އިނގިރޭސި ޕްރިމިއަ ލީގުގެ ފަހު ރޭ މެންޗެސްޓަ ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނުމަށް ފަހު ފިލް ފޯޑެން އުފާ ފާޅުކުރަނީ
ގާޑިއޯލާގެ މެންޗެސްޓަ ސިޓީން ޕްރިމިއަ ލީގުގެ ރެކޯޑެއް، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތަށި ހޯދައިފި
މި ސީޒަންގައި ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފިލް ފޯޑެންއަށް ލިބުނީ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިން ދެ ލަނޑުގެ އެހީތެރިކަމާ އެކު ވެސްޓް ހެމް 3-1 އިން ބަލިކޮށް، ޕްރިމިއަ ލީގުގައި މެންޗެސްޓަ ސިޓީ މިރޭ ރެކޯޑެއް ހަދައިފި އެވެ: ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތަށި ހޯދައިގެންނެވެ.
ދެވަނާގައި އޮތް އާސެނަލް އާއި ސިޓީގެ ތެރެއިން ޗެމްޕިއަންކަން ހޯދާނީ ކޮން ބައެއްކަން ކަށަވަރުކުރަން، ލީގުގެ ފަހު ރޭ އޮތް ވާދަވެރިކަމުގައި އާސެނަލް ވަނީ އަމިއްލަ ދަނޑުގައި އެވަޓަން 2-1 އިން ބަލިކޮށްފަ އެވެ. ނަމަވެސް ވެސްޓް ހެމްގެ މައްޗަށް ސިޓީގެ އަމިއްލަ ދަނޑުގައި ހޯދި ކާމިޔާބީއާ އެކު ސިޓީ އަތުލެވޭ ގޮތެއް އާސެނަލްއަކަށް ނުވި އެވެ.
ޕްރިމިއަ ލީގުގެ ފަހު ނަތީޖާ، ގަދަ ފަހެއް
-
1-
މެންޗެސްޓަ ސިޓީ، ކުޅުނު 38، ޕޮއިންޓް 91 (ފައިދާ ގޯލް: 62)
-
2-
އާސެނަލް، ކުޅުނު 38، ޕޮއިންޓް 89 (ފައިދާ ގޯލް: 62)
-
3-
ލިވަޕޫލް، ކުޅުނު 38، ޕޮއިންޓް 82
-
4-
އެސްޓަން ވިލާ، ކުޅުނު 38، ޕޮއިންޓް 68
-
5-
ޓޮޓެންހަމް، ކުޅުނު 38، ޕޮއިންޓް 66
ފުރަތަމަ ހާފުގެ 18 މިނިޓްގެ ތެރޭގައި ފޯޑެން ދެ ލަނޑު ޖެހި އެވެ. އާސެނަލްގެ ސަޕޯޓަރުންނަށް ދެން ހިތްވަރު ލިބުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހެމް 2-1 އަށް ނަތީޖާ ބަދަލުކޮށްލުމުންނެވެ.
އެކަމަކު ދެވަނަ ހާފުގެ 59 ވަނަ މިނިޓްގައި މިޑްފީލްޑް ކުޅުންތެރިޔާ ރޮޑްރީ ވަނީ ނަތީޖާ 3-1އިން ތަފާތުކޮށްލައި، ކޯޗު ޕެޕް ގާޑިއޯލާގެ ޓީމަކީ، ޕްރިމިއަ ލީގުގައި މުޅިން ތަފާތު ބައެއްކަން ސާބިތުކޮށްދީފަ އެވެ.
ވިހި އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ނެގުމުގެ އުއްމީދުގައި އޮތް އާސެނަލްއަށް މައްސަލަ ދިމާވީ ލީގުގެ ފަހު ހަ މެޗަށް އެޅުނު ހިސާބުން، އެސްޓަން ވިލާ އަތުން ބަލިވެގެންނެވެ. އޭގެ ކުރިން އާސެނަލްއިން ގެންދިޔައީ ސިޓީއަށް ވުރެ ދެ ޕޮއިންޓްގެ ތަފާތެއް ދަމަހައްޓަމުންނެވެ.
ނަމަވެސް ސިޓީގެ ފަހު މެޗުތަކުގައި އެންމެ ޕޮއިންޓެއް ވެސް ގެއްލުވާ ނުލައި، އައީ މޮޅުވަމުންނެވެ. އެއާ އެކު ލީގުގެ އެންމެ ފަހު ރޭ، އެއްވަގުތެއްގައި ކުޅުނު 10 މެޗުގެ ތެރެއިން ސިޓީ އާއި އާސެނަލްގެ ދެ މެޗަށް ލީގު އޮތީ ހުއްޓިފަ އެވެ.