޯޗު ގުސް ހިޑިންކްގެ ކޮއްކޮ އެވެ.
އެފްއޭއެމުން ރެނޭއަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލް:
-
1375 ޑޮލަރު (ޖޫން 2021 ގެ ފަހު ހަފުތާއާ ހަމަޔަށް ދޭން ޖެހޭ މުސާރަ)
-
170،500 ޑޮލަރު (ޖުލައި 2021 އިން ޖެނުއަރީ 2024 އާ ހަމައަށް މުސާރަ)
-
15،500 ޑޮލަރު (ޖުލައި 2021 އިން ޖެނުއަރީ 2024 އަށް ޕޮކެޓް މަނީ)
-
ޖުމްލަ: 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ)