ސްޕެއިންގެ ލަ ލީގައި ރޭ ކުޅުނު މެޗުގައި ކާޑިޒް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
އެހެން ލީގުތަކުގެ ވާދަ ނިމި ޗެމްޕިއަނުން އެނގިއްޖެ، އެކަމަކު އިނގިރޭސި ލީގު އަދިވެސް 'ވާނުވާގައި'
ރޭ ޖިރޯނާ އަތުން 4-2 އިން ބާސެލޯނާ ބަލިވެ، ކާޑިޒްގެ މައްޗަށް ރެއާލް މެޑްރިޑުން ހޯދި 3-0ގެ ކާމިޔާބީއާ އެކު ލަ ލީގާގެ ޗެމްޕިއަންކަން ރެއާލްއަށް ކަށަވަރުވީ އެވެ.
އޭގެ މާ ކުރިން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާ ލެވަކޫސަން، އިޓަލީ ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާން އަދި ފްރާންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އޮތީ ކަށަވަރުކޮށްފަ އެވެ.
ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު އިނގިރޭސި ޕްރިމިއަ ލީގުގެ ވާދަ، ފަހު ތިން މެޗަށް އެޅިއިރު ވެސް ހައްތަހާ މި އޮތީ ބޮޑުވެފަ އެވެ. ރޭ އާސެނަލް އާއި މެންޗެސްޓަ ސިޓީގެ މެޗުތަކުން މޮޅުވުމުން ލީގު ޗެމްޕިއަންކަން ދެން ވެސް 'ވާނުވާ'އަށް ވެއްޓުނީ އެވެ.
ބޯންމައުތުގެ މައްޗަށް އާސެނަލް އިން ހޯދި 3-0ގެ ކާމިޔާބީ އާއި ވުލްވްސް އަތުން ސިޓީ 4-1 އިން މޮޅުވުމުން ދެ ޓީމު އެ އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުގަ އެވެ. އެކަމަކު އާސެނަލް ވަނީ ސިޓީއަށް ވުރެ އެއް މެޗު ގިނައިން ކުޅެފަ އެވެ.
އިނގިރޭސި ލީގުގެ ގަދަ ފަހެއް
-
1-
އާސެނަލް، ކުޅުނު 36، ޕޮއިންޓް 83 (ފައިދާ ގޯލް: 60)
-
2-
މެންޗެސްޓަ ސިޓީ، ކުޅުނު 35، ޕޮއިންޓް 82، (ފައިދާ ގޯލް: 54)
-
3-
ލިވަޕޫލް، ކުޅުނު 35، ޕޮއިންޓް 75، (ފައިދާ ގޯލް: 41)
-
4-
އެސްޓަން ވިލާ، ކުޅުނު 35، ޕޮއިންޓް 67
-
5-
ޓޮޓެންހަމް، ކުޅުނު 34، ޕޮއިންޓް 60
މިހާރުގެ މި ހާލަތަށް ބަލާއިރު އާސެނަލްއަށް ފުރުސަތު އޮތީ ކުރިއަށް އޮތް ދެ މެޗުން މޮޅުވެ، ސިޓީގެ ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެގެންނެވެ. އޭރުން ދެ ޓީމުގެ ޕޮއިންޓް 89 އިން އެއްވަރުވެ، ލަނޑުގެ ތަފާތަށް ބަލަން ޖެހޭ އިރު އާސެނަލްއަށް ފުރުސަތު ބޮޑެވެ.
އިނގިރޭސި ލީގުގެ ވާދަވެރިކަން މިހާ ބޮޑުވުމުން ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ވެސް އޮތީ ނޭވާ ހިފަހައްޓާލަން ޖެހޭ ދުވަސްތަކެކެވެ.