އިނގިރޭސި ޕްރިމިއަ ލީގު ޖެހިޖެހިގެން ހަތަރު ވަނަ ފަރަށް ރޭ ހޯދުމަށް ފަހު ސިޓީގެ ކުޅުންތެރިން ތައްޓާ އެކު

މެންޗެސްޓާ ސިޓީ

ޝައްކުކުރާނެ ޖާގައެއް ނެތް، ގާޑިއޯލާ އާއި މެންޗެސްޓަ ސިޓީ ހަމަ މޮޅީ

ލީގުގެ ފަހުކޮޅަށް އެޅުމާ އެކު ސިޓީން ދެއްކީ ޕްރެޝަރު އޮތަސް އެކަހަލަ ކޮންމެ ވަގުތެއްގައި ވެސް ފެންވަރު ދެއްކޭނެކަން. އެ ގާބިލްކަމުގެ ފަހަތުގައި ހުރީ ގާޑިއޯލާ
20 މޭ 2024

މިދިއަ ޑިސެމްބަރު މަހު އެސްޓަން ވިލާ އަތުން މެންޗެސްޓަ ސިޓީ ބަލިވުމާ އެކު ލީގު ޗެމްޕިއަންކަން ދިފާއުކުރެވިދާނެކަމާ މެދު އެތައް ބައެއްގެ ހިތުގައި ޝައްކު އުފެދުނެވެ. ކޮންމެ ކްލަބަކަށް ވެސް ރަސްކަން ކުރެވޭނެ ވަކި މުއްދަތެއް އޮންނާނެ އެވެ. ސިޓީން އިނގިރޭސި ލީގުގައި އޭރު އޮތީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެކަމަކު ސިޓީ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ރަސްކަން، އިނގިރޭސި ފުޓްބޯޅައިގައި އަދި ނިމެން ކައިރިނުވާކަން، އޭގެ ފަހުން ކުޅުނު 23 މެޗުން ބުނެދީފި އެވެ. އޭގެ ތެރެއިން 19 މެޗުން މޮޅުވި އެވެ. ހަތަރު މެޗުން ވީ އެއްވަރެވެ. ރޭ، ލީގުގެ އެންމެ ފަހު ދުވަހު، ސިޓީއަށް އޮތީ ވެސްޓް ހެމް ބަލިކުރުމެވެ. އެކަން 3-1ގެ ނަތީޖައިން ކުރީ ހަމަޖެހިލައިގެން، ޕްރެޝަރު އޮތަސް އެއީ ނެތް އެއްޗެއްކަން ސާބިތުކޮށްދެމުންނެވެ.

ބީބީސީގެ ފުޓްބޯޅައިގެ އިސް ލިއުންތެރިޔާ ފިލް މެކްނަލްޓީ ލިއުނު ގޮތުގައި ސިޓީގެ މި ކާމިޔާބީގެ ސިއްރު ދެނެގަންނަން އެއްވެސް ތަހުލީލެއް ބޭނުމެއް ނުވެ އެވެ. ހައިރާންކަން އުފެދެންޏާ އުފެދެން ވާނީ ސިޓީއަށް ޗެމްޕިއަންކަން ނުލިބުނު ނަމަ ކަމަށް، އޭނާ ބުންޏެވެ.

އެހާ ވެސް ސިޓީ މޮޅުވެފައި ކޮންމެ ހާލަތަކަށް ވެސް ފެތެ އެވެ.

ރޭގެ ފަހު މެޗުތަކަށް ނުކުތް އިރު އާސެނަލް އޮތީ ސިޓީއާ ވިއްދައިގެންނެވެ. ސިޓީގެ މެޗު އެއްވަރުވެ، އެވަޓަންގެ އަތުން އާސެނަލް ހޯދި 2-1ގެ ނަތީޖާ އިން ލީގު ނިމުނު ނަމަ ޗެމްޕިއަންކަން ލިބުނީހީ އާސެނަލްއަށެވެ.

އޭގެ ދެވަނައެއް މިވަގުތު ނެތް ޕެޕް ގާޑިއޯލާ އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި އުފުލާލަނީ

ނަމަވެސް ސިޓީގެ ފެންވަރަށް ބަލާއިރު އަދި ގާޑިއޯލާ އޭނާގެ ކުޅުންތެރިންގެ ކިބައިން ނެރޭ ހުނަރާއި ހިތްވަރަށް ނަޒަރު ހިންގާ މީހަކަށް، އެފަދަ މެޗެއްގައި ބޮނޑިއެއްބޯ ވަރަށް ވުރެ ސިޓީގެ ގާބިލްކަން ބޮޑުކަން އެނގޭނެ އެވެ. 

އިނގިރޭސި ފުޓްބޯޅައިގައި ސިޓީއާ ވާދަކުރެވޭ ވަރުގެ ޓީމެއް އަދި ނެތެވެ. އާސެނަލް އާއި ލިވަޕޫލުން މިދިއަ ހަތަރު އަހަރު ފަހަތުން ވިއްދި އެވެ. އެކަމަކު އެއީ ސިޓީގެ މައްޗަށް ކާމިޔާބު ހޯދޭވަރުގެ ވިއްދުމެއް ނޫނެވެ. ރޭ އެތައް ހާސް ސަޕޯޓަރުންގެ ތަރުހީބާ އެކު ލިވަޕޫލަށް އަލްވަދާއުކީ ކޯޗު ޔާގެން ކްލޮޕްއަށް އެކަން އެނގޭނެ އެވެ. މިހާރު އެ ތަޖުރިބާ ކުރަމުން އެ އަންނަނީ އާސެނަލްގެ މިކޭލް އާޓެޓާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް