ރާއްޖޭގެ ގައުމީ އަންހެން ވޮލީ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާ ފާޅުކުރަނީ: މިރޭ އޮތީ ބޮޑު ޗެލެންޖް --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

ވޮލީބޯޅަ

މިރޭގެ ފައިނަލްގައި ރާއްޖެ އާއި ކިރިގިސްތާން

ސޯޝަލް ސެންޓަރުގައި ކުޅޭ ފައިނަލް މެޗަށް ދެ ޓީމު ނުކުންނަ އިރު ލީގު ބުރުގައި ވާދަކޮށް މޮޅުވެފައި އޮތީ ކިރިގިސްތާން
11 ސެޕްޓެމްބަރު 2024

މީގެ ދެ ދުވަސް ކުރިން ރާއްޖޭގެ ގައުމީ އަންހެން ޓީމު ކިރިގިސްތާންއާ ވާދަކުރި މެޗުގައި ދިގުދެމިގެންދިޔަ ރެލީއަކަށް އެތައް ބައެއްގެ ނަޒަރު ހުއްޓުނެވެ. ދެ ޓީމުން ބޯޅަ ވައްޓާނުލައި 59 ފަހަރު ގެންގުޅުނެވެ. އެކަމަކު އެ މެޗުން ރާއްޖެ ސީދާ ތިން ސެޓުން ވީ ބައްޔެވެ.

ލީގު ބުރުގައި އެ ނަތީޖާއާ ކުރިމަތިވިޔަސް ސެމީ ފައިނަލްގައި ރޭ ރާއްޖެ ވަނީ ތަޖިކިސްތާން 3-1 ސެޓުން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. ސޯޝަލް ސެންޓަރުގައި މިރޭ އޮންނަ ފައިނަލްގައި ރާއްޖެ އަނެއްކާވެސް ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

ކިރިގިސްތާން ފައިނަލަށް ދިޔައީ އިއްޔެ ހަވީރު އޮތް ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަފްގާނިސްތާން ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން ހަމަލާއެއް ފޮނުވާލަނީ --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

ކިރިޔާ ވެސް ވާދަވެރި ކުޅުމެއް ފެނުނު ސެމީ ފައިނަލް މެޗަކަށް ވީ ރޭ ތަޖިކިސްތާނާއި ރާއްޖޭގެ މެޗެވެ. އެކަމަކު ތަޖިކިސްތާނުން 22-25 އިން ކާމިޔާބުކުރި ދެވަނަ ސެޓް ފިޔަވައި ދެން ކުޅުނު ތިން ސެޓްގައި ރާއްޖޭގެ ކުޅުން ތަފާތެވެ. ރާއްޖެ މި މެޗުން މޮޅުވީ 25-17 ،25-12 ،25-17އިން ސެޓްތައް ކާމިޔާބުކުރުމުންނެވެ.

މިއީ ކާވާގެ އަންހެން މުބާރާތުގެ ފައިނަލްގައި ރާއްޖެ ކުޅޭ ދެވަނަ ފަހަރެވެ. ފުރަތަމަ ކުޅުނީ 2019ގަ އެވެ. އެ ފައިނަލް މެޗު ރާއްޖެއަށް ވަނީ ގެއްލިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް