ނިއު ރޭޑިއަންޓްގެ އާ އެކްސްކޯ އިންތިހާބުކުރަން ދަރުބާރުގޭގައި ރޭ އޮތް ރަސްމިއްޔާތުގައި އާ ޗެއާމަން އަހުމަދު މުބީން (ފޮޓޯ/އަދަދު)
މުބީން ނިއު ރޭޑިއަންޓާ ހަވާލުވުން: ސިޔާސީ ކަމެއް ނޫން، އޮތީ ކުޅިވަރުގެ ރޫހު
އަލީ އަޝްފާގު (ދަގަނޑޭ) ޝަރަފުވެރިކަމާ އެކު ގޮނޑީގައި އިނީ ނިއު ރޭޑިއަންޓަށް ކުޅުނު ބައެއް އެހެން ތަރިންނާ އެކު އެވެ.
ސްޓޭޖް މަތީގައި ވާހަކަ ދައްކަވަން ހުންނެވީ އަހުމަދު މުބީނެވެ. ނިއު ރޭޑިއަންޓް އަލުން ދިރުވުމުގެ ބޮޑު ޒިންމާއާ ހަވާލުވެވަޑައިގެންނެވި ކްލަބްގެ އާ ޗެއާމަންގެ ހައިސިއްޔަތުން ވާހަކަ ދައްކަވާށެވެ.
މުބީންގެ އެއް ވާހަކައަށް، އެކަމާ މެދު ވިސްނި ބަޔަކު، ޝައުގުވެރިވެދާނެ އެވެ. އަޝްފާގުގެ ބޫޓުގެ އުމަކުން އޭނާގެ މޫނުގައި ލީ ލަކުނު އަދިވެސް ފެންނަން ހުރި ވާހަކަ އެވެ.
އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟
ރާއްޖޭގެ ގިނަ މީހުންނަށް މުބީން އެނގިފައި އޮންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގައި އިންނެވި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. ފ. ބިލެތްދޫ ދާއިރާ ތަމްސީލްކުރެއްވި މެމްބަރެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އަތުން އޭނާއަށް އަނިޔާއެއް ލިބިފައި އޮވެދާނެކަން އާންމުންގެ ވިސްނުމަށް ވެސް ނާންނާނެ އެވެ.
އެކަމަކު އެ އަނިޔާ މުބީން ތަހައްމަލްކުރެއްވި އެވެ. އެއީ ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފައިނަލް މެޗެވެ. އަޝްފާގަކީ މަޖީދިއްޔާ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މުބީންއަކީ އެމްއީއެސްގެ ކެޕްޓަނެވެ. ގިނަ ކުޅުންތެރިންނަށް ވުރެ އިސްކޮޅުން ދިގު، ވަރުގަދަ މިޑްފީލްޑަރެކެވެ.
އެ ފައިނަލަށް ނުކުތުމުގެ ކުރިން މުބާރާތުގައި ދެ ޓީމު ވާދަކޮށް މަޖީދިއްޔާ އޮތީ 6-0 އިން މޮޅުވެފަ އެވެ. އެކަމަކު ފައިނަލް މެޗުގެ ނަތީޖާ ނުކުތީ 2-0 އިން އެމްއީއެސް މޮޅުވެ، ތަށި ހޯދައިގެންނެވެ.
ކަނާތު ލޮލުގެ ތިރިއަށް އަނިޔާ ލިބުނީ އެއްލުމެއްގައި އަޝްފާގު ކޮންޓްރޯލްކުރަން ދިޔަ ބޯޅައެއްގައި މުބީން ބޮލުން ޖަހަން އުޅެގެންނެވެ.
"އަޝްފާގު ބޯޅަ ކޮންޓްރޯލްކުރަން އެ ނަގާ ފައި އެ ދުވަހު ވެސް ނެގީ. ބޯޅަ ފުދޭވަރަކަށް ތިރިވެފައި އޮއްވާ އަޅުގަނޑު ބޮލުން ޖަހަން އުޅުނު ވަގުތު އަޝްފާގުގެ ބޫޓުގެ ދަށް މޫނަށް އެރީ،" އެ ހާދިސާގެ ވާހަކަ 'ދައުރު'އަށް ކިޔައިދެއްވަމުން މުބީން ވިދާޅުވި އެވެ.
"އަސްލު ބޫޓުގެ އުން ހެރުނީ. އެ ލަކުނު މިހާރު އަދި ތަންކޮޅެއް ބޮޑަށް ފާޅުކޮށް ފެނޭ."
އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް މުބީން ބައިވެރިވެ އެވެ. އެކަމަކު މަޖީދިއްޔާ ޓީމުގައި އެ ސްކޮޑްގެ 18 ވަރަކަށް ކުޅުންތެރިން ތިބި އިރު މުބީންއާ އެކު އެމްއީއެސް ޓީމަށް ކުޅުނީ ގައުމީ ޕްރެކްޓިސްގައި ބައިވެރިވަމުން އައި އެންމެ ކުޅުންތެރިއެކެވެ.
އެ ފައިނަލްގައި ބަލިވުމަކީ އަޝްފާގުގެ ފުޓްބޯޅަ މާޒީގެ ހަނދާންތަކުގެ ތެރެއިން އެއް ހަނދާނެވެ. ނިއު ރޭޑިއަންޓްގެ ހިންގާ ކޮމިޓީއަށް އާ މެމްބަރުން ހޮވައި، ހަވާލުވުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި އޮތް އިރު މުބީންގެ ވާހަކަތަކާ އެކު އަޝްފާގަށް ކުޑައިރުގެ އެ ހަނދާން ނައިހެއް ނުދާނެ އެވެ.
މުބީން އެ ވާހަކަ ދެއްކެވީ އެންމެ ސަބަބަކަށެވެ: އޭނާއަކީ ކުޅިވަރުގެ ބޭފުޅެއްކަން، އޭނާގެ މާޒީ ނޭނގޭ މީހުންނަށް ކިޔައިދެއްވުމެވެ. އެކަމަކު ސްކޫލް ނިންމެވުމަށް ފަހު ރަސްމީކޮށް ފުޓްބޯޅަ ކުޅުއްވުމުގެ ބަދަލުގައި އޭނާ ހިޔާރުކުރެއްވީ ތައުލީމީ ދާއިރާގެ ހިންގުމުގެ ރޮނގުން ބޭރުން ތައުލީމް ހާސިލްކުރައްވާށެވެ.
"އަޅުގަނޑު ލައްވާ ކުޅުވަން ބައެއް ކްލަބްތަކުން ބޭނުންވި. އަޅުގަނޑު އިސްކޮޅުން ދިގުވެފައި ވަރުގަދައަށް ކުޅޭތީ ކަންނޭނގެ. އެކަމަކު އަޅުގަނޑު ދިޔައީ ބޭރަށް ކިޔަވަން،" މުބީން ވިދާޅުވި އެވެ.
އަޝްފާގު ވީ ރާއްޖޭގެ އެންމެ އަލިގަދަ ފުޓްބޯޅަ ތަރިއަށެވެ. އޭގެ އެތައް އަހަރެއް ފަހުން މުބީން ވެންނެވީ ރައްޔިތުންގެ މަޖިލިހުން ސިޔާސީ ދާއިރާއަށެވެ.
ނިއު ރޭޑިއަންޓް ހިންގުމަކީ ސިޔާސީ ކަމެއް ނޫން
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް އަދި އެންމެ ގިނަ ސަޕޯޓަރުން ތިބި ކްލަބް އަލުން ނަގާ ކޮޅަށް ޖެހުމުގެ ބުރަ ޒިންމާއާ މުބީން ހަވާލުވެވަޑައިގަތީ، އޭނާ ރޭ ވެސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމަކު ނޫނެވެ. އޭނާގެ ހުރި ކުޅިވަރުގެ ލޯބީގަ އެވެ.
"ސިޔާސީ ޕޯޑިއަމުން އަޅުގަނޑު ފެނިފައި އޮވެދާނެ. އެކަމަކު ނިއު ރޭޑިއަންޓްގެ މަސައްކަތަކީ ތަފާތު މަސައްކަތެއް. ކުޅިވަރަަށް މި ކުރާ މަސައްކަތަކީ ތަފާތު މަސައްކަތެއް،" ރޭގެ ރަސްމިއްޔާތުގައި މުބީން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުުކުރާ ގޮތުގައި [ކްލަބް ހިންގަން މިހާރު ހަވާލުވި] ޓީމުން ސިޔާސީ ގޮތުން ތިބި ތަން މުހިންމެއް ނޫން. ހުރިހާ ސިޔާސީ ފިކުރެއް ހިމެނޭހެން މި ބޯޑު އޮންނާނީ."
އޭގެ ތަފުސީލު އޭނާ ފަހުން 'ދައުރު'އަށް ދެއްވި އެވެ. މުބީން ވިދާޅުވީ އެމްޑީޕީއަށް ސަޕޯޓްކުރާ އެތައް ބަޔަކު ވެސް ނިއުގެ ކަންކަމުގައި އޭނާއަށް އެހީތެރިވާން ތައްޔާރަށް ތިބި ކަމަށެވެ.
"އަޅުގަނޑަށް 300-400 އެއްހާ މެސެޖް އެބަ ހުރި އައިސް. އޭގެ ތެރޭގައި ހަމަ އެމްޑީޕީގެ ހާޑުކޯ މީހުން ވެސް އެބަ އުޅޭ. އެމީހުން ބުނީ ނިއު ރޭޑިއަންޓް ނަގާ ކޮޅަށް ޖަހަން އެހީވާނަމޭ. އެހެންވީމާ ސިޔާސީ ކަމެއް ނޫން މިއީ،" މުބީން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އޭރަކު އޮންނަ ސަރުކާރެއްގެ އެހީތެރިކަން މިކަހަލަ ކޮންމެ ކަމެއްގައި ވެސް މުހިންމުވެ އެވެ. އެހެންކަމުން ސަރުކާރުގެ އެއްބާރުލުން އޭނާގެ މަސައްކަތަށް ވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވަ އެވެ.
ނިއު، ވިކްޓަރީ އަދި ވެލެންސިއާ ނުފެނި ފުޓްބޯޅައިގެ ފޯރި ނުގެނެވޭނެ
ރާއްޖޭގެ ކްލަބެއްގެ ކޮންގްރެސް މިހާތަނަށް ދަރުބާރުގޭގެ މައި ހޯލުގައި ބާއްވާފައެއް ނުވެ އެވެ. ނިއު ރޭޑިއަންޓްގެ އާ ދިރުމަށް ފެށި މަސައްކަތުގެ އިފްތިތާހު އެ ހޯލުގައި އޮތީ ކުރީގެ ތަރިންނާއި ހިންގުންތެރިންގެ އަގުވަޒަންކުރަމުންނެވެ.
މުބީން ފާހަގަކުރެއްވި ގޮތުގައި ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން އެރުވޭނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ، ގަލޮޅު ދަނޑުން ފެނިގެންނެވެ. އެ ބޮޑު ތިން ކްލަބްގެ ވާދަވެރިކަން ނެތި ފުޓްބޯޅައަށް ދިރުން ނާންނާނެ ކަމަށް ވިދާޅުވި އެވެ.
ދިވެހި ފުޓްބޯޅައިގެ މާޒީއަކީ އެ އެވެ. އެކަމަކު އެ ތިން ކްލަބް ވެސް އޮތީ ވަރަށް ހާލުގަ އެވެ. ނިއު ރޭޑިއަންޓް ދެވަނަ ޑިވިޒަންގަ އެވެ. މިދިއަ އަހަރު ވިކްޓަރީ ވަނީ ދެވަނަ ޑިވިޒަންގެ ސެމީ ފައިނަލްގައި ނިއު ބަލިކޮށް ފައިނަލަށް ގޮސްގެން އެއްވަނަ ޑިވިޒަނުން ޖާގަ ހޯދައިފަ އެވެ.
މާލީ ގޮތުން މައްސަލަތަކެއްގެ ތެރޭގައި އޮތަސް ވެލެންސިއާ ވާދަކުރަނީ އެއްވަނަ ޑިވިޒަންގަ އެވެ.
މުބީނަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ނިއުގެ ދަރަނިން ސަލާމަތްކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅުންތެރިން ގަނެ ބޮޑު ޓީމެއް އެކުލަވާލުމުގެ ކުރިން އެ ދަރަނި ކޮޅެއްގައި ޖައްސަން ޖެހެ އެވެ.
ނިއުގެ ސަޕޯޓަރުންގެ ފޮރުވިފައި އޮތް ފޯރިގަނޑު އަލުން އެރުވޭނީ އަނެއްކާވެސް ދެވަނަ ޑިވިޒަންގަ އެވެ. އަންނަ އަހަރުގެ ދެވަނަ ޑިވިޒަންގެ ފައިނަލަށް ގޮސްގެން ނޫން ގޮތަކަށް، އެއްވަނަ ޑިވިޒަންގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތު ނިއުއަކަށް ނެތެވެ.
އެމްއީއެސްގައި ކިޔަވަން އުޅުއްވި އިރު ވެސް މުބީންއަކީ ނިއުގެ ސަޕޯޓަރެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ސްކޫލްގެ އިންޓަވަލްއަށް މަންމަމެން ދޭ ލާރިކޮޅުން ޓިކެޓް ގަނެގެން ވަންނަވަނީ ނިއު ކުޅޭ މެޗުތައް ބަލާށެވެ.
"އަޅުގަނޑަކީ އެންމެ ކުޑައިރުއްސުރެ ނިއުގެ ސަޕޯޓަރެއް. މިފަހުން ވެސް އަޅުގަނޑު ހުންނާނެ ނިއުއަށް ވަރަށް އެހީވެފައި. މިހާރު މި ނުކުތީ ކްލަބް ހިންގަން،" ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުބީން ވިދާޅުވި އެވެ.
އޭނާގެ މާޒީއަށް ބަލާއިރު ނިއު ރޭޑިއަންޓާ ހަވާލުވުމަކީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ނެގޭކަށް ނެތެވެ. އޭގެ ބަަދަލުގައި ބުނެވޭނީ މުބީންގެ ލޭގައި ނިއުގެ ރޫހު ވަރަށް ބޮޑަށް ފެތުރިފައި އޮތް ކަމެވެ. ކުޅިވަރަކީ އޭނާގެ އެންމެ ބޮޑު އެއް ޝައުގުކަމެވެ.
ކޮމެންޓް (1)
ބާބޫ އަލް އަނގޮޅިތީމީ