ރޭ ކްރިސްޓަލް ޕެލެސް އިން ލަނޑެއް ޖަހައި އުފާ ފާޅުކުރާއިރު މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން ހިތާމައިގައި

ޔުނައިޓެޑްގެ 'އުނދަގޫ ބޮޑު' ދިވެހި ސަޕޯޓަރުން މުޅިން ހިމޭންކޮށްލައިފި

އެހެން ނޫން ނަމަ ޕްރިމިއަ ލީގުގެ މިހާ ހިސާބަށް ދާއިރު ރާއްޖޭގެ ސޯޝަލް މީޑިއާގައި މެންޗެސްޓަ ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުން އޮންނާނީ އެހެން މީހުންނަށް މަލާމާތްކުރުން
7 މޭ 2024

އިނގިރޭސި ޕްރިމިއަ ލީގު ނިމޭ ކޮޅަށް ޖަހާލާއިރު މެންޗެސްޓަ ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުންގެ އަނގަތެޅުމާއި ފޮނިކެނޑުމާއި އެހެން ޓީމުތަކަށް މަލާމާތްކުރުމުގެ އުނދަގުލުން މިފަހަރު ވެސް މި އޮތީ ސަލާމަތްވެފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ޓީމަށް މިހާރު ދިމާވާ ކަންކަން ކިތައްމެހާ ވެސް ދެރަ އެވެ. ރޭ ވެސް ކްރިސްޓަލް ޕެލެސް އަތުން އެ ބަލިވީ 4-0 އިންނެވެ.

އަގު ބޮޑު ކުޅުންތެރިން ގިނަ ޔުނައިޓެޑަށް މިހާރު ކުރިމަތިވެފައި މި އޮތީ ހުސް ބައްޔެވެ. މިދިއަ ހަތް މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ރޭގެ ބޮޑު ބައްޔާ އެކު ޕްރިމިއަ ލީގުގެ އަށް ވަނަ ވެއްޓިއްޖެ އެވެ. މާ ފަހަތުގައި އޮތް ޗެލްސީ ވެސް މިހާރު ޔުނައިޓެޑަށް ވުރެ ކުރިއަށް އެއް މަގާމު ޖެހިލީ އެވެ.

ކޯޗު އެރިކް ޓެން ހޭގް ވެސް އެއްބަސްވެ އެވެ. މިއީ ހަމަ އާދަޔާ ހިލާފު ދަށް ކުޅުމެކެވެ. ފުރަތަމަ 11ގެ 10 ކުޅުންތެރިން އަނިޔާގައި ތިބުމަކީ، ޓެން ހޭގް އާއި ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުންނަށް ދެއްކިދާނެ އުޒުރެކެވެ. 

ޔުނައިޓެޑް މިހާރު ވެއްޓިފައި އޮތް ފުން ވަޅުގަނޑުގެ ކުރު ތަފުސީލީ ހިސާބުތަކަށް ޖެހިލަމާ ހިނގާށެވެ.

  • މިއީ 77-1976 ސީޒަނުގެ ފަހުން އެއް ސީޒަނެއްގައި ޔުނައިޓެޑްގެ ކޮޅަށް 81 ލަނޑު ވަން ފުރަތަމަ ފަހަރު

  • ރޭގެ ނަތީޖާއަކީ މި ސީޒަންގައި ޔުނައިޓެޑްގެ އެންމެ ތަފާތު ބޮޑު ބަލި

  • ޕްރިމިއަ ލީގު އުފެއްދި ފަހުން މިހާތަނަށް ޔުނައިޓެޑް ހަތް ވަނައަށް ވުރެ ދަށަށް ވެއްޓިފައެއް ނުވޭ. މި ވަގުތު އޮތީ އަށް ވަނާގައި

  • މިއީ ޕްރިމިއަ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި ޔުނައިޓެޑް އެންމެ ގިނައިން ބަލިވި ފަހަރު. މިހާތަނަށް 13 ބަލި

  • މައިނަސް (ނުވަތަ ގެއްލުން) ގޯލާ އެކު ޕްރިމިއަ ލީގުގައި ޔުނައިޓެޑް މިހާތަނަށް ސީޒަނެއް ނިންމާފައެއް ނުވޭ. އެންމެ ފަހުން ގެއްލުން ގޯލާ އެކު ނިންމީ އެއްވަނަ ޑިވިޒަންގައި 90-1989ގެ ސީޒަން. އެއީ ގެއްލުމުގެ އެންމެ ގޯލެއް. މި ވަގުތު ޔުނައިޓެޑްއަށް ތިން ގޯލު ގެއްލުން.

މެންޗެސްޓަ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހޭގް

ޓެން ހޭގްގެ ކުރިމަގާ މެދު ކިތައްމެ ސުވާލެއް އެބަ އޮތެވެ. ނަމަވެސް އޭނާ ވެސް ބުނަނީ އަނިޔާގެ މިހާ ބޮޑު މައްސަލައެއް މުޅި ކެރިއަރުގައި ވެސް ކުރިމަތިނުވާ ކަމަށެވެ.

މި ހަމްދަރުދީ ބައެއް މީހުންގެ ހިތުގައި ވެސް އޮވެދާނެ އެވެ. އެކަމަކު ލިވަޕޫލްގެ ކުރީގެ ދިފާއީ ކުޅުންތެރިޔާ ޖެމީ ކަރެކާގެ އެ ހަމްދަރުދީއެއް ނެތެވެ.

"މިއީ ޕްރިމިއަ ލީގުގައި އެންމެ ފެންވަރު ދަށްކޮށް ކޯޗުކޮށްދީފައި އޮތް ޓީމު،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޔުނައިޓެޑްގެ 23 އަހަރުން ދަށުގެ ޓީމު ވެސް ރޭ އެ ބަލިވި ގޮތަށް ބައްޔެއް ނުވާނެ އެވެ. އެހެންކަމުން ޓެން ހޭގްގެ ކޮންމެވެސް އިތުބާރެއް ޓީމަށް އޮންނަން ޖެހޭނެ ކަމަށް ކަރެގާ ބުންޏެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ފުރުސަތު ޔުނައިޓެޑްއަށް އަދި ބަންދެއް ނުވެ އެވެ. މިސާލަކަށް އެފްއޭ ކަޕް ފައިނަލްގައި މެންޗެސްޓަ ސިޓީ ބަލިކޮށްފި ނަމަ ޔޫރޮޕާ ލީގަށް ދާނެ އެވެ.

ދެން މި އޮތީ ދިވެހި ސަޕޯޓަރުންގެ ވާހަކަ އެވެ. ޔުނައިޓެޑަށް މިހެން ވާން، އިދިކޮޅު ސަޕޯޓަރުން ވެސް އަސްލު ބޭނުމެއް ނުވާނެ އެވެ. ޔުނައިޓެޑްގެ ވާދަވެރިކަން ނެތި މޮޅުވުމަކީ އޮތް އުނިކަމެކެވެ. ނަމަވެސް ޔުނައިޓެޑް މަތި އުޑުގައި އުޅުނު ދުވަސްވަރު ސަޕޯޓަރުން އެހެން ޓީމުތަކަށް ކުރި މަލާމާތް ރައްދުވި މީހުންނަށް މިއީ ހިތްހަމަޖެހުމުގެ ވަގުތުކޮޅެކެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް