ރޭ ބްރައިޓަން 4-0 އިން ބަލިކުރަން ދެ ލަނޑު ޖެހި ފިލް ފޯޑެން ވަށާލައިގެން މެންޗެސްޓަ ސިޓީގެ ކުޅުންތެރިން

އާސެނަލްގެ ދިވެހި ސަޕޯޓަރުންގެ އެސްފީނާގައި ސިޓީ ނުޖެހުނު

އިނގިރޭސި ޕްރިމިއަ ލީގުގެ ފަހުކޮޅަށް އަޅާލިއިރު އާސެނަލް އާއި ސިޓީ އަދި ލިވަޕޫލް ދާދި އެއްހަމައެއްގައި އުޅުމުން އެ ޓީމުތަކުގެ ދިވެހި ސަޕޯޓަރުން އެއްބަޔަކު އަނެއް ބަޔަކަށް ކުރަނީ ބަދުދުއާ
26 އޭޕްރީލު 2024

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ބްރައިޓަން 4-0 އިން ބަލިކޮށް ތާވަލްގެ ދެވަނައަށް އެރުމަކީ އާސެނަލްގެ ދިވެހި ސަޕޯޓަރުންގެ ބަދުދުއާތަކާއި އެސްފީނާއިން އެ ޓީމު އަދި އޮތީ ސަލާމަތުންކަން ސާބިތުކޮށްދިން ނަތީޖާއެކެވެ.

ރޭ ބްރައިޓަން އަތުން ސިޓީއަށް މޮޅުނުވެވުނު ނަމަ އާސެނަލްއަށް އެ ނަތީޖާ ވީހީ ބޮޑު ރަންގަނޑަކަށެވެ. ނަމަވެސް މިދިއަ ތިން އަހަރުގެ ޗެމްޕިއަން ސިޓީއަކީ މިކަހަލަ ޕްރެޝަރު ބޮޑު މެޗުތަކުގައި ވެސް ހަމަޖެހިލައިގެން ކުޅޭނެ ޓީމެއްކަން އެ އޮތީ ބުނެދީފަ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް މަގާމެއް އަދާކުރެއްވުމުގެ އިތުރުން ހިއުމަން ރިސޯސަސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް ހުސެއިން ފަދަ އާސެނަލްއަށް މަރުދޭ ދިވެހި ސަޕޯޓަރުން ރާއްޖޭގައި ގިނަ އެވެ. އެކަމަކު އިނގިރޭސި ޕްރިމިއަ ލީގުގެ ތަށީގައި އަތް ނުލެވި މި މަހު 20 އަހަރު ވީ އާސެނަލްއަށް މިފަހަރު ވެސް ވާނީ ކިހިނެއްކަން ނޭނގޭ ހިސާބަށް ސިޓީ އޮތީ ވިއްދައިފަ އެވެ.

އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެ މިހާރު ސިޓީ ދެވަނާގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 34، ޕޮއިންޓް 77 (ފައިދާ ގޯލް: 56)

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 33، ޕޮއިންޓް 76 (ފައިދާ ގޯލް: 48)

  • 3-

    ލިވަޕޫލް، ކުޅުނު 34، ޕޮއިންޓް 74 (ފައިދާ ގޯލް: 41)

  • 4-

    އެސްޓަން ވިލާ، ކުޅުނު 34، ޕޮއިންޓް 66

  • 5-

    ޓޮޓެންހަމް، ކުޅުނު 32، ޕޮއިންޓް 60

މިދިއަ ސީޒަންގެ ބޮޑު ބައިގައި ވެސް ތާވަލްގެ އެއްވަނާގައި އޮވެފައި އާސެނަލް މަގުން ކައްސާލީ ފަހުކޮޅު ޓީމުގެ ކުޅުން ހަމައިން ނެއްޓުމުންނެވެ. އެކަމަކު މިފަހަރު އެއަށް ވުރެ ޓީމު ހަރުދަނާކަމާއި ހިތްވަރުގަދަކަން، އެންމެ ފަހުން ކުޅުނު ދެ މެޗުން ސާބިތުކޮށްދިނެވެ.

އާސެނަލްއަށް ޗެމްޕިއަންކަން ލިބޭނީ ސިޓީއަށް ޕޮއިންޓްކޮޅެއް ގެއްލިގެންކަން ދިވެހި ސަޕޯޓަރުންނަށް ވެސް އެނގެ އެވެ. އެހެންކަމުން އާސެނަލްގެ މެޗުތަކުން މޮޅުވެފައި ދެން އޮންނާނީ ސިޓީ އާއި ލިވަޕޫލަށް ބަދުދުއާކުރުމެވެ. ރާއްޖޭގައި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ މެންޗެސްޓަ ޔުނައިޓެޑް، މިފަހަރު މާ ފަހަތުގައި އުޅޭތީ، އެއީ އާސެނަލް އާއި ސިޓީ އަދި ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބޭ ހަމަޖެހުމެކެވެ.

ރޭގެ މެޗުން ސިޓީ މޮޅުކޮށްދޭން ފިލް ފޯޑެން ދެ ލަނޑު، ކެވިން ޑި ބްރޭނާ އާއި ޖޫލިއަން އަލްވަރޭޒް އެއްލަނޑު، ބްރައިޓަންގެ ގޯލަށް ވައްދާލި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް