މިދިއަ ނޮވެމްބަރު މަހު ސްރީ ލަންކާގައި އޮތް މުބާރާތެއްގައި ހަމްޒާ މުހައްމަދު (ވ) ސީޝެލްސްއާ ދެކޮޅަށް ކުޅެނީ: އޭނާއަކީ ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ
ހަމްޒާއަށް އަނިޔާ، މިރޭގެ މެޗުގައި އޭނާ ނުފެންނާނެ
ރާއްޖޭގެ ޒުވާން އަދި އެންމެ ހުނަރުވެރި އެއް ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު)ގެ ކަނާތު އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
ރޭ އޮތް އެންމެ ފަހު ޕްރެކްޓިސްއަށް ފަހު އޭނާއަށް އެވަރުގެ މެޗެއްގައި ކުޅެވޭވަރު ނުވާކަން އެނގުމުން ހަމްޒާ ހުރީ ވަރަށް ދެރަވެފަ އެވެ.
"ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ މި މެޗުގައި ވެސް ކުޅެން،" އޮކްޓޯބަރު މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކުޅުންތެރިޔާ ބުންޏެވެ.
އޭނާއަށް އަނިޔާވީ ދިވެހި ޕްރެމިއަ ލީގުގެ ފަހު މެޗުގައި މި މަހު 19 ވަނަ ދުވަހުގެ ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅެނިކޮށެވެ. އެ މެޗުން މާޒިޔާ 4-0 އިން މޮޅުވެ، ފުރަތަމަ ބުރު ނިންމާލީ 100 ޕަސެންޓްގެ ރެކޯޑަކާ އެކު 21 ޕޮއިންޓުން އެއް ވަނާގައި އޮވެގެންނެވެ.
އެކަމަކު ލީގުގެ ފުރަތަމަ ބުރުގައި ހަމްޒާގެ ކުޅުމާ މެދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ. ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިދިއަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ ބުނީ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން އޭނާ ބޭނުންވި ފެންވަރުގައި ނުކުޅެވުނު ކަމަށެވެ.
މިރޭގެ މެޗު ގެއްލުނު ނަމަވެސް ހަމްޒާގެ އުއްމީދަކީ ޖޫން މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ޖާގަ ހޯދައި މޮޅު ކުޅުމެއް ދެއްކުމެވެ. އަދި ލީގުގެ ދެ ވަނަ ބުރުގައި ވެސް އޭނާ ގަބޫލުކުރާ ފެންވަރަށް ކުޅެވޭނެ ކަމަށް އުއްމީދުކުރެ އެވެ.
މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ގަލޮޅު ދަނޑުގައި ފަށާނީ 9 ޖަހާއިރު އެވެ. މެޗުގެ ޓިކެޓް މިހާރު ވެސް ގެންދަނީ ގަލޮޅު ދަނޑުން ވިއްކަމުންނެވެ. އަގުތައް އުޅެނީ ގޮނޑި ބަރިން 100ރ. އަދި ސިޑިބަރިން 75ރ. ގަ އެވެ.