ލިވަޕޫލް 2-0 އިން ބަލިކުރަން ލަނޑު ޖެހި ޑޮމިނިކް ކަލްވަޓް-ލެވިން ލަނޑު ޖެހުމަށް ފަހު ހިތްވަރު ދައްކާލަނީ

ލިވަޕޫލްގެ ދިވެހި ސަޕޯޓަރުން ކެތްތެރިވާތި! އަދިވެސް އެނބުރިދާނެ

ވާދަވެރިކަން ބޮޑު އެވަޓަންގެ ދަނޑުގައި ލިވަޕޫލް 2-0 އިން ރޭ ބަލިކުރުމަކީ އެވަޓަންއަށް މި ހާލަތުގައި ތަށި ލިބުންހާ ބޮޑު ކާމިޔާބީއެއް
25 އޭޕްރީލު 2024
1

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭ ގޮތަށް ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންނަށް މިހާރު މިއީ ކެތްތެރިވާން ޖެހޭ ވަގުތެކެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ބަލާ ނަމަ އެ ސަޕޯޓަރުންނަށް އޮތީ އުފަލެވެ. ހީކުރީ ދެން ލިވަޕޫލް ބަލިނުވެ، އިނގިރޭސި ޕްރިމިއަ ލީގު ނަގާނެ ކަމަށެވެ.

ނަމަވެސް މަންޒަރު އެނބުރިގެން މިދަނި އޮއްސޭ އިރުން ފާއްދާލާ ކުލަތަކެކޭ އެއްފަދައިންނެވެ. އެހާމެ އަވަހަށް، އެހާމެ ގިނަ ގޮތްގޮތަށް ނަތީޖާ އެބަ އެނބުރެ އެވެ.

ރޭ އެވަޓަންގެ ދަނޑު ގުޑިސަން ޕާކްގައި 2-0 އިން ލިވަޕޫލް ބަލިކުރުމަކީ އެވަޓަންގެ ސަޕޯޓަރުންގެ އަނގަ ވެސް ފެޅި ނަތީޖާއެކެވެ. މުޅި ދަނޑުގައި އިވެމުން ދިޔައީ 'ކަލޭމެންނަށް ލީގު ގެއްލުނީ ގުޑިސަން ޕާކްގައި'އޭ ކިޔައި ލެވި ހަޅޭއްކެވެ.

މިއީ އެވަޓަންއަށް އުފާވެރި ރެއެކެވެ. މިއީ 2010ގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލްގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅު ވެސް މެ އެވެ. މި މޮޅުގެ ނަތީޖާއަކީ ތާވަލްގެ އެއް ވަނާގައި އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލުމެވެ.

ރާއްޖޭގައި ލިވަޕޫލްގެ ސަޕޯޓަރުން ގިނަ އެވެ. މައުމޫނަކީ ރާއްޖޭގެ އެންމެ މަޝްހޫރު ލިވަޕޫލް ސަޕޯޓަރެވެ. އެވަޓަންގެ އަތުން ބަލިވުމާ އެކު މި އޮތީ ކެތްތެރިކަމުގެ ވަގުތު ފެށިފަ އެވެ. ލިވަޕޫލަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. އެކަމަކު އެއީ ކުރިއަށް އޮތް ހަތަރު މެޗުގައި އާސެނަލް އާއި މެންޗެސްޓަ ސިޓީއަށް ޕޮއިންޓްތަކެއް ގެއްލި ލިވަޕޫލަށް މޮޅުތަކެއް ހޯދިގެންނެވެ.

އެވަޓަން އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި 16 ވަނައިގަ އެވެ. މިހާތަނަށް ލިބުނީ 33 ޕޮއިންޓެވެ. މާލީ ކަންކަމުގައި ލީގުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އަދަބު ލިބި، އަށް ޕޮއިންޓް އޮތީ އުނިކޮށްފަ އެވެ. މި ހާލަތުގައި ރޭގެ މޮޅަކީ އެވަޓަންގެ ސަޕޯޓަރުންނަށް ތަށި ލިބުން ފަދަ ނަތީޖާއެކެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 34، ޕޮއިންޓް 77 (ފައިދާ ގޯލް: 56)

  • 2-

    ލިވަޕޫލް، ކުޅުނު 34، ޕޮއިންޓް 74، (ފައިދާ ގޯލް: 41)

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 32، ޕޮއިންޓް 73 (ފައިދާ ގޯލް: 44)

  • 4-

    އެސްޓަން ވިލާ، ކުޅުނު 34، ޕޮއިންޓް 66

  • 5-

    ޓޮޓެންހަމް، ކުޅުނު 32، ޕޮއިންޓް 60

ކޮމެންޓް (1)

profile-image-placeholder

ޢައްލާމް

25 އޭޕްރީލު 2024
ހަހަހާ، އިއްފަޓޯ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް