ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއަ ބޯޅަ ހިފައިގެން ބަޔާން މިޔުނިކްގެ އޭރިޔާ ތެރެއަށް ވަންނަނީ

ކޮބާ ހީވޭ! ފަހު ވަގުތުގެ ޖާދުވީ ދެ ލަނޑުން ރެއާލް އެދިޔައީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހު ދެ މިނިޓަށް ވީއިރު ވެސް ބަޔާން މިޔުނިކް އޮތީ 1-0 އިން ކުރީގައި. ނަމަވެސް ހޮސެލޫ ޖަހާލި ދެ ލަނޑުން ނަތީޖާ ބަދަލުކޮށްލި
9 މޭ 2024

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހު ދެވަނަ މިނިޓަށް އެޅުނު އިރު ވެސް ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ސަޕޯޓަރުން ތިބީ ބަޔާން މިޔުނިކްގެ އަތުން މި ލިބެނީ މޮޅަކަށް ވުރެ ބައްޔެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް ފަހު 10 މިނިޓްގައި ކުޅެން ނުކުތް ހޮސެލޫގެ ހުށިޔާރުކަމާއި ކުޅަދާނަކަމުގައި 2-1 އަށް ނަތީޖާ ބަދަލުކޮށްލީ ހައިރާންކޮށްލައިފަ އެވެ.

ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން ނިމިފައި އޮތުމުން މޮޅަކީ ކޮންމެ ޓީމަކަށް ވެސް 1 ޖޫންގައި ލަންޑަންގެ ވެމްބްލީގައި އޮންނަ ފައިނަލަށް ދިއުމުގެ ކަށަވަރު ޓިކެޓެވެ.

ހަމަލާތަކާއި އަވަސް ކުޅުމުން ފުރިފައި އޮތް، ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު މި ދެ ޓީމުގެ ވާދަވެރިކަމުގެ ތިލަފަތް ބަޔާންގެ ކޮޅަށް ބަރުވީ 68 ވަނަ މިނިޓްގައި އަލްފަންސޯ ޑެވީސް ޖަހާލި ރީތި، މޮޅު ލަނޑުންނެވެ.

މިހާ ހިސާބުން ވެސް ރެއާލްގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. މިހާތަނަށް 14 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޓީމަކީ މި މުބާރާތުގައި ބަލިކުރަން އެންމެ އުނދަގޫ ޓީމުކަން ސާބިތުކޮށްދިނުމުގެ ޒިންމާ އެ ކުޅުންތެރިން ނެގި އެވެ. ނަތީޖާއަކީ 88 ވަނަ މިނިޓްގައި ވިނީޝިއަސް ޖޫނިއަ ފޮނުވާލި ހަމަލާ، ބަޔާންގެ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާގެ އަތުގައި ޖެހިފައި ވެއްޓުނު ވަގުތުގެ ބޭނުން ހޮސެލޫ ހުށިޔާރުކަމާ އެކު ހިފުމެވެ. އޭނާ ޖައްސާލި ބޯޅަ ގޯލަށް ވަނީ ނޯޔާގެ ދެ ފައި ދޭތެރެއިންނެވެ.

އިތުރު ވަގުުތަށް ނުވަ މިނިޓް ދިނެވެ. ހޮސެލޫގެ ދެވަނަ ލަނޑު އައީ 91 ވަނަ މިނިޓްގައި އެންޓޯނިއޯ ރުޑިގާ ގޯލުގެ ހަމަ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިގެންނެވެ.

ފަހު ނުވަ މިނިޓަކީ މެޗުގެ ވެސް އެންމެ ފޯރިގަދަވި ވަގުތުކޮޅެވެ. ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އާއި އެހެން އޮފިޝަލަކަށް ރެފްރީ ރީނދޫ ކާޑު ވެސް ދެއްކި އެވެ. އެ ފޯރިގަނޑުގައި ވެސް ބަޔާނަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ފައިނަލްގައި ރެއާލް ނުކުންނާނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް