އިލާންގެ ލަނޑުން ރާއްޖެއިން ބަންގްލަދޭޝްއާ އެއްވަރުކޮށްފި

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންއަކީ އެ އުމުރުގައި މިހާރު ހުރި އެންމެ އިތުބާރު ފޯވަޑް
22 ސެޕްޓެމްބަރު 2024

މުހައްމަދު އިލާން އިމްރާނަށް ބޭނުންވަނީ ރަނގަޅު ފުރުސަތެކެވެ. އެ ފުރުސަތު އިތުބާރާ އެކު ލަނޑަކަށް ބަދަލުކޮށްލެވިދާނެ ހުނަރު އޭނާގެ އެބަ ހުރިކަން މިއަދު ބަންގްލަދޭޝްގެ ކޮޅަށް ޖެހި ލަނޑުން ސާބިތުކޮށްދިނެވެ.

ބޫޓާންގައި މިހާރު ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރާއްޖޭގެ ފުރަތަމަ މެޗުން 1-0 އިން ބަލިވާން ދަނިކޮށް 79 ވަނަ މިނިޓްގައި ކެޕްޓަން އިލާން ލަނޑު ޖެހީ އެހާމެ އިތުބާރާ އެކުގަ އެވެ.

މުޅި މެޗު ކޮންޓްރޯލްކޮށް އަދި ގިނަ ފުރުސަތުތަކެއް ހޯދި ބަންގްލަދޭޝްގެ ކުޅުންތެރިން ހުއްޓުވަން ރާއްޖޭގެ ދިފާއީ ކުޅުންތެރިޔަކު ޕެނެލްޓީ އޭރިޔާގެ ބޭރުން މަތިން ފޮނުވާލި ބޯޅައިން އިލާންއަށް ތަނަވަސްވީ އޭނާ އެންމެ ބޭނުންވި ކަހަލަ ފުުރުސަތެކެވެ.

ބަންގްލަދޭޝްގެ ދިފާއީ ދެ ކުޅުންތެރިންގެ ދެ މެދުން އޭނާ ދެމިގަނެ، ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ބޫޓާންގައި ކުރިއަށްދާ ސާފްގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު

އިލާންއަކީ މިދިއަ އަހަރު އޮތް ސްކޫލްތަކުގެ 15 އަހަރުން ދަށުގެ މުބާރާތުގައި އިސްކަންދަރު ސްކޫލަށް 38 ލަނޑު ޖަހައިގެން ފޯވަޑެވެ.

ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުމަށް ފަހު ބަންގްލަދޭޝް އިން ލީޑު ނެގީ 49 ވަނަ މިނިޓްގައި އެމްޑީ މުރުސިދު އަލީ، ރާއްޖޭގެ ޕެނެލްޓީ އޭރިޔާގެ ބޭރުން ވާތު ފައިން މަތިން ފޮނުވާލި ރީތި ހަމަލާއެއްގަ އެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ އިންޑިއާ އަތުން 1-0އިން ބަލިވެފަ އެވެ. މިދިއަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް އިންޑިއާ އަތުން ބަންގްލަދޭޝް ބަލިވި އެވެ.

އުމުރު ފުރާގެ މުބާރާތްތަކުގައި އިންޑިއާ އާއި ބަންގްލަދޭޝް އަތުން ބަލިވުމަކީ ރާއްޖެއަށް އާންމު ކަމެކެވެ. އެހެންކަމުން މިއަދުގެ ނަތީޖާއިން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އަންނަ އަންގާރަދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އެއްވަރުވެގެން ރާއްޖެއަށް  ސެމީ ފައިނަލަށް ދެވޭނެ އެވެ. 

މިދިއަ އަހަރު ވެސް ރާއްޖެއިން ސެމީ ފައިނަލްގައި ކުޅުނެވެ. ނަމަވެސް އިންޑިއާ އަތުން އެފަހަަރު ބަލިވީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް