ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އާސެނަލް މުޅިން ތަފާތު އެކަމަކު ސިޓީން އެބުނަނީ 'އާނދޮގޭ'

އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދާނެ ޓީމަކާ މެދު އަދިވެސް އޮތީ އެހާމެ ބޮޑު ސުވާލަކާއި ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުތަކެއް
29 އޭޕްރީލު 2024

އިނގިރޭސި ޕްރިމިއަ ލީގުގެ މުޅި ތާރީހުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން އާސެނަލްއަށް، އެ ޓީމުގެ އެންމެ ވާދަވެރި ޓީމު ބަލިކުރެވިފައެއް ނުވެ އެވެ. ނަމަވެސް ރޭ ހޯދި 3-2ގެ ކާމިޔާބީއަކީ އެ ތާރީހު ވެސް ބަދަލުކޮށްލުމެވެ.

އާސެނަލްއަށް ލިބުނު މި މުހިންމު މޮޅުގެ އަނެއް ހެވަކީ ތާވަލްގެ އެއްވަނައިން ނުވެއްޓި ކުރިއަށް ދިއުމެވެ. އެކަމަކު އެ މެޗަށް ފަހު ރޭ ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް މެންޗެސްޓަ ސިޓީ އެ ބުނަނީ 'އާނދޮގޭ' އަހަރެމެން މި ތިބީ ތިހެން އަދި ދޫކުރާ ގޮތަށް ނޫން ކަމެވެ.

އާސެނަލް ކުރީގައި އޮތީ، މިދިއަ ތިން ސީޒަންގެ ޗެމްޕިއަން ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއް ތަފާތުންނެވެ. އެކަމަކު އެއީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެހެންކަމުން 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަ ލީގު ނެގެން އާސެނަލްއަށް އޮތީ ސިޓީގެ ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން މަދުވެގެން ދެ ޕޮއިންޓް ގެއްލި، އާސެނަލްގެ ތިން މެޗުން މޮޅުވެގެންނެވެ.

ފުރަތަމަ ހާފުގެ 38 ވަނަ މިނިޓްގައި އާސެނަލް އޮތީ 3-0އިން ކުރީގަ އެވެ. އެކަމަކު މެޗުގެ ފަހު 30 މިނިޓްގައި ޓޮޓެންހަމް ދެއްކީ ވަރުގަދަ ކުޅުމެކެވެ. ނަތީޖާއަކީ ދެ ލަނޑު ޖަހައި، ތިން ވަނަ ލަނޑަކަށް ވެސް ނުރައްކާތެރި ހަމަލާތައް ފޮނުވާލުމެވެ.

އާސެނަލްގެ ފެންވަރުގައި މި މެޗު ނުކުޅެވުނަސް މިއީ ފެންވަރަށް ވުރެ ޕޮއިންޓް މުހިންމު ހާލަތަކަށް ވާތީ ތިން ޕޮއިންޓާ އެކު ނިންމާލުމަށް ވުރެ ބޮޑު އުފަލެއް ކޯޗު މިކޭލް އާޓެޓާއަށް ވެސް ނެތެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 35، ޕޮއިންޓް 80 (ފައިދާ ގޯލް: 57)

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 34، ޕޮއިންޓް 79 (ފައިދާ ގޯލް: 50)

  • 3-

    ލިވަޕޫލް، ކުޅުނު 35، ޕޮއިންޓް 75 (ފައިދާ ގޯލް: 41)

  • 4-

    އެސްޓަން ވިލާ، ކުޅުނު 35، ޕޮއިންޓް 67

  • 5-

    ޓޮޓެންހަމް، ކުޅުނު 33، ޕޮއިންޓް 60

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް